އިކޮނޮމިކް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސޮއި ނުކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އާއި ހަވާލާދީ ވިދާޅުވެފައިވަނީ އޭނާ ގަބޫލު ކުރާގޮތުގައި އެންމެ ކުރިންވެސް އަދި އެންމެ ފަހުންވެސް ރައީސް ނަޝީދު ސޮއި ނުކުރައްވާނެ އެވެ. އަދި އޭނާ އާ ދޭތެރޭ އިތުބާރު ނެތް ކަމެއް އޮތް ނަމަ އެކަން އޭނާ އާއި ހިއްސާކޮށް ރަނގަޅުކުރަން ބުނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް އެމްޑީޕީ މެންބަރުންތަކެއް އިސްވެ ދަނީ މަސައްކަތް ކުރައްވަމުންދަނީ ވައުދުވި ބައެއް ކަންކަން ފުއްދުމުގައި ފެއިލްވެފައިވާ ކަމަށް ބުނެއެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އެމްޑީޕީގެ ހުރިހާ މެންބަރުން ތާޢީދު ނުކުރާކަން އެނގިގެންދަނީ، ފައްޔާޒުގެ ދިފާޢުގައި މީސްމީޑިއާގައި އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންވެސް ވާހަކަ ދައްކަމުންދާތީއެވެ.
މިކަމާއި ގުޅިގެން “ޖަޒީރާ” އަށް ދިން އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އުޅޭކަން އެނގުނީ މީޑިއާއަށް އެ ވާހަކަ ތިލަވުމާއެކު ކަމަށާއި، އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ ފަދަ ކަމެއް ކުރައްވާފައިނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އޭނާގެ މަސައްކަތާމެދު ހިތްހަމަނުޖެހިގެން ނުވަތަ ކަންބޮޑުވެގެން ވެސް އެއްވެސް މަޖިލިސް މެންބަރަކު ވެސް އެކަން ހިއްސާ ކުރައްވާފައިނުވާކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ފައްޔާޒު ވިދާޅުވީ، އޭނާ ނިސްބަތްވާ ޕާޓީއިން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުންދާއިރު އޭގެން އެނގިގެން ދަނީ ޑިމޮކްރަސީ އޮތްކަން ކަމަށާއި އެކަމާ އުފާ ކުރައްވާކަމަށެވެ.
ވަޒީރެއްގެ އިތުރުބާރު ނެތް މައްސަލައެއް މަޖިލީހަށް ވެއްދުމަށް ބޭނުންވާނީ ދިހަ މެމްބަރުން ސޮޔެވެ. އެކަމަކު ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ކުރަން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު 65 މެމްބަރުންނާއެކު އެމްޑީޕީއަށް ވަނީ ސުޕަ މެޖޯރިޓީ ލިބިފަ އެވެ.




