ރާއްޖޭގައި ބިރުވެރިކަން ބޮޑުވެފައިވާ ކޮވިޑް-19 އަކީ ވައްކަން ކުރަން ލިބުނު ރަނުގެ ފުރުޞަތަކަށްހަދާ ބޮޑުންގެ ޖީބުތައް ފުރާލައިފި ކަމަށް ޕީއެންސީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވަނީ ކޮވިޑު-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި އެކި ހަރަދުތަކުގައި ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތްތައް އެކުލެވޭ ކަމަށް އޮޑިޓު ރިޕޯޓުތަކުން ހާމަވުމާއި ގުޅިގެންނެވެ.
ރޭ ކުރެއްވި ޓްވީޓެއްގައި އަދުރޭ ވިދާޅުވެފައިވަނީ ރައީސް ޞާލިޙުގެ ވެރިކަމަށް 2 އަހަރު ނުވަނީސް ދައުލަތުގެ ޚަޒާނާ ދަވާލައިފި ކަމަށާއި ރާއްޖޭގެ އިގުތިޞާދު ފުޑާލައިފި ކަމަށެވެ. އަދި ގައުމު ދަރުވާލައިފި ކަމަށާއި ދިވެހި ރައްޔިތުން ބަނޑަށް ޖައްސައިފި ކަމަށެވެ.
"ގައުމު ވިއްކާލައިފި. ކޮވިޑަކީ ވައްކަން ކުރަން ލިބުނު ރަނުގެ ފުރުޞަތަކަށްހަދާ ބޮޑުންގެ ޖީބުތައް ފުރާލައިފި. މުގުލުގައި ހުރީ ރައީސް ޞާލިޙު!" އަދުރޭ ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރެފައިވާ ރިޕޯރޓުގައި ވާގޮތުން އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ.
ހެލްތު މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން ގިނަބަޔު އަންނަނީ މިނިސްޓަރު އަމީން އަށް ފާޑު ކިޔަމުންނެވެ.



