އެލައިޑުން އިން ޖާބިރުގެ ޔޮޓް ޓުއާސްއަށް ދައްކަންޖެހޭ 22.7 މިލިއަން ޑޮލަރު ހޯދަން ހުށައަޅައިފި

އެލައިޑް އިންޝުއަރެންސް އިން ޖާބިރުގެ ޔޮޓް ޓުއާސްއަށް ދައްކަންޖެހޭ 22.7 މިލިއަން ޑޮލަރު ހޯދަން ޔޮޓް ޓުއާސް މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓަށް ހުށައަޅައިފި އެވެ.

ޔޮޓް ޓުއާސް އަށް 22,784,837.59 (ބާވީސް މިލިޔަން ހަތްލައްކަ އަށްޑިހަ ހަތަރުހާސް އަށްސަތޭކަ ތިރީސް ހަތެއް ޕޮއިންޓް ފަހެއް ނުވައެއް) އެމެރިކާ ޑޮލަރު ދެއްކުމަށް އެލައިޑް އިންސިއުރެންސް ކުންފުނީގެ މައްޗަށް ކޮށްފައިވާ ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީވެ އެފައިސާ ހޯދައިދެއްވުން އެދި ކުންފުނީގެ ޗެއަރމަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސޮއިކޮށް މިއަދު ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޙުކުމާއި އެއްގޮތަށް އެލައިޑް އިންޝުއަރެންސް ކުންފުނީގެ ފަރާތުން އަރަނިވެރިޔާ އަށް ދޭންޖެހޭ ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 3,797,472.93 (ތިންމިލިޔަން ހަތްލައްކަ ނުވަދިހަ ހަތްހާސް ހަތަރުސަތޭކަ ހަތްދިހަ ދޭއް ޕޮއިންޓް ނުވައެއް ތިނެއް) އެމެރިކާ ޑޮލަރު، ޙުކުމް ކުރިތާރީޚުން ފެށިގެން 1 މަސް ފުރޭ ތާރީޚުގައި (19 އޯގަސްޓް 2020 ދުވަހުގެ ނިޔަލަށް) ސިވިލްކޯޓަށް ދައްކަން ޖެހޭ ކަމަށެވެ.

ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ވަނީ ޔޮޓް ޓުއާސްގެ ހއ. އަލިދޫ ރިސޯޓް އެލައިޑްގައި އިންޝުއާކޮށް އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި އެލައިޑަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ވަނިކޮށް 2014 ވަނަ އަހަރު މޫސުން ގޯސްވެ، އެ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަށް 22،784،837.59 މިލިއަން ޑޮލަރު ހޯދަން ހުށަހެޅުމުން، އެ ފައިސާ ދޭން ނުޖެހޭ ކަމަށް އެލައިޑުން ނިންމާފައިވާތީވެ، ޔޮޓް ޓުއާސުން ދައުވާކުރުމުންނެވެ.

ފުރަތަމަ މިމައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމިނަމަވެސް ހައިކޯޓުން އެމައްސަލަ ބެލުމަށް އަމުރު ކުރުމާއި ގުޅިގެން ސިވިލް ކޯޓުން ވަނި އަލުން އެ މައްސަލަ ބަލައިފައެވެ.

ސިވިލް ކޯޓުން އެލައިޑުގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެދަރަނި 19 ޖުލައި 2020 ދުވަހުން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ދައްކަމުން ގޮސް މީލާދީ 6 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ.

އެލައިޑް އިންޝުއަރެންސްއިން ފައިސާ ސިވިލް ކޯޓަށް ނުދައްކައި ޙުކުމާއި ޚިލާފް ވެފައިވާކަމަށްވެސް ޔޮޓް ޓުއާސްއިން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ