ސަރުކާރުގެ ނިއްމުންތަކާއި އަޅާ ފިޔަވަޅުތަކުގެ ސަބަބުން އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ދިވެހި ޒުވާނުންގެ މާލެ ތެރޭގައި މިއަދު ސައިކަލު ބުރެއް ޖަހައިފިއެވެ.
ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީވެ، އެޗްޕީއޭއިން ވަނީ މާލެތެރޭގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ރޭގަނޑު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 20:00 އިން ފަތިހު 05:00 އަށް އެއްގަމުން އުޅަނދު ދުއްވުން މަނާކޮށްފައިވެއެވެ. އަދި ރޭގަނޑު 10 ގެ ފަހުން އުޅަނދު ދުއްވައިފިނަމަ އުޅަނދާއި މީހާވެސް ޖޫރިމަނާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިކަމާއި ގުޅިގެން ޒުވާނުން މިއަދު ޝުއޫރުތައް ފާޅުކޮށް މާލެތެރޭގައި ސައިކަލު ބުރެއް ޖަހާފައިވާއިރު، ޒުވާނުން ބުނެފައިވަނީ، ގައުމުގެ އިސްވެރިންގެ އިހުމާލުން ގައުމުގެ މާލިއްޔަތައް ބޮޑުތަނުން ގެއްލުންވަމުންދާއިރު، މިކަންކަން ފޫބެއްދުމުގައި ޒުވާނުން ޖޫރިމަނާކުރުން ނޫން ގޮތެއް ނެތްކަމަށްތޯއެވެ. އަދި ސަރުކާރުގެ އިހުމާލުންނާއި އަޅަމުންދާ ތާކުންތާކު ނުޖެހޭ ފިޔަވަޅުތަކުގެ ސަބަބުން ދިވެހި ޒުވާނުން ދަރިނިވެރިވެ މަގުމައްޗަށް ގިނަވުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެކަމަށެވެ.
މިއަދު ހަވީރު ކުރިއަށް ދިޔަ މި ސައިކަލު ބުރުގައި ޒުވާނުން ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައިވާއިރު، ދާދިފަހުން ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ރިޕޯޓުގައި ކޮވިޑް-19 އާއި ގުޅިގެން ކުރި ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތައް ކޮށްފައިވާ ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
މިކަން ހާމަވުމާއެކު މި ސަރުކާރުގައި ވައްކަން ގިނަ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒު ވެފައެވެ.



