ޕޮލިސް ސްޓާފް ސަރޖަންޓް އިބްރާހިމް ނާޝިހުއޭ ބުނުމުން އެއީ ކާކުކަން ގިނަ ބަޔަކަށް ނޭނގިދާނެކަމަށާއި އެހެންނަމަވެސް މާލޭގެ މަގެއް މަތިން އޭނާ ފެނިއްޖެނަމަ އެއީ ކާކުކަން ނުދަންނަ މީހަކު މަދުވާނެކަމަށް ފުލުހުން ވިދާޅުވެއެވެ. ޓްރެފިކްމަނެއްގެ ގޮތުގައި އޭނާއާ މަގުމަތިން ބައްދަލުވެ ފެނިދެނިނުވާ މީހަކު މަދުވާނެއެވެ. "ޓްރެފިކްމަނެއްގެ ހައިސިއްޔަތުން އެއީ ނަމޫނާ ފުލުހެއް" ފުލުހުން ވިދާޅުވެފައިވެއެވެ.
އާންމުންގެ ބަހުންނަމަ ނާޝިހު އަކީ 'ލެޖެންޑް' އެއްކަމަށާއި، އޭނާ އަކީ ހިތް ހެޔޮ، ބަސް މަދު އަދި ކުރާ މަސައްކަތް ފަރުވާތެރިކަމާއެކު ކުރާ ހީވާގި މުރާލި ފުލުހެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފާއިތުވި 10 ވަރަކަށް އަހަރު ޓްރެފިކް ޕޮލިސްގައި މަސައްކަތްކޮށްފައިވާއިރު، އޭނާ އަކީ އަބަދުވެސް މަގުމައްޗަށް ނުކުމެ ޓްރެފިކް ބެލެހެއްޓުމަށް ކުރަންޖެހޭ ކަންކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފުލުހެއްކަން ފާހަގަކުރެވެއެވެ. ޓްރެފިކް ފުލުހުންނަކީ އާންމު ގޮތެއްގައިވެސް މަގުމަތި ބެލެހެއްޓުމުގައި އަވަދިނެތި ބުރަ މަސައްކަތްތަކެއްކުރާ ބައެއް ނަމަވެސް ޤާނޫނު ތަންފީޒުކުރުމުގެ ތެރެއިން ބައެއް ފަހަރު ޖުރިމަނާކުރުން ފަދަ ކަންކަން ކުރަންޖެހޭތީ އާންމުންގެ ޝަކުވާތަކާއި އުދާސްތައް ބަންޑުންކޮށްލާ ފަހަރުވެސް މަދެއް ނޫނެވެ. އެހެންނަމަވެސް ޓްރެފިކް ފުލުހެއްގެ ހައިސިއްޔަތުން ނާޝިހުއަށް އާންމުންގެ ފަރާތުން ޚާއްސަ ލޯތްބަކާއި ޤަދަރެއް ދެވިފައިވާއިރު އެއީ 'ލެޖެންޑެއް' ކަމަށް ދިވެހި ޒުވާނުންތަކެއް ފާހަގަކުރާނީ ފުލުހުންގެ މިޚިދުމަތުގައި އޭނާއަށް ކޮންމެވެސް ކަންތައްތަކެއް އާދަޔާ ޚިލާފަށް ރަނގަޅަށް ކުރެވިފައި އޮތުމުންކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

މާލެއަށް އުފަން ޕޮލިސް ސްޓާފް ސަރޖަންޓް ނާޝިހު މިޚިދުމަތަށް ނުކުތީ އުމުރުން 22 އަހަރުގައެވެ. އޭގެފަހުން މިޚިދުމަތުގައި 24 އަހަރު ހޭދަކޮށްފައިވާއިރު، އެންމެ ގިނަ ދުވަހު މަސައްކަތްކޮށްފައިވަނީ ޓްރެފިކް ޕޮލިސް މެނޭޖްމަންޓް ޑިޕާޓްމަންޓުގައެވެ. އާދައިގެ ޓްރެފިކްމަނަކުން ފެށިގެން ޓްރެފިކް އޮޕަރޭޝަންސްގެ ޝިފްޓްތަކުގެ އިސްމީހެއްގެ ހައިސިއްޔަތުންވެސް ނާޝިހުވަނީ މަސައްކަތްކޮށްފައެވެ. 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޓްރެފިކް ޕޮލިހުގެ އެކި ޔުނިޓްތަކުގައި އޭނާ މަސައްކަތްކޮށްފައިވާއިރު، ނާޝިހު އެންމެ ގިނަ ދުވަހު މަސައްކަތްކޮށްފައިވަނީ މަގުމަތީ ޓްރެފިކް ބެލެހެއްޓުމުގައެވެ. އެގޮތުން ސްޓެޓިކްކޮށް ޑިއުޓީ ބެލެހެއްޓުމާއި، ބާޒާރުމަތިފަދަ ތޮއްޖެހުން ބޮޑުވާ ހުރިހާ ސަރަހައްދެއްގައިވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ
ޓްރެފިކް ފުލުހެއްގެ ހައިސިއްޔަތުން މަގުމަތީގެ ކަންކަން ތަރުތީބުކުރުމުގައި ބުރަ މަސައްކަތްތަކެއް ކުރުމަށްފަހު ނާޝިހު މިހާރު މަސައްކަތްކުރަނީ ޓޯވްޔާރޑުގައެވެ. އެހެންނަމަވެސް އޭނާ އަދިވެސް އެންމެ ޚިދުމަތްކުރަން ބޭނުންވަނީ މަގުމަތީ ޓްރެފިކް ބެލެހެއްޓުންކަން ނާޝިހު ފާހަގަކުރިއެވެ. "ކޮވިޑްތެރޭގައިވެސް ބްރިޖް ޑިއުޓީއަށް ވަރަށް ފަހުންވެސް ދިޔައިން. ވަރަށް ހިތްހަމަޖެހޭ މަގުމަތީގައި ޑިއުޓީކުރުމަށް. ގިނަ ބަޔަކާއި ބައްދަލުވޭ. މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭ، މިސްކިތްކައިރިންވެސް ފެންނާނެ ދުވަސްވީ މީހުން މަގުހުރަސް ނުކުރެވި އުޅޭތަން. އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއް" ނާޝީހު ވިދާޅުވިއެވެ.

ކުރާ މަސައްކަތް ސާބިތުކަމާއެކު ކެރިގެން ކޮށްފިނަމަ ކާމިޔާބީ ހާޞިލުވާނެކަން ނާޝިހު މިވަނީ ދައްކައިދީފައެވެ. 'އަޅުގަނޑު ހުންނަ ވީސީޕީއަކުން ދެމިގަނެގެނެއް ނުދެވޭނެ. ދެ ތިން ވީސީޕީއިން ދެމިގެންދާ މީހުންވެސް އަޅުގަނޑު ހުންނާނެ ހުއްޓުވާފަ. އެ ޔަޤީންކަން އަބަދުވެސް އޮވޭ." ކިތަންމެ ބާރުބޮޑު ތަނެއްގައި މަސައްކަތްކުރަންޖެހުނު ނަމަވެސް އޭނާގެ މޫނުމަތިން ހާސްކަމެއް ނުފެނެއެވެ. އެއަށްވުރެ ބޮޑަށް ފެނިގެންދަނީ އެކަން ހައްލުކުރުމަށް ސާބިތުކަމާއި ހަރުދަނާކަންމަތީ މަސައްކަތްކުރާ ތަނެވެ. އާންމުންގެ މެދުގައި ނާޝިހު އާދަޔާ ޚިލާފަށް ތަފާތު މީހެއްގެ ގޮތުގައި ބަލައިގަންނަ ސަބަބަކީ އެއީ ކަމުގައިވެދާނެއެވެ.
އޭނާގެ މަސައްކަތުގެ އަޚްލާޤާއި ޒިންމާއަދާކުރުމުގެ ރިވެތި ނަމޫނާއިން އާންމުންގެ ހިތްތަކުން މިވަނީ ޖާގަހޯދާފައެވެ. އެއީ ޓްރެފިކް ފުލުހުންގެ ތެރެއިން އާންމުން ފާހަގަކުރާ ލެޖެންޑް އޮފިސަރެވެ. ނާޝިހުއަކީ މިހާރުގެ ޒުވާން ޓްރެފިކްމަނުންނަށްވެސް ނަމޫނާ ފުލުހެކެވެ.



