އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެ ސިޓީ ކައުންސިލަށް ހޯދި ވެހިކަލްތައް ސިޓީ ކައުންސިލާ ހަވާލުކޮށް ނިމިއްޖެއެވެ.
ވެހިކަލްތައް ހަވާލުކޮށް ނިންމުމުގެ ގޮތުން މިއަދު ވަރޗުއަލް ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި، މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދުގެ އިތުރުން ފޮރިން މިނިސްޓްރީ، އިންޑިއާ ހައިކޮމިޝަން އަދި ސިޓީ ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ސިޓީ ކައުންސިލުން ދެމެދުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ބައެއް ވެހިކަލްތަކާ މެޝިނަރީ ހޯދާފައިވަނީ އިންޑިއާ ސަރުކާރުން ފޯރުކޮށްދިން 8 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ.
މިއަހަރުގެ ފެބްރުއަރީ މަހު މީގެ ތެރެއިން ބައެއް ވެހިކަލްތައް ހަވާލުކޮށްފައިވާއިރު، މި ޕްރޮޖެކްޓްގެ ދަށުން ޖުމްލަ 16 ވެހިކަލެއް ސިޓީ ކައުންސިލަށް ވަނީ ހޯދާފެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު މާލޭ ސިޓީ ކައުންސިލަކީ ވަރަށް ގިނަ ޒިންމާތަކެއް މަތިވެފައިވާ ތަނެއްކަމަށާއި، މާލެ ސިޓީގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކައުންސިލުން ދެމުންދާ ޚިދުމަތްތައް ދިނުމުގައި މި ވެހިކަލްތަކުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
މޭޔަރ ޝިފާ ވަނީ ސިޓީ ކައުންސިލުގެ އެކި މަސައްކަތްތަކަށް އިންޑިއާ ސަރުކާރުން ދެއްވާފައިވާ މާލީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މާލެ ސިޓީ ކައުންސިލަށް ވެހިކަލް ހޯދުމުގެ ޕްރޮޖެކްޓަށް ފަންޑުކޮށްފައިވަނީ 2019 ވަނަ އަހަރު މާޗް މަހު އިންޑިއާއިން އިއުލާންކުރި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ. މި އެހީގެ ދަށުން ހިންގާ އެކި މަޝްރޫޢުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާއިރު، މަޝްރޫޢުތައް މެނޭޖްކުރަމުންދާ މަޝްރޫއާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާ ރަށްރަށުގެ ނުވަތަ ސިޓީތަކުގެ ކައުންސިލްތަކުންނެވެ.




