ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އިންޑިއާ ސަފީރު ސަންޖޭ ސުދީރް | ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާއިން ހަދިޔާކުރި ވެހިކަލްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެ ސިޓީ ކައުންސިލަށް ހޯދި ވެހިކަލްތައް ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.

މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ސިޓީ ކައުންސިލުން ދެމެދުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ބައެއް ވެހިކަލްތަކާ މެޝިނަރީ ހޯދާފައިވަނީ އިންޑިއާ ސަރުކާރުން ފޯރުކޮށްދިން 8 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ.

މިއަހަރުގެ ފެބްރުއަރީ މަހު މީގެ ތެރެއިން ބައެއް ވެހިކަލްތައް ހަވާލުކޮށްފައިވާއިރު، މި ޕްރޮޖެކްޓްގެ ދަށުން ޖުމްލަ 16 ވެހިކަލެއް މާލޭ ސިޓީ ކައުންސިލާއި ވަނީ ހަވާލުކޮށްފައެވެ.

ވެހިކަލްތައް ހަވާލުކޮށް ނިންމުމުގެ ގޮތުން މިއަދު ވަރޗުއަލް ރަސްމިއްޔާތެއް ބާއްވާފައިވާކަމަށް ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ. އެގޮތުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި، މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދުގެ އިތުރުން ފޮރިން މިނިސްޓްރީ، އިންޑިއާ ހައިކޮމިޝަން އަދި ސިޓީ ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވާކަމަށް މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު މާލޭ ސިޓީ ކައުންސިލަކީ ވަރަށް ގިނަ ޒިންމާތަކެއް މަތިވެފައިވާ ތަނެއްކަމަށާއި، މާލެ ސިޓީގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކައުންސިލުން ދެމުންދާ ޚިދުމަތްތައް ދިނުމުގައި މި ވެހިކަލްތަކުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ ވަނީ ސިޓީ ކައުންސިލުގެ އެކި މަސައްކަތްތަކަށް އިންޑިއާ ސަރުކާރުން ދެއްވާފައިވާ މާލީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލަށް ވެހިކަލް ހޯދުމުގެ ޕްރޮޖެކްޓަށް ފަންޑުކޮށްފައިވަނީ 2019 ވަނަ އަހަރު މާޗް މަހު އިންޑިއާއިން އިއުލާންކުރި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ. މި އެހީގެ ދަށުން ހިންގާ އެކި މަޝްރޫޢުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާއިރު، މަޝްރޫޢުތައް މެނޭޖްކުރަމުންދާ މަޝްރޫއާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާ ރަށްރަށުގެ ނުވަތަ ސިޓީތަކުގެ ކައުންސިލްތަކުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ