ކިއުބާގައި ކިޔަވަން ތިބި 9 ދިވެހި ދަރިވަރަކަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކެއަރ ޕެކޭޖްތައް ފޮނުވައިފިއެވެ.
ކޮވިޑް-19ގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ ކެއަރ ޕެކޭޖްތައް ފޮނުވަނީ ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށް ފޮރީން މިިނިސްޓްރީން ވިދާޅުވިއެވެ.
އަދި މިކަމަށް މަގިފަހިކުރުމަށް ފޮރިން މިނިސްޓްރީ އާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ގުޅިގެން ލަންކާގެ ފޮރިން މިނިސްޓްރީއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ފޮރީން މިިނިސްޓްރީން ވިދާޅުވިއެވެ.
ކޮންމެ ދަރިވަރަކަށް 20 ކިލޯގެ ތަކެތި އާއިލާތަކުން ފޮނުވާފައިވާއިރު ކެއަރޕެކޭޖް ފޮނުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް އެފެއަރޒް މިނިސްޓްރީ އަދި އެމް.އޭ.ސީ.އެލް، ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އިން ފޮރިން މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މިމަސައްކަތް ހިނގަމުން ދިޔަ ގޮތް ފޮރިން މިނިސްޓަރ ޝާހިދު ވަރަށް ގާތުން ބައްލަވާފައިވާ ކަމަށާއި މީގެ ކުރިން ލަންކާ، އިންޑިއާ، ތައިލެންޑް އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް ކެއަރ ޕެކޭޖްތައް ފޮނުވާފައިވާ ކަމަށް ފޮރީން މިިނިސްޓްރީން ވިދާޅުވިއެވެ.