ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ ޗެއާމަންގެ މަޤާމަށް މުޙައްމަދު ޖައިޝް އިބްރާހީމް މިއަދު އައްޔަނުކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެޗްޑީސީގެ ޗެއާމަންގެ މަގާމަށް މުހައްމަދު ޖައިޝް އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އެޗް.ޑީ.ސީގެ ޗެއާމަންގެ މަޤާމަށް ޖައިޝް އައްޔަނުކުރައްވާފައިވާއިރު، އެކުންފުނީގެ ބޯޑުގައި ޖުމްލަ 6 ބޭފުޅަކު ޖައިޝްގެ އިތުރުން ތިއްބަވައެވެ. އެއީ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދާއި، ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާ މުހައްމަދު އަރްފާތާއި، އަބްދުﷲ ރަމީޒާއި، އަހުމަދު އާތިފްގެ އިތުރުން ހަސަން މުނީޒެވެ.
ޖައިޝް ސާނަވީ ތަޢުލީމު ހާޞިލުކުރައްވާފައިވަނީ މަޖީދިއްޔާ ސްކޫލުންނެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންހަމްފޮރެސްޓުން އާކިޓެކްޗަރގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައެވެ. އަދި އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސައުތު ކުއީންސްލޭންޑުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ ދާއިރާއިން ޖައިޝް ވަނީ މާސްޓާސް ހައްދަވާފައެވެ.
އެޗް.ޑީ.ސީގެ ޗެއާމަންގެ މަޤާމަށް އަލަށް އައްޔަނު ކުރެއްވި ޖައިޝް ވަނީ އެއަރޕޯޓާއި އޭވިއޭޝަންގެ ދާއިރާގައި 15 އަހަރު މަސައްކަތް ކުރައްވާފައެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޕްރޮޖެކްޓް ހެޑެއްގެ ގޮތުގައާއި، ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގެ ޑިރެކްޓަރެއްގެ މަޤާމުންވެސް އޭނާ ފުރުއްވާފައި ވެއެވެ.



