ކުޑަކުދިންނާއި އަންހެނުންނާ މެދު ހިންގާ ކުށްތަކާއި ކުޑަކުދިން ކުރާ ކުށްތައް ހުއްޓުވުމަށްޓަކައި ޔުނިސެފް މޯލްޑިވްސްއާއި ފުލުހުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ޔުނިސެފް މޯލްޑިވްސް އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަނީ ކުޑަކުދިިން ކުރާ ކުށްތަކާއި އަންހެނުންނާއި ކުޑަކުދިންނާމެދު ހިންގާ އެކި ކުށްތަށް ހުއްޓުވުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވައި، ކުރިއަށް އޮތްތަނުގައި އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ޔުނިސެފްއާއި ފުލުހުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ޗައިލްޑް ޕްރޮޓެކްޝަން ސިސްޓަމްގައި ހުރި ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލުކޮށް، ޗައިލްޑް ޕްރޮޓެކްޝަން ސިސްޓަމް މިހާރަށްވުރެ ހަރުދަނާކުރުމަށާއި ދެފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު އާއި ޔުނިސެފް މޯލްޑިވްސްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. މުޙައްމަދު އަލް މުނީރު ސަފީލްދީން އާއި ޔުނިސެފް މޯލްޑިވްސްގެ ޕްރޮގްރާމް ސްޕެޝަލިސްޓް މުހައްމަދު ނައީމް ބައިވެރިވެލެއްވިއެވެ.



