އަނދިރި ފަރާތް (06)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

(ފަސްވަނަ އަދަދާއި ގުޅޭ)

އެންމެން ނުކުމެ ގޭތެރެ ހަމަ ހިމޭންވުމުން މީރާ މަޑުމަޑުން އެނދުން ތެދުވިއެވެ. އޭރު އޭނާގެ ހިތް ހީވަނީ މޭ ފަޅާލާފައި ނުކުމެދާނެހެންނެވެ. ހިތުގައި ބިރުވެރިކަމެއް އެފެދި، އަތްފައިން ލޮނު ދާ ހިއްލަން ފެށިއެވެ. ނަމަވެސް ހިތްވަރު ކުރަމުން އޭނާ ކޮޓަރިން ނުކުތެވެ. އަދި މަޑުމަޑުން ސިޑިއާ ދިމާއަށް މިސްރާބު ޖެހިއެވެ. މައްޗަށް އަރަމުން ދިޔައިރު ދެފައިވެސް ތުރުތުރު އަޅާކަމުގެ އިޙުސާސް ކުރެވުނެވެ. ސިޑީގެ ކޮންމެ ހަރުފަތެއް ގިރާކޮށްފައި އޭނާއަށް ތިރިއަށާއި މައްޗަށް ބަލާލެވެއެވެ. އޭރު ގޭތެރޭގައި އޮތީ މަރުފަދަ ހަމަހިމޭންކަމެކެވެ.

އުނައިސްގެ ކޮޓަރި ދޮރާ ހަމައަށް ދެވުނުއިރު އަމިއްލަ ހިތް ތެޅޭ އަޑު މީރާއަށް އިވެއެވެ. އުނައިސް އައިސްދާނެކަމުގެ ބިރުގެ އިތުރުން ގޭތެރޭގައި ރޫޙާނީކަމެއް އުޅޭނަމަ އެކަމާވެސް ކުރިމަތިލާން ޖެހިދާނެތީ އެކަމުގެ ބިރުވެސް އޭނާގެ ހިތުގައި އިންތިހާއަށް ވިއެވެ. ނަމަވެސް ކަމުގެ ޙަޤީޤަތް ނުހޯދާ ދެން އޭނާ އެނބުރި ދާކަށް ބޭނުމެއް ނޫނެވެ.

އުނައިސްގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ތަޅުދަނޑިފަތި ފެނޭތޯ އެކި ކޮޅުކޮޅަށް މީރާ ނަޒަރު ހިންގާލިއެވެ. ނަމަވެސް ޑްރެސިންގ ޓޭބަލް މައްޗާއި އެނދުގެ ބާލީސްތަކުގެ ދަށް ބެލުމުންވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ލޮލުގައި އަޅައިގަންނަ އެއްވެސް ހިސާބެއްގައި ތަޅުދަނޑިފައްޗެއް ނެތެވެ. އެކި ދިމަދިމާއަށް ބަލަމުން ދަނިކޮށް ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ދެން އޭނާ މިސްރާބު ޖެހީ ކޮޓަރީގެ އެއް ކަނެއްގައި ބަހައްޓާފައި ހުރި އަންނައުނު އަޅުވާ ހަރާ ދިމާއަށެވެ. އޭގައި އުނައިސްގެ ދެތިން ގަމީހަކާއި އެއް ޖިންސު ހުއްޓެވެ. ފުރަތަމަވެސް މީރާ ޗެކް ކުރީ ޖިންސެވެ. ނަސީބަކުން ޖިންސުގެ އެއް ޖީބުން ތަޅުދަނޑި ފައްޗެއް އޭނާގެ އަތުގައި ޖެހުނެވެ. އޭގައި ވަރަށް ބައިވަރު ތަޅުދަނޑިތައް ހުއްޓެވެ. ނަމަވެސް ހުރީ ކޮންމެ ތަޅުދަނޑިއެއްގައި ނަން ޖަހާ، ކޮންތަނެއްކަން އެނގޭނޭހެން ލޭބަލްކޮށްފައެވެ. އެހެންކަމުން މީރާއަށް ކުޑަކޮށް ހިނިތުންވެލެވުނެވެ. އެގޮތަށް ވަކި ކޮށްފައި ނެތްނަމަ އެތަނުން ސްޓޯރ ރޫމްގެ ތަޅުދަނޑި ހޯދަން ވަރަށް ގިނަ އިރު ނެގީހެވެ.

ތަޅުދަނޑިފަތީގައި ހުރި ތަޅުދަނޑިތައް ވަކިވަކިން ދެފަހަރަށް ބެލި އިރުވެސް އުނައިސްގެ ކޮޓަރި ތެރެއިން ސްޓޯރ ރޫމަށް ވަދެވެން ހުރި ދޮރުގެ ތަޅުދަނޑިއެއް މީރާއަކަށް ނުފެނުނެވެ. ނަމަވެސް އެ ކޮޓަރީގެ ބޭރު ދޮރުގެ ތަޅުދަނޑި އިނެވެ. އެހެންކަމުން އަވަހަށް އުނައިސްގެ ކޮޓަރިން ނުކުމެ ޖެހިގެން ހުރި ކޮޓަރި ދޮރު ކައިރިއަށް މީރާ ދިޔައެވެ. ދޮރުގެ ތަޅަށް ތަޅުދަނޑި ޖަހާފައި އަނބުރާލުމާއެކު ވަރަށް ފަސޭހައިން ދޮރު ހުޅުވުނެވެ. ކޮޓަރި ތެރެއަށް ފައި އެޅުމުގެ ކުރިން މީރާ ހަމަޖެހިލުމަށްޓަކައި ދެލޯ މަރާލާފައި ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އަދި ބިސްމި ކިޔާފައި އެތެރެއަށް ވަނެވެ.

ކޮޓަރީގައި ދިއްލާފައި ހުރީ ފަނޑު އައްޔެއްގެ ބޮތްކެކެވެ. ފުރަތަމަ ވަތް ތަނުންވެސް މީރާގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ފާރުގައި ކުރަހާފައިވާ ބޮޑު ސޫރައެކެވެ. އެއީ ވަރަށް ރީތި އަންހެން ކުއްޖެއްގެ ސޫރައެކެވެ. ފާރު އެކަށް ފުރޭވަރަށް އެ ކުރެހުން ހުއްޓެވެ. އިރުކޮޅެއް ވަންދެން އިތުރު ޙަރަކާތެއް ނުކޮށް އެ ކުރެހުމަށް ބަލަހައްޓައިގެން މީރާއަށް ހުރެވުނެވެ. އެ ކުރެހުން އެހާވެސް އަސްލާ އެއްގޮތްވެފައި ފުރިހަމައެވެ. ދެން މީރާ ކޮޓަރީގެ އެކި ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ. އެތަން އެއްވެސް ގޮތަކަށް ސްޓޯރޫމްއަކާ ވައްތަރެއް ނޫނެވެ. ހީވަނީ މީހަކު ދިރިއުޅޭ ތަނެއް ހެންނެވެ. ދޮރުގެ ކަނާތްފަރާތުގައި ހުރީ ތިން ދޮރުފަތްލީ ބޮޑު އަލަމާރިއެއް ބަހައްޓާފައެވެ. އޭއްޗާ ހެދި އަނެއް ފަރާތް ނުފެންނާތީ މީރާ މަޑުމަޑުން އެތެރެއަށް ޖެހިލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ހަޅޭލަވައި ގަނެވެންވެސް އުޅުނެވެ. ނަމަވެސް އޭނާ އަވަހަށް އަނގަމަތީގައި އަތް އެޅިއެވެ. އަލަމާރީގެ އެފަރާތުގައި ބަހައްޓާފައި ހުރީ ކުއީން ސައިޒްގެ އެނދެކެވެ. އެ އެނދުމަތީގައި އަރިއަކަށް އޮށޯވެގެން އޮތީ އަންހެން ކުއްޖެކެވެ. ބޮލާ ހަމައަށް އަޅާފައި އޮތް ބެޑްޝީޓްގެ ސަބަބުން ހަމައެކަނި ފެންނަވަރުވަނީ އެކުއްޖާގެ މޫނުގެ އެއް ފަޅިއެވެ. އަދި އަލި ފަނޑުކަމުން ސާފުކޮށް މޫނު ފެންނަގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ މަޑުމަޑުން އެނދާ ދިމާއަށް ދާންފެށިއެވެ.

އެނދާ ކައިރިވުމަށްފަހު އެކުއްޖާގެ މޫނަށް މީރާ ރަނގަޅަށް ބަލާލިއެވެ. އެއީ ދޮން މޫނެކެވެ. އެ ކުއްޖާގެ އަނގަމަތީގައި އޮތީ ފޮތިގަނޑެއް އައްސާފައެވެ. ލޯ އޮތީ މެރިފައެވެ. ދެލޯ ކައިރީގައި ވަށައިގެން ކަޅުކަމެއް ހުއްޓެވެ. ކައިރިން އެ މޫނު ފެނުމުން އެއީ ކޮޓަރީގެ ފާރުގައި ބޮޑުކޮށް ކުރަހާފައިވާ ސޫރައިގެ ވެރިފަރާތްކަން މީރާއަށް އެނގޭކަށް މާގިނައިރެއް ނުނެގިއެވެ. އެވަގުތު އެންމެ ފުރަތަމަ ވިސްނުނު ގޮތަށް މީރާ ކަންތައްކުރަންފެށިއެވެ. ކުޑަކޮށް ގުދުވެލާފައި އޭނާ އެކުއްޖާގެ ގައިގައި ކޮށްޓަން ފެށިއެވެ. އިރުކޮޅަކު ގޮވުމުން ވަރަށް އުނދަގުލުން އެކުއްޖާ ލޯ ހުޅުވާލިއެވެ.

ކުއްލިއަކަށް މީރާގެ މޫނު ފެނުމުން އެކުއްޖާ ސިއްސައިގެންދާގޮތްވިއެވެ. އަދި ދެލޯ ބޮޑުކޮށްލަމުން ތެޅިގަނެފައި ފަހަތަށް ޖެހެންފެށިއެވެ. އެވަގުތު އެކުއްޖާގެ ގައިމަތީގައި އަޅާފައި އޮތް ބެޑްޝީޓް ތިރިއަށް ޖެހުމުން އެކުއްޖާގެ ދެއަތް މީރާއަށް ފެނުނެވެ. ދެއަތްވެސް އޮތީ ކުރިމައްޗަށް ގެނަސް ކުޑަހުޅާ ހިސާބުން ފޮތިގަނޑަކުން އައްސައިފައެވެ.

"ބިރު ނުގަނޭ! އަހަރެން ނޫޅެން އެއްވެސް ކަމެއް ކުރާކަށް." އެކުއްޖާ ބިރުން އުޅޭތީ މީރާ ބުންޏެވެ. އަދި އެ ކުއްޖާގެ އަނގަމަތީގައި އައްސާފައި އޮތް ފޮތިގަނޑު ތިރިކޮށްލިއެވެ.

"ތިއީ ކާކު؟" ބިރުން އޮވެ އެ ކުއްޖާ ސުވާލުކޮށްލިއެވެ.

މީރާއަކީ ސައިކޮލޮޖީގެ ދާއިރާއިން ޑިގްރީއާ ހަމައަށް ކިޔަވައިގެން ހުރި ކުއްޖެކެވެ. އަދި އޭނާ މަސައްކަތްކުރަމުން ދަނީވެސް އެ ދާއިރާގައެވެ. އެހެންކަމުން އެ ކުއްޖާގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރުތަކާއި ކުރަމުން ދިޔަ ހަރަކާތްތައް މާނަ ކުރުން މީރާއަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ.

"މިއީ މީރާ. ތިއީ ކޮން ކުއްޖެއް؟" އެނދުގެ މަގަތުގައި އިށީނދެ އިނދެ އެ ކުއްޖާގެ އަތް މޮހަމުން މީރާ ސުވާލުކޮށްލިއެވެ. އެ ކުއްޖާގެ ދެއަތުގެ ކުޑަ ހުޅާ ހިސާބުގައި ވަށްކޮށް ރަތްކުލައިގެ ނިޝާނެއް ހުއްޓެވެ. ހީވާ ގޮތުން އެހިސާބުގައި ބާރަށް އެއްޗަކުން އައްސާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެދާނެއެވެ.

"ޝީނާ ކިޔަނީ..... ކީއްކުރަން ތި އުޅެނީ؟" ޝީނާ އަދިވެސް އޮތީ ބިރުންނެވެ.

"މިއުޅެނީ މި ފޮތިގަނޑު މޮހާލަން. ޝީނާ މިތާ ބަންދު ކުރީ ކާކު؟ އުނައިސްތަ؟" މަޑުމައިތިރިކަމާއެކު މީރާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ތިއީވެސް އޭނާ ބަންދުކުރަން ގެނައި ކުއްޖެއްތަ؟" މީރާގެ ސުވާލަށް ސީދަލަށް ޖަވާބު ނުދިން ނަމަވެސް ޝީނާ ރައްދުގައި ކުރި ސުވާލުން މީރާ ބޭނުންވާ ޖަވާބު ލިބުނެވެ. އެހިސާބަށް ވާހަކަ ދިޔައިރު ޝީނާ އިނީ ތެދުވެ އިށީނދެލައިގެންނެވެ.

"ނޫން.... ކީއްވެ އުނައިސް ޝީނާ ބަންދުކޮށްގެން އެ އުޅެނީ؟ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެތަ؟" އޮޅުންފިލުވަން ބޭނުންވެފައި އިންވަރުން މީރާ ފަތިފައްޗަށް ސުވާލުތައް އަމުނާލިއެވެ.

"އޭނާ އައިސްދާނެ. އޭރުން ހިތްހަމައެއް ނުޖެހޭނެ." ވަށައިގެން އެކި ދިމަ ދިމާއަށް ބަލަމުން ޝީނާ ކަންބޮޑުވުން ފާޅުކުރިއެވެ.

"ހިނގާ ތިރީގައި އަހަރެން ހުންނަ ކޮޓަރިއަށް ދާން." ޝީނާގެ ދުލުން ޙަޤީޤަތް ނެރެވޭނީ އޭނާއަށް ހަމަޖެހިލެވިގެންކަން އެނގޭތީ މީރާއަށް ފެނުނު އެންމެ ރަނގަޅު ގޮތް ހުށަހެޅިއެވެ.

ނަސީބަކުން އިތުރު އެއްޗެއް ނުބުނެ ޝީނާ މީރާއާއެކު ތިރިއަށް ދިޔައެވެ. ސިޑިން ފައިބަމުން ޒާރާއަށް ގުޅާފައި ވަރަށް އަވަހަށް ގެއަށް އައިސްދިނުމަށް މީރާ އެދުނެވެ. ކޮޓަރިއަށް ވަނުމަށްފަހު މީރާ ޝީނާއަށް ފެން ތަށްޓެއް ގެނަސްދިނެވެ. ފެން ތަށި ބޯލުމުން އެނދުގައި ރަނގަޅަށް ހަމަޖެހިލުމަށް ޝީނާ ކައިރީގައި މީރާ އެދުނެވެ.

"އަހަރެން މީ އުނައިސްގެ ބޭބެގެ އަންހެނުންގެ ކޮއްކޮ. އަހަރެމެން މިރަށަށް މި އައީ ޢީދު ޗުއްޓީގަ." ޝީނާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކަށް ބަލަން އިނދެ މީރާ ވާހަކަދައްކަން ފެށިއެވެ.

"ކިހިނެއް އަހަރެން އެތާ އޮތްކަން އެނގުނީ؟" ޝީނާގެ ބޮޑު ދެލޮލުން މީރާއާ ދިމާއަށް ބަލަހައްޓައިގެން އިނދެ ސުވާލުކޮށްލިއެވެ. ހީވަނީ މީރާގެ މޫނުން އެއްޗެއް ދޭހަވޭތޯ އުޅޭހެންނެވެ. ޝީނާގެ މޫނުގައި ވަނީ މައުސޫމުކަމެވެ.

"ނޭނގެ އެތާ މީހަކު އޮތް ކަމެއް. އެ ކޮޓަރި ތެރޭގައި ހުރީ ކޯއްޗެއްތޯ ބަލާލަންވެގެން މި ވަނީ. އެއްވެސް މީހަކަށް ނޭނގޭނެ އަހަރެން ވަތް ކަމެއް." މީރާ އޮޅުންފިލުވައިދިނެވެ.

"ޝީނާ އެއްވެސް ކަމަކާ ބިރުގަންނާނެ ކަމެއް ނެތް. އަހަރެން ޝީނާ ސަލާމަތްކޮށްދޭނަން. އަހަންނަށް ހުރިހާ ވާހަކައެއް ރަނގަޅަށް ކިޔައިދީބަލަ." މީރާ އިނީ ޙަޤީޤަތް ހޯދާ ހިތުން ކެތް މަދުވެފައެވެ.

އެވަގުތު ޝީނާގެ ލޯ ފެންކަޅިވިއެވެ. އަދި މީރާގެ ލޮލުން ނަޒަރު ވަކި ކޮށްލުމަށްފަހު ދުރަށް ބަލަން ފެށިއެވެ.

"އަހަރެން މިހާރު މިތަނުން ދާ ހިތެއް ނުވޭ." އެ އިންގޮތަށް ދުރަށް ބަލަހައްޓައިގެން އިނދެ ޝީނާ ބުންޏެވެ. އަދި ހުރިހާ ކަމެއް ފެށުނު ހިސާބުން ކިޔައިދޭން ފެށިއެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް