ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތައް އަދި ގައުމުގެ ހަމަޖެހުމަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމް ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އިބްރާހިމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލީހުގެ މެނަބަރެއްގެ އަމިއްލަ ޒާތީ މަންފާ އަށް ވިސްނާ ނަމަ ރަނގަޅީ ބަރުލަމާނީ ނިޒާމެއް ނަމަވެސް ރައްޔިތުންގެ މަސްލަހަތައް އަދި ގައުމުގެ ހަމަޖެހުމަށް ރަނގަޅީ ރިޔާސީ ނިޒާމް ކަމަށެވެ.
އަބަދުވެސް ތާއީދުކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި އެ ނިޒާމަކީ ވެރިކަން ހިނގުމަށް އެންމެ ސައްހަ ރަނގަޅު ނިޒާމުކަމަށް ދެކޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނަށް އަކުރު އޮޅުންފިލީއްސުރެ، އެމަނިކުފާނު ދެކޭގޮތުގައި ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމުގައި ރައީސް ނަޝިދު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ނަޝީދު ވަރަށް ބޮޑަށް ސަރުކާރުގައި އެދެމުންދިޔަ ނަމަވެސް، ސަރުކާރުން މިކަމަށް ދެކޮޅުހަދާފައި ވެއެވެ.
ޖުލައި މަހުގެ 23 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ އަޅުގަނޑު ވެރިކަމަށް އައިސް މި ހުރީ އެތައް ވައުދުތަކެއް ވެގެންކަަމަށާއި އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް ކަމަށެވެ. އަދި ރާއްޖޭގައި އޮންނާނީ ބަރުލަމާނީ ނުވަތަ ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ ކުރިން ނިންމާފައި ކަމަށާއި މިކަން ބަދަލުކުރަން ބޭނުންނަމަ ދެންވެސް ހަމަ ދާންޖެހޭނީ ރައްޔިތުނގެ ކައިރިއަށް ކަމަށް ވިދާޅުވެފައި ވެއެވެ.



