ދިވެހި ރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާން ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
މިއަދު ބޭއްވުނު ޖޭއެސްސީ ގެ 55 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ އިސްފަނޑިޔާރު ޝުޖާޢު އާއި އެހެން ފަނޑިޔާރުން ތަކެއް، ގއ. ގެމަނަފުށީ ފަރާތަކާއި ބައްދަލުކޮށް ޖަލުގައި ހުރި ފަރާތެއްގެ މައްސަލަ ވަކި ގޮތަކަށް ނިންމުމާ ގުޅޭ ގޮތުންނާއި ރިޔާސީ ކެނޑިށޭޓަކަށް ވޯޓު ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކޮށަފައިވާކަމަށާއި، އާންމު ފަރާތެއް ސިޔާސީ ޕާޓީއަކަށް ސޮއި ކުރުވުމުގައި އިސްފަނޑިޔާރު ޝުޖާޢު ބައިވެރިވިކަމަށާއި އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔަސީ ކެނޑިޑޭޓަކަށް ވޯޓު ހޯދުމުގެ ގޮތުން ގއ. ވިލިގިނލީ ގެއެއްގައި ބޭއްވި ބައްދަލުވުމެއްގައި އިސްފަނޑިޔާރު ޝުޖާޢު ބައިވެރިވިކަން އެނގެން އޮށް ކަމަށެވެ.
އަދި އިސްފަނޑިޔާރު ޝުޖާޢު ސިޔާސީ ހަރަކާތްތަކެއްގައި ފުޅާ ދާއިރާއެއްގައި ބައިވެރިވެ ހަރަކާތްތެރިވެފައިވާކަން ސާބިތުވެފައިވާތީ، ފަނޑިޔާރު ޝުޖާޢުގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުކަމުގެ ޤާނޫނުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ޢަމަލެއް ކަމަސް ވާތީ އާއި އިސްފަނޑިޔާރު ޝުޖާޢުގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންކޮށފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ އަމަލެއް ކަމަށެވެ.
އެހެނަކަމުން ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނު) ގެ ދަށުން، އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާން ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުން މަޖިޅިހަށް ހުސަލެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ނިންމާފައި ވެއެވެ.