ތ. ތިމަރަފުށްޓަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިމަރަފުށްޓަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ހައްޔަރު ކޮށްފައިވަނީ، މާލެއިން ފުރައިގެން ތިމަރަފުށްޓަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގެ 18:34 ހާއިރު ތިމަރަފުށި ބަނދަރު ސަރަހައްދުުން ކަމަށެވެ.
އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު ހިފައިގެން ހުރި ކޮތަޅު ބަލައިފާސްކުރިއިރު، އެކޮތަޅު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



