އަނދިރި ފަރާތް (05)

(ހަތަރުވަނަ އަދަދާއި ގުޅޭ)

މިގޭގައި އަނެއްކާ ޖިންނީގެ ކަމެއް އުޅެނީބާއެވެ؟ އިންސާނުންނާ ޖިންނި އަވަލާ ވާހަކައަކީ ވަރަށް ގިނައިން އަޑު އިވޭ ވާހަކައެކެވެ. އަނެއްކާ އުނައިސްއާ ޖިންނިއެއް އަވަލީބާއެވެ؟ އޭނާ އެހާ ރުޅިގަދައީވެސް އެހެންވެ ކަންނޭނގެއެވެ. އެހެންވެއްޖެނަމަ އޭނާ އެކަމުން ސަލާމަތްކުރުން މުހިންމެވެ. އެކަމަކު އެވާހަކަތައް އެހެން މީހުން ޤަބޫލުކުރާނެބާއެވެ؟ ކޮންމެ ގޮތެއްވިޔަސް އެކަންތައްތަކުގެ ޙަޤީޤަތް ކޮންމެވެސް ގޮތަކުން ހޯދަން އެބަޖެހެއެވެ. ހެއްކާއެކު ދެއްކުމުން އެހެން މީހުންވެސް ޤަބޫލުކުރާނެކަން ގައިމެވެ.

ޖެހިގެން އައި ދުވަހަކީ ޢީދު ދުވަސްކަމުން އެރަށުގައި ޢީދުގައި އާންމުކޮށް ކޮށް އުޅޭ ހުރިހާ ކަމެއް ބަލަން މީރާއާއި ޒާރާ ބޭނުންވިއެވެ. ކުޅިވަރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރުއެވެ. އެދުވަހު މެންދުރުގެ ކެއުމަށް އެމީހުންނަށް އޮތީ އެ ގެ ބަލަހައްޓަން އުޅޭ ޢަލިބެގެ ގެއިން ދަޢުވަތު ލިބިފައެވެ. އެހެންކަމުން މެންދުރަށް ކައްކަން ނުޖެހޭނެތީ، ހެނދުނު ސައި ބޮއިގެން ރަށުތެރެ ބަލާލުމަށްޓަކައި މީރާއާއި ޒާރާ، އަނަސްއާއެކު ނުކުތެވެ. އޭރު ގަޑިން ހުރީ ދިހައެއް ޖަހާފައެވެ. އެމީހުންނަށް ފުރަތަމަވެސް ނުކުމެވުނީ ކުލަ ޕެކެޓްތަކެއް ހިފައިގެން ދުވަމުން އައި ފިރިހެން ގްރޫޕެއްގެ ކުރިމައްޗަށެވެ. ބައެއް ރަށްރަށުގައި ޢީދުގައި ފެނާއި ކުލަ ޖެހުމަކީ ވަރަށް ފޯރީގައި ކުރާ ކަމެއްކަން އެމީހުންނަށްވެސް އެނގެއެވެ. ނަމަވެސް ހަމަ ލޮލުން އެމަންޒަރުތައް ފެނުމުން އެކަން ވީ ވަރަށް މަޖާ ކަމަކަށެވެ. އެންމެފަހުން އެ ގްރޫޕް ދަމުން ދިޔައީ އެ ތިން މީހުންގެ ގަޔަށްވެސް ކުލަ ޖަހާފައެވެ.

މެންދުރު ނަމާދުން ފައިބައިގެން ޢަލިބެ އެމީހުން ބަލާ އެގެއަށް އަޔެވެ. މީރާ ނަމާދުކޮށްލައިގެން ނުކުތްއިރު ގޯތި ތެރޭގައި ހުރި އުނދޯލީގައި ޢަލިބެ ކައިރީގައި އުނައިސްވެސް ކޮންމެވެސް ވާހަކައެއް ދައްކަން އިނެވެ. އެވަގުތު ފުރަތަމަ ފަހަރަށް މީރާއަށް އުނައިސްގެ ތުންފަތްމަތިން ފަނޑު ހިނިތުންވުމެއް ފާޅުވާން ހުއްޓައި ފެނުނެވެ. އެކަންވީ މީރާއަށް ހައިރާންކަން ލިބުނު ކަމަކަށެވެ. އިރުކޮޅަކުން އަނަސްއާއި ޒާރާވެސް ނުކުތެވެ. ކާން ދިޔައީ އެންމެން އެއްކޮށެވެ. އުނައިސް ހުރީ ޢަލިބެއާއެކު ކުރީގައެވެ. އެދެމީހުން ތިބީ ވަރަށް އޮލަ ވާހަކައެއްގައެވެ. އެގެއަށް ދިޔަ މަގުމަތީގައިވެސް އެމީހުންނަށް ފެނާއި ކުލައިގެ ހަމަލާތައް އަޔެވެ. މީރާއަށް ހައިރާންކަން ލިބުނު އަނެއް ކަމަކަށްވީ މަގުމަތިން ދިމާވި ބައެއް ފިރިހެން ކުދިން އުނައިސްއަށް ގޮވާލާ ހިނިތުން ވެލުމުން އޭނާވެސް ރައްދުގައި އެމީހުންނަށް ގޮވާލާ، ޢީދުގެ ތަޙުނިޔާ ކިޔާ، ސަލާމްކޮށްލާތަން ފެނުމެވެ. އެހާތަނާ ޖެހެންދެން މީރާ ހީކޮށްގެން ހުރީ އުނައިސް ގެންގުޅޭ ރުޅިގަނޑުގެ ސަބަބުން އޭނާގެ އެކުވެރިން ނުތިބޭނެކަމަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެރަށަށް އައި ފަހުން އުނައިސް ރަނގަޅު މޫޑެއްގައި ހުއްޓާ އެ ފެނުނީ އަދި ކިރިޔާއެވެ.

ކާން ތިބި އިރު ރަށުގައި ޢީދުގައި އާންމުކޮށް ކޮށްއުޅޭ ކަންތައްތައް ޢަލިބެގެ ދެމަފިރިން ވަރަށް ތަފްޞީލުކޮށް ކިޔައިދިނެވެ. އެވާހަކައިގައި އެމީހުން ތިއްބާ އުނައިސް އަވަސް އަވަހަށް ކައި ނިންމާލައިގެން ނުކުތެވެ. އުނައިސްއާއެކު ޢަލިބެވެސް އޭނާ ފޮނުވާލުމަށްޓަކައި ނުކުތެވެ. މީރާ ހުރީ ޢަލިބެއާ ބައެއް ސުވާލު ކޮށްލަން ބޭނުންވެފައެވެ. އެހެންކަމުން އޭނާވެސް ޒާރާއާއި އަނަސްއަށްވުރެ ކުރިން ނިންމާލާފައި ގޯތި ތެރެއަށް ނުކުތެވެ. އޭރު ދުފާ ތަބަށް އުނގުމައްޗަށް ލައިގެން ވަރަށް ފޯރީގައި ދުފަން ޢަލިބެ އިނެވެ. މީރާ ގޮސް ޢަލިބެ ކައިރީގައި ޖޯލިފަތީގައި އިށީނެވެ.

"ޢަލިބެއަށް މިއިން ދުވަހަކު އަހަރެމެން މި ތިބޭ ގޭތެރެއިން އެއްވެސް ތަފާތުކަމެއް ފެނުނުތަ؟" މީރާ ފުރަތަމަ ދުރުދުރުން ސުވާލުކޮށްލިއެވެ.

"ތިބުނީ ކޮންކަހަލަ ކަމެއް؟" ޖަވާބުގައި ޢަލިބެވެސް ކޮށްލީ ސުވާލެކެވެ.

"މިބުނީ.... އަޑު އަޑު އިވުމާ ހިޔަނި ފެނުމާ އެކަހަލަ އާދަޔާ ޚިލާފު ކަންތައްތައް." ވަރަށް ނުކެރިފައި އިނދެ މީރާ އިތުރު ތަފްޞީލު ދިނެވެ.

"އަނެއްކާ ކިހިނެއްވީ؟ ކޮއްކޮއަށް އެކަހަލަ ކަމަކާ ދިމާވީތާ؟" ޖަވާބު ދިނުމުގެ ބަދަލުގައި ޢަލިބެ އަނެއްކާވެސް ކޮށްލީ އިތުރު ސުވާލުތަކެކެވެ.

"މިހެން މި އެހީ މީހުން ކިޔައެއްނު އެގޮތަށް ބައިވަރު ގަސް އޮންނަ ތަންތަނުގައި އެކަހަލަ ކަންތައްތައް ވާ ވާހަކަ. އަނެއްކާ އެގެޔަކީ އުނައިސް އައުމުގެ ކުރިން ފަޅަށް ހުރި ގެޔެއްނު." އަދިވެސް މީރާ ބޭނުންވާ މަޢުލޫމާތު ނުލިބޭތީ އިތުރަށް އެވާހަކަ ކުރިއަށް ގެންދިޔައެވެ.

"ނޫނޭ. ބޭބެއަށް އަދި ދުވަހަކުވެސް އެގޭތެރެއިން އެކަހަލަ ކަމަކާ ދިމައެއް ނުވޭ. އެހެންނޫނަސް ބޭބެ އަނެއްހެން ރޭގަނޑު އެގޭތެރެއަކު ނޫޅެން. އުނައިސް ބަދަލުވުމުގެ ކުރިން ހަވީރު ގޮސް ގަސްތަކަށް ފެންދީ ބޮކި ދިއްލާ ހަދާފަ އަންނަނީ. ދެން ދަނީ ހެނދުނު. އުނައިސް އައި ފަހުންވެސް ރޭގަނޑު އެއްވެސް ވަރަކަށް ނުދަން." ޢަލިބެ ވަރަށް ތަފްޞީލުކޮށް ޖަވާބު ދިނެވެ. އެހިސާބަށް ވާހަކަ ދިޔަތަނާ ޒާރާއާއި އަނަސް ނުކުތެވެ. އެހެންކަމުން އެހާ ހިސާބުން އެވާހަކަ މެދުކަނޑާލިއެވެ.

ގެޔަށް ދިޔަ މަގުމަތީގައި މީރާއަށް ވަރަށް ބޮޑަށް އެކަންކަމާމެދު ވިސްނުނެވެ. ޢަލިބެއަކީ އުނައިސް އައުމުގެ ކުރިން އެގޭގައި ވަރަށް ގިނަ ދުވަސްވަންދެން އެކަނިމާ އެކަނި ކަންތައްތައްކުރަން އުޅުނު މީހެކެވެ. ނަމަވެސް ޢަލިބެއަށް އެކަހަލަ ކަމެއް ދިމާވެފައި ނުވާއިރު އޭނާއަށް އެކަންތައްތައް އެފެނުނީ ކީއްވެބާއެވެ؟ ރޭގަނޑުގެ ވަގުތެއްގައި ހިޔަނި ފެނުނު ނަމަވެސް ކޮޓަރި ތެރެއިން އިވުނު އަޑު އިވުނީ ދުވާލު ގަޑީގައެވެ. ކޮންމެއަކަސް އެރަށުން ފުރުމުގެ ކުރިން އެ ކަންތައްތަކުގެ ޙަޤީޤަތް ހޯދަން އޭނާ ބޭނުމެވެ. އެހެންނޫނީ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

ހަވީރު ކުޅިވަރުތައް ބަލަން ދާން ތައްޔާރުވެގެން މީރާ ނުކުމެ ފޯނާ ކުޅެން އުނދޯލީގައި އިންދާ ޒާރާވެސް ތައްޔާރުވެގެން ނުކުތެވެ. އަނަސް ފާޚާނާއަށް ވަދެލާފައި އިރުކޮޅަކުން އަންނާނެކަމުގައި ޒާރާ ބުންޏެވެ. ދެމީހުން އެތަނުގައި ތިއްބާ ދެން ފެނުނީ އުނައިސް ނުކުތް ތަނެވެ. އޭނާ ހުރީ ކުޅެން ދާ ހެދުމުގައެވެ. ދޮރުން ނުކުމެފައި ތިރީގައި އިށީނދެ އިނދެ އޭނާ ކުޅޭ ބޫޓަށް އަރަން ފެށިއެވެ.

"އުނައިސް ތި ދަނީ ކުޅެންތަ؟" މެންދުރު ތަންކޮޅެއް ރަނގަޅު މޫޑެއްގައި އުނައިސް ހުރިކަން އެނގޭތީ ޒާރާ ސުވާލުކޮށްލިއެވެ. އޭނާ ބޭނުންވަނީ ޖެހިފައިވާ މައްސަލަ އަވަހަށް ޙައްލުވެ ޢާއިލާގެ ގުޅުން ބަދަހިވުމެވެ.

"ނޫން. މިދަނީ ޖޮގިންއަށް. މިއަދު ޢީދު ދުވަސްވީމަ ކުޅުމެއް ނެތް." ކުރަމުން ދިޔަ މަސައްކަތް ހުއްޓާނުލާ އިނދެ އުނައިސް ޖަވާބު ދިނެވެ.

"އަހަރެމެންވެސް މިދަނީ ބޭރަށް ދާން. ގެ ތަޅުލަން ޖެހޭނެއެއްނު. ޢަލިބެވެސް ބުނި މިއަދާ މާދަމާ ޢީދު ކުޅިވަރު ބަލަން ދާތީ ހަވީރު ނާންނާނެ ވާހަކަ. ތަޅުދަނޑި ދީފަ ދާންވީނު. އަހަރެމެންނަށް އަދި ނުކުމެވޭނީ ބޭބެ އައިމަ އިރުކޮޅަކުން." ޒާރާ ބުންޏެވެ.

"ދެން ނޭރޭނެ މައްޗަކަށް. ޖީބުގަ އޮތީމަ ބަރުވެގެން އުނދަގޫވާތީ އަހަރެން ކުޅެންށާ ދުވަން ދަނީ ތަޅުދަނޑިފަތި ގޭގަ ބާއްވާފަ. ރަނގަޅުވާނެ ތަޅު ނުލިޔަސް. މިރަށު މީހުން ވައްކަމެއް ނުކުރާނެ." ދެވަނަ ބޫޓުގެ ނާޑުވާ އައްސާލުމަށްފަހު ތެދުވަމުން އުނައިސް ބުންޏެވެ. އަދި ގެއިން ނުކުންނަން ހިނގައިގަތެވެ.

އުނައިސް އެ ބުނި ވާހަކައަކީ މީރާއަށް ވަރަށް މުހިންމު ވާހަކައެކެވެ. މީރާ ހޯދަން ބޭނުންވާ ކަންތަކަށް ވާސިލުވުމަށްޓަކައި އެއީ ވަރަށް މުހިންމު މަޢުލޫމާތެކެވެ. އެތާ އިނދެގެން ދެން އޭނާ ކަންތައް ކުރާނެ ގޮތް ސިކުނޑީގައި ރާވާލިއެވެ.

ހަވީރު އޮތީ ކޯޑި ނެގުމާއި، ބޮޑު މަހުގެ ކުޅިވަރުތަކެވެ. އެ ކުޅިވަރުތައް ވީ މީރާއާއި ޒާރާއަށް ވަރަށް ޝައުޤުވެރި ކުޅިވަރުތަކަކަށެވެ. އެހެންކަމުން އެކަންކަން ހިނގަމުން ދިޔައިރު ދެމީހުންވެސް ދިޔައީ އެ މަންޒަރުތައް ވީޑިއޯ ކުރަމުންނެވެ. ވަރަށް ފޯރިއާއެކު ހުރިހާ ކުޅިވަރުތަކެއް ކުޅެމުން ގޮސް މަޣުރިބު ނަމާދު ބަންގި ގޮވަން ކައިރިވުމާއެކު އެވަގުތަށް ކުޅެން ހަމަޖެހިފައިވާ ކުޅިވަރުތައް ނިންމާލިއެވެ. ދެން ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައި އޮތީ ސްޓޭޖް ޝޯވއެވެ. ސްޓޭޖް ޝޯވގައި ބަނޑިޔާ ޖެހުމާއި، ދަނޑި ޖެހުމުގެ އިތުރުން ބޮޑުބެރު ޖެހުންވެސް ބޭއްވުމަށް އޮތީ ހަމަޖެހިފައެވެ. އެވަގުތައް ކުޅިވަރުތައް މެދުކަނޑާލުމާއެކު މީރާމެންވެސް ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

ގެއަށް ވަތް އިރު ހުރިހާ ތަނެއް ހުރީ ދިއްލާފައެވެ. އުނައިސް ކުޅެން ދިޔައިރު ލައިގެން ހުރި ބޫޓު ހަރުގައި ހުރުމުން އޭނާ ގެޔަށް އައިސްފިކަން އެނގުނެވެ. މީރާ ބޭނުންވާ ގޮތަށް ޢަމަލުކުރަން ނިންމާފައި ވަނީ ޖެހިގެން އަންނަ ދުވަހުގެ ހަވީރުއެވެ.

އަނެއް ދުވަހު ހެނދުނު ހޭލީއްސުރެ މީރާގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅޭކަމުގެ އިޙުސާސް ކުރެވެމުންދިޔައެވެ. ނަމަވެސް ދެން އޭނާ ފަހަތަކަށް ނުޖެހޭނެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ދެން ހުއްޓާލާނީ އެގޭތެރޭގައި ހިނގާ ކަންތައްތަކުގެ ޙަޤީގަތް ހޯދާފައެވެ.

އެދުވަހުވެސް ހަވީރު ގިނަ ކުޅިވަރުތަކެއް ބޭއްވުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް ހަވީރު އެންމެން ބޭރަށް ދާ ގަޑީގައި ގޭގައި ހުންނަން މީރާ ކޮންމެހެންވެސް ބޭނުމެވެ. އެހެންކަމުން ހެނދުނު ހޭލީއްސުރެ އޭނާ އުޅުނީ ބޮލުގައި ރިއްސާކަމުގެ ބަހަނާ ދައްކައިގެންނެވެ. މެންދުރު ފަސް އަތަށް އަޅާލުމުން މާ ބޮޑަށް ބޮލުގައި ރިއްސާކަމަށް ބުނެފައި އޭނާ ކޮޓަރިއަށް ވަނެވެ. އަދި ދަމުން ދިޔައީ ޒާރާމެން ކުޅިވަރު ކުޅޭ ތަނަށް ދިޔަޔަސް އެއްވެސް މައްސަލައެއް ނެތްކަމުގައި ބުނެފައެވެ.

ޒާރާއާއި އަނަސް ގެއިން ނުކުތުމުގެ ކުރިން މީރާ ކައިރީގައި ކޮޓަރި ދޮރު ތަޅުލައިގެން އޮތުމަށް ބުންޏެވެ. އަދި އުނައިސްވެސް ދުވަން ދިޔަކަމާއި، ބަލި އިތުރަށް ބޮޑުވާކަމުގައިވާނަމަ އެމީހުންނަށް ގުޅުމަށް އިރުޝާދުދިނެވެ.

އެންމެން ނުކުމެ ގޭތެރެ ހަމަ ހިމޭންވުމުން މީރާ މަޑުމަޑުން އެނދުން ތެދުވިއެވެ. އޭރު އޭނާގެ ހިތް ހީވަނީ މޭ ފަޅާލާފައި ނުކުމެދާނެހެންނެވެ. ހިތުގައި ބިރުވެރިކަމެއް އެފެދި، އަތްފައިން ލޮނު ދާ ހިއްލަން ފެށިއެވެ. ނަމަވެސް ހިތްވަރު ކުރަމުން އޭނާ ކޮޓަރިން ނުކުތެވެ. އަދި މަޑުމަޑުން ސިޑިއާ ދިމާއަށް މިސްރާބު ޖެހިއެވެ. މައްޗަށް އަރަމުން ދިޔައިރު ދެފައިވެސް ތުރުތުރު އަޅާކަމުގެ އިޙުސާސް ކުރެވުނެވެ. ސިޑީގެ ކޮންމެ ހަރުފަތެއް ގިރާކޮށްފައި އޭނާއަށް ތިރިއަށާއި މައްޗަށް ބަލާލެވެއެވެ. އޭރު ގޭތެރޭގައި އޮތީ މަރުފަދަ ހަމަހިމޭންކަމެކެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ