ޕައުޑަރީ މިލްޑު ނުވަތަ ހުދު ފޫ ޖެހުމަކީ ފަންގަސްގެ ސަބަބުންޖެހޭ ބައްޔެކެވެ. އަދި މިބައްޔަކީ ވަރަށްގިނަ ބާވަތުގެ ގަސްގަހާގެއްސަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖައްސާ ވަރަށް ގިނަ ބާވަތްތަކުގެ ފަންގަސް އުޅެއެވެ. އަދި މިބައްޔަކީ ފަންގަސްގެ ސަބަބުން ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ ފަސޭހައިން ދެނެގަނެވޭ އެއްބައްޔެވެ. އިސްވެ ދެންނެވުނު ގޮތަށް މިބަލި ދެނެގަތުމަށް އެހާ ފަސޭހަވަނީ މިބަލި ޖެހިފައިވާ ގަހާގަހުގެ ބައިތަކުން ހުދުކުލައިގެ ޕައުޑަރު / ހުދު ފޫ ހުރި ތަންތަން ފެންނަން ހުންނާތީއެވެ.
މި ބަލިޖެހުމުން ފަތްތައް އެއްކޮށް ރީނދޫވެ، ފަތްތައް މަރުވެ ފަތްތައް ވެރި ގަހުގެ މޭވާތައް އިރުގެ އައްޔަށް ހާމަވެ ގަހަށް ވަރަށް ބޮޑެތި ގެއްލުން ކުރިމަތި ކުރުވައެވެ. ބައެއް ގަސްތަކުގަ މިބަލިޖެހުމުން ފަތްތައް އޮޅޭގޮތްވެ އަދި އަމިއްލަ ޒާތުގަ ވީދި ހަލާކުވާގިތް މެދުވެރިވެއެވެ. މި ބަލި ވަރަށްބޮޑަށް ޖެހިފައިވާ ގަސްގަހުގައި ގަހުގެ މަތިވަރުދަށްވެ ގަހުގައި އަޅާ ތަރުކާރީ އާއި މޭވާގެ ރަހަ ވަރަށް ބޮޑަށް ބަދަލު ކުރުވައެވެ.
މިބަލީގެ އަލާމާތްތައް އެންމެ ބޮޑަށް ފެންނަން ހުންނާނީ ގަހުގެ ޅަފަތްތަކުންނެވެ. ނަމަވެސް ގަހުގެ ބިމުން މަތީގަ ހުންނަ ކޮންމެ ބަޔަކުންވެސް މިބަލި ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ބަލީގެ އަސަރު ބޮޑުވަމުން ދިޔަ މިންވަރަކަށް އަދި މިޖަރާސީމު އާލާވުމަށް އުފައްދާ ސްޕޯރސް ގިނަ ވުމުން ހުދުކުލައިގެ ހުނަން ޕައުޑަރުކަން ގަދަވެ ހުދުކުލައިގެ ލަށްގަނ ޑުތައް ބޮޑުކޮށް ފެންނަން ހުންނާނެއެވެ. ޕައުޑަރީ މިލްޑިއު އާއްމުކޮށް ފެންނަނީ ފިނި ހޫނުމިން މަތި (30 ޑިގްރީސް ސެލްސިއަސް އިން މަތި) އަދި ފިނިހޫނުމިން މެދު މިނެއްގައި (20 އާއި 30 ޑިގްރީ ސެލްސިއަސް އާ ދެމެދު) ހުންނަ ސަރަޙައްދުތަކުންނެވެ. މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ތަފާތު ކަންކަން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރެއެވެ. މި ބަލި ޖެހުމުގެ ކުރިން މިބައްޔާއި ބެހޭ މަޢުލޫމާތު ލިބި އެކަމަށް ތައްޔާރުވުމަކީ މުހިއްމުކަމެކެވެ. ސަބަބަކީ މި ބަލިން ގަސްތަކަށް ވަރަށްބޮޑަށް ގެއްލުން ވެދާނެތީއެވެ.
ޕައުޑަރީ މިލްޑޫ ދިރިހުރުމަށްޓަކައި ގަހުގެ ދިރިހުރި ޓިޝޫތައް ބޭނުންވެއެވެ. އަދި ހަމަ އެހެންމެ މުޅިއަހަރު އެސަރަޙައްދެއްގައި ގަސް ނުވަތަ ވިނަ އުފެދިފައިހުރުމަކީ މި ބަލި އާލާވުމަށް، މި ފަންގަސްއަށް ހިޔާވަހިކަން ލިބޭނޭ ކަމަކަށެވެ. އަދި ވިއްސާރަ މޫސުމުގައި ކިއުކާބިޓްސް، ލެޓިއުސް، ޕީސް އަދި އެހެނިހެން ބައެއް ގަސްތަކަށް ޚާއްސަ ސްޕޯރސްތައް އުފައްދައި އާލާކުރެއެވެ.
މި ބަލި ފެތުރެނީ އެންމެ ގިނައިން އެފިޑް ފަދަ ފަނި ފަކްސާގެ ޒަރީއާއިންނެވެ. ޙާއްސަކޮށް ފުށްކަން އަދި ގަދަ ހުދު ކުލައިގައި ހުންނަ ފުށްކޫޑީގެ ސަބަބުންނެވެ. މި ވަށްތަރުގެ އެފިޑް މާގިނައިން ފެނުމަކީ ފަންގަސް ބަލިތައް އެސަރަޙަށްދަކުން ފެނުމުގެ އަލާމާތެއްކަމުގައި ވާނެއެވެ. އެފިޑް ނޫނަސް މިފަދަ ކުދި ބައެއް ސޫފާސޫފިންވެސް ބަލިތައް އެއްގަހުން އަނެގަހަށް ފެތުރެން ދިމާވެއެވެ. އަދި ދަނޑުތެރެއަށް ވަދެ އުޅުމުގައި އާއި ހިފާ ގެންގުޅޭ ތަކެތީގެ ޒަރީއާއިންވެސް މިބަލި ފެތުރެއެވެ.
މުޑުވަށް ހޯއްދަވާއިރު ޕައުޑަރީ މިލްޑޫއަށް ރެސިސްޓަންޓް ވައްތަރުތައް ހޯދާ ބޭނުންކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ރެސިސްޓަންޓް ވަރައިޓީ އަކީ ވަކި ވައްތަރެއްގެ ބަލިތަކެއް ޖެހުން ދުރުވައްތަރުތަކާއި ސައެންސްގެ އަލީގައި ވަކި ވައްތަރެއްގެ ބަލިތަކެއް ނުޖެހޭ ގޮތަށް ފަރުވާދެވިފައިވާ މުޑުވަށްތަކާއި ގަސް ބޭނުންކުރުމެވެ. އަދި ގަސް ހައްދާއިރު ވީހާވެސް ގަދައަށް އިރުގެ އަލިލިބޭސްރަޙައްދުތައް ޚިޔާރުކުރުމާއި ވައިދައުރުކުރުމަށް އެކަށީގެންވާވަރަށް ދެގަސް ދޭތެރޭ ޖާގަ ދިނުން މުހިންމެވެ. ގަސްކާނާ ބޭނުންވާވަރަށްވުރެން ގިނައިން ނޭޅުން އަދި ސްލޯ ރިލީސިންގް ގަސްކާނާ ޚިޔާރުކުރުން ފަދަ ކަންކަމަށް އިސްކަންދިނުން މުހިއްމެވެ. އަދި ފެންދިނުމަށް ޓަކައި އޯވަރހެޑް ސްޕްރިންކްލަރ ބޭނުންކުރުމުން ފަންގަސް ޖަރާސީމުގެ ސްޕޯރތައް ފަތްތަކުން ދޮވެލައެވެ، މީގެ ސަބަބުން ބަލި ކޮންޓްރޯލްކުރަން ފަސޭހަވެއެވެ. ނަމަވެސް ތަރުކާރީގެ ބާވަތްތަކަށް ސްޕރިންކަލްރ ބޭނުންކުރުމުން ތަފާތު އެހެނިހެން ބަލިތައް ފެތުރެއެވެ.
މިބަލި ކޮންޓްރޯލްކުރުމަށްޓަކައި ފަންގިސައިޑެއްވެސް ބޭނުންކުރެވިދާނެއެވެ. އެގޮތުން ނީމް އޮއިލް، ސަލްފަރ ފަދަ ފަންގިސައިޑް ބޭނުންކުރެވިދާނެއެވެ. އަދި ބަޔޯ ކޮންޓްރޯލަކަށް ސެރަނާޑް ބެނުންކުރެވިދާނެއެވެ. އަދި މިވައްތަރުގެ ޖަރާސީމު ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި ސޮއިލް ސޮލަރައިޒޭޝަން ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ސޮލަރައިޒް ކުރުމަށްޓަކައި ވަޅު ނުވަތަ ބެޑު ތައްޔާރު ކުރުމަށް ބޭނުންކުރާ ކަޅުފަހާ ކާދު ވަކި ސަރަހައްދަކަށް ޖަމާކޮށް ފެންއަޅާށެވެ. އެއަށްފަހު އެތެރެ ފެންނަ ޓިނު ނުވަތަ ޕޮލިތީން އަޅާ ނިވާކޮށްލުމުން އަވީގެ ހޫނުން ވެލިފުނި އެތެރޭގައި ހެދޭ އުދާހުން ވަރަށް ގިނަ ފަނިފަކުސާ އާއި ޖަރާސީމު މަރާލާނެއެވެ.
ނޯޓް: މައުލޫމާތު ނެގީ މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ



