އަމީރަށް ވުރެ ހަޔާތްކުޑަ ވަޒީރެއް ދުވަހަކުވެސް ސަރުކާރުގައި މަސައްކަތް ނުކުރޭ: މުސްތަފާ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ވުރެ ހަޔާތްކުޑަ ވަޒީރެއް ދުވަހަކުވެސް ސަރުކާރުގައި މަސައްކަތް ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ކުރި ހުރިހާ ވައްކަމެއްގެ ޒިންމަ އުފުލަން ޖެހޭނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކަމަށާއި ގައުމުގެ މާލިއްޔަތުން ވައްކަންތައް ކުރަމުން ދިޔައީ އެއްވެސް ބަލާލުމެއް ނެތިކަމަށެވެ.

އަމީރަށް ވުރެ ހަޔާތް ކުޑަ ވަޒީރެއް ދުވަހަކުވެސް ސަރުކާރުގެ ތެރޭގައި މަސައްކަތް ނުކުރައްވާ ކަމުގައި މުސްތަފާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް މުސްތަފާ ވަނީ އަމީރަށް ރައްދުކުރައްވައި ޓްވީޓް ތަކެއް ކުރައްވައިފައެވެ. އެގޮތުން ވިދާޅުވެފައި ވަނީ ވަޒީރުންދައްކާ ވާހަކަ ޤަބޫލުކުރާ އިންސާނެއް މިހާރު މި ޤައުމަކުނެތް ކަމަށާއި، 7 ފެނުން ދޮވެގެން ވުޟޫ މަތީ ތިއްބަސް ރާއްޖޭގެ ރައްޔިތުން ޤަބޫލު ނުކުރާނެ ކަމަށެވެ. އަދި “ވަގުންގެ ބޮޑު އައިނަކީ” ފިނޭސް މިނިސްޓަރ ކަމަށް ދޭހަވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

“ސުބުހާނަﷲ މީނައާއި ޤައުމެއްގެ މާލީ ވަޒީރުކަން ހަވާލުކުރި ކުރުން މަރު ހެޔޮނުވާނެ” ފިނޭންސް މިނިސްޓަރަށް އިޝާރާތްކުރައްވައި މީގެ ކުރިން މުސްތަފާ ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ