ށ. ބިލެތްފަހިން ކަރަންޓު ކެނޑިއްޖެއެވެ.
ބިލެތްފަހި ކައުންސިލްގެ ރައީސް ޢަބްދުﷲ ޒިޔާދު މިނޫހަށް ވިދާޅުވިގޮތުގައި އެރަށުން ކަރަންޓު ކެނޑިފައިވަނީ މިއަދު ހަވީރު 04:30 ހާއިރުއެވެ. އޭގެފަހުން އަދިވެސް ކަރަންޓު ނާންނަކަމަށް ޒިޔާދު ހާމަކުރެއްވިއެވެ.
ޒިޔާދު ވިދާޅުވީ ކަރަންޓު ކެނޑުނު ސީދާ ސަބަބު ނޭނގޭކަމަށާއި، މައްސަލަ ޙައްލުކުރުމަށް ފެނަކައިން މިހާރުވެސް މަސައްކަތްކުރަމުންދާކަމަށެވެ.
ބިލެތްފަހި އިންޖީނުގޭގާއި ޖުމްލަ 3 އިންޖީނެއް ހުންނައިރު، މައްސަލަ ޖެހިގެން އުޅެނީ އެރަށު އިންޖީނުގޭގައި ހުރި އެންމެ ބޮޑު އިންޖީނެވެ. އެއީ 250 ކިލޯވޯޓުގެ އިންޖީނެކެވެ.
ޒިޔާދު ވިދާޅުވީ، މިހާރު އެރަށުގައި ބޭނުންކުރަމުންދާ އިންޖީނުގޭ ޙާލަތު މިހާރު ހުރީ ވަރަށް ދަށްވެފައިވާކަމަށާއި، އާ އިންޖީނުގެއަކަށް ބަދަލުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އަދި ކަރަންޓު ކެނޑުނު މައްސަލައަކީ އަބަދުވެސް ދިމާވާ މައްސަލައަކަށްވާއިރު، މިފަހަކަށް އައިސް އެކަން ބޮޑުވެފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ފަހުކޮޅު ބިލެތްފަހި އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.