އަނދިރި ފަރާތް (ފަހުބައި)

(ހަވަނަ އަދަދާއި ގުޅޭ)

އެވަގުތު ޝީނާގެ ލޯ ފެންކަޅިވިއެވެ. އަދި މީރާގެ ލޮލުން ނަޒަރު ވަކި ކޮށްލުމަށްފަހު ދުރަށް ބަލަން ފެށިއެވެ.

"އަހަރެން މިހާރު މިތަނުން ދާ ހިތެއް ނުވޭ." އެ އިންގޮތަށް ދުރަށް ބަލަހައްޓައިގެން އިނދެ ޝީނާ ބުންޏެވެ. އަދި ހުރިހާ ކަމެއް ފެށުނު ހިސާބުން ކިޔައިދޭން ފެށިއެވެ.

-------------------------------------------------------------------------------------------------------------------------------

ޝީނާއަކީ އެރަށަށް އުފަން، ވިހި އަހަރުގެ ޒުވާނެކެވެ. އޭނާގެ ބައްޕައަކީ އެރަށު މީހެއް ނަމަވެސް މަންމަ އަކީ އެހެން ރަށެއްގެ މީހެކެވެ. ޝީނާގެ އުމުރުން ދެ އަހަރުގައި މަންމަ ވަނީ މި ދުނިޔެއާ އަލްވަދާޢު ކިޔައިފައެވެ. އެ ދެމަފިރިންނަށް ލިބުނީ ޝީނާ އެކަންޏެވެ. މަންމަ ނިޔާވެ، ދުވަސްކޮޅެއް ފަހުން ބައްޕަ އެހެން މީހަކާ ކައިވެނި ކުރިއެވެ. އެއީ ވަރަށް ޒީލަ ގަދަ އަންހެނެކެވެ. ޝީނާ ހަނދާން ހުންނަން ފެށީއްސުރެ އެ ގޭތެރޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަނީ އޭނާއެވެ. ބައްޕަ ކުރިމަތީގައި ދޮންމަންމަ އޭނާއަށް ހެޔޮ ނަމަވެސް ބައްޕަ ނުހުންނަ ތަންތަނުގައި ވަރަށް ހިތުގައި ޖެހޭ އެއްޗެހި ކިޔައެވެ. ބޮޑުވަމުން އައި އިރު އޭނާ ހުރީ އެކަންކަމަށް އާދަވެފައެވެ.

ޝީނާގެ އުމުރުން ސާދަ އަހަރުގައި ބައްޕައަށް ސްޓްރޯކެއް ޖެހިފައި އެއް ފަޅި ވާގި ނެތުނެވެ. އޭގެ ފަހުން ބައްޕަ އެނދުމަތިވިއެވެ. އެ ދުވަސްވަރު ދޮންމަންމަގެ ވިހަ ގަދަ ބަސްތައް ބައްޕައަށްވެސް އަމާޒުވާން ފެށިއެވެ. އޭރު ދޮންމަންމައާއި ބައްޕައަށްވެސް ދެ ކުދިން ލިބިއްޖެއެވެ. އެންމެ ފަހުން ދޮންމަންމަގެ ނުފޫޒުން ބައްޕަގެ ގޯތިވެސް ދޮންމަންމަގެ ނަން މައްޗަށް ބަދަލުކުރިއެވެ. ޖެހިގެން އައި އަހަރު ބައްޕައަށް އިތުރު ސްޓްރޯކެއް ޖެހިފައި މި ދުނިޔެއާ ވަކިވިއެވެ.

އޭގެ ފަހުން ޝީނާ އުޅެމުން ދިޔައީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. ބައްޕަ ދޮންމަންމައާ އިން ފަހުން ބައްޕަގެ ޢާއިލާގެ އެއްވެސް މީހަކުވެސް އޭނާއަކާ އަޅައެއް ނުލައެވެ. މަންމަގެ ޢާއިލާ މީހުން ދުވަހަކު ލޮލަކަށް ނުވެސް ފެނެއެވެ. އެހެންކަމުން އޭނާއަށް އަޅާލާނެ އެއްވެސް މީހެއް މި ދުނިޔޭގައި ނެތެވެ. މީހުން ކިޔައިފާނެ އެއްޗަކަށްޓަކައި ދޮންމަންމައަށް އޭނާ ގެއިން ނެރެލާކަށް ނުކެރުނެވެ. ގޭގައި ޖެހޭހާ މަސައްކަތެއް ކުރަމުން އޭނާ ދިޔައީ ކެތްތެރިކަމާއެކު ހުރިހާ ކަމަކަށް ކުރިމަތިލަމުންނެވެ.

އެހެން އުޅެނިކޮށް އޭނާގެ ދިރިއުޅުމަށް ޝާހިދު އައީ އުމުރުން ނަވާރަ އަހަރުގައެވެ. ޝާހިދުގެ ހުށަހެޅުމަށް ޝީނާ އާނ ބަސް ބުނީ ވަރަށް ވިސްނާފައެވެ. ސަބަބަކީ ޝާހިދަކީ ރަނގަޅަށް ކިޔަވައިގެން ހުރި އަޚުލާޤު ރަނގަޅު ކުއްޖެކެވެ. ޝާހިދުގެ ޢާއިލާއަކީ ރަށުގައި ކަމުވޮށިގެންވާ ޢާއިލާއެކެވެ. އެރަށުގައި ހުރި އެންމެ މަޝްހޫރު ގެސްޓް ހައުސް ހިންގަނީ ޝާހިދުގެ ޢާއިލާއިންނެވެ.

މާ ގިނަ ދުވަސްތަކެއް ބޭކާރުނުކޮށް ޝީނާއާއި ޝާހިދު ކައިވެނި ކުރަން ބޭނުންވިއެވެ. ނަމަވެސް ޝާހިދުގެ ބައްޕައަކީ ބޯޓު ދަތުރުކުރާ މީހެއްކަމުން ބައްޕަ އަންނަންދެން ކައިވެނި މަޑު ޖައްސާލުމަށް ޝާހިދުގެ މަންމަ އެދުނެވެ. އެހެންކަމުން ދެމީހުންވެސް އިންތިޒާރުކުރަމުން ދިޔައީ ކައިވެނި ކުރެވޭނެ ދުވަހަކަށެވެ.

ޝީނާއާއި އުނައިސްއާ ދިމާވީ ޝާހިދުއާއެކު އެމީހުންގެ ގެސްޓް ހައުސްއަށް ދިޔަ ދުވަހެއްގައެވެ. އުނައިސްއަކީ ފޮޓޯގްރަފަރެއްކަމުން އޭނާ ގެނައީ އެތަނުގެ އިޝްތިހާރުތަކެއް ހެދުމަށްޓަކައި ފޮޓޯ ނެގުމަށެވެ. އެމީހުންނަށް އުނައިސް ތަޢާރަފްކޮށްދިނީ ޝާހިދުގެ ބޭބެއެވެ. ޝާހިދުއަކީ މީހުންނާ ވަރަށް އަވަހަށް ގުޅުން ބަދަހިކުރާ ހިތްހެޔޮ މީހެކެވެ. އެހެންކަމުން އުނައިސްއާވެސް ވަރަށް އަވަހަށް އެކުވެރިކަން ބަދަހިކުރިއެވެ. އޭގެ ފަހުން ޝީނާ ޝާހިދުއާއެކު ގެސްޓް ހައުސްއަށް ދާ ވަރަށް ގިނަ ދުވަސްދުވަހު އުނައިސްއާ ދިމާވެއެވެ.

އެއް ދުވަހެއްގެ ފަތިހުގެ ވަގުތެވެ. ޝީނާއަކީ ޢާންމުކޮށް ތެލި ދޮވުމަށްޓަކައި ގޮނޑުދޮށަށް ދާ ކުއްޖެކެވެ. ހިތްހަމަޖެހޭ ވަގުތުކޮޅެއް އެކަނި ހޭދަކޮށްލުމުގެ ނިޔަތުގައެވެ. ކޮންމެ ދުވަހަކު ފަތިސް ނަމާދުކޮށްގެން އޭނާ ގޮނޑުދޮށަށް ފައިބާއިރު ރަނގަޅަށް ބިންމަތިވެސް އޮންނަނީ އަލި ނުވެއެވެ. އެވަގުތަކީ މަގުމަތީގައި މީހުންވެސް ވަރަށް މަދު ވަގުތެކެވެ. އާދައިގެމަތިން އެދުވަހުވެސް ޝީނާ ދިޔައީ ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތަކުން އުފާ ލިބިގަންނަމުން، އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ތެލިތައް ދޮންނަމުންނެވެ. ދުވަހަކީ މޫސުން ކޮންމެވެސްވަރަކަށް ގޯސް ދުވަހެއްކަމުން ވައި ތަންކޮޅެއް ގަދަވެފައި އޮއިވަރުވެސް ގަދައެވެ. ތެލިތައް ދޮވުމަށްޓަކައި ޝީނާ އިނީ ރާޅު ޖަހާ ހިސާބުގައި އިށީނދެލައިގެންނެވެ. އެގޮތަށް އިންދައި ކުއްލިއަކަށް ފަހަތުން މީހަކު އައިސް އޭނާގެ މޫނާއި އަނގަ މަތީގައި ފޮތިގަނޑެއް އެއްސިއެވެ. އަދި ދެއަތްވެސް ފަހަތަށް ގެންގޮސް އައްސާ ހައްޔަރުކުރިއެވެ. ކުއްލިއަކަށް އެ ހުރިހާ ކަމެއް ދިމާވުމުން ޝީނާ އިނީ ވަމުންދާގޮތް ސިކުނޑިއަށް ނަގައިގަންނަންވެސް ދަތިވެފައެވެ. އިރުކޮޅަކުން އެމީހަކު އޭނާގެ މުލައްދަނޑީގައި ހިފާފައި ކޮޅަށް ނެގިއެވެ. އަދި ގަސްތައް ގިނަ ދިމާއަކުން ދަމާފައިކަހަލަ ގޮތަކަށް ގެންދަންފެށިއެވެ. އެގޮތަށް އިރުގަނޑަކު އޭނާ ހިންގެވުމަށްފަހު ތަނަކަށް ވައްދާފައި ސިޑިއަކުން މައްޗަށް އެރުވިއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އެނދެއްގެ މަތީގައި އޭނާ ބޭންދިއެވެ. އޭރުވެސް އަނގަމައްޗާއި ލޯ ބަންދުކޮށްފައި ހުރުމުން އެއްވެސް ތަނެއް ފެންނަގޮތެއް ނުވެއެވެ. އޭގެ ފަހުން ދެއަތާއި ދެފައި ތަނެއްގައި އެއްސުމަށްފަހު ލޮލާއި އަނގަމަތީގައި އަޅާފައިވާ ފޮތިގަނޑު އެމީހަކު ނެގިއެވެ. އެވަގުތު ފުރަތަމަ ފެނުނު މަންޒަރުން ޝީނާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ކުރިމަތީގައި ފެންނަން ހުރި ފާރު ފުރޭ ވަރަށް ކުރަހާފައި ހުރީ އޭނާގެ ސޫރައެވެ. ކައިރީގައި ހުރި އުނައިސް ފެނުނީ އަދި ކުޑަ އިރުކޮޅަކުންނެވެ.

"އަހަރެން ދޫކޮށްލާ! ޕްލީޒް!" އުނައިސް ފެނުމާއެކު ޝީނާއަށް ތެޅި ގަނެވުނެވެ. އަދި އާދޭހާއެކު ދޫކޮށްލަން އެދުނެވެ. އޭރުވެސް އޭނާ އެތަނަށް ގެނެވުނު ސަބަބެއް ނޭނގެއެވެ.

"ސޮރީ! އަހަންނަކީ ބޭނުން ކަމެއް ކޮށްފައި ނޫނީ ހުއްޓާލާ މީހެއް ނޫން." ނުބައި ފާޑަކަށް ހީލަމުން އުނައިސް ބުންޏެވެ. އަދި މަޑުމަޑުން ޝީނާގެ އެއްފަރާތު ކޮލުގައި ފިރުމާލިއެވެ.

"ފުރަތަމަ ފެނުނު ވަގުތުވެސް އަހަރެންގެ ހިތުގައި ތި ސޫރަ ކުރެހިއްޖެ. އެކަމަކު އެނގުނު ތިއީ ޝާހިދުގެ ވާން އުޅޭ އަނބިމީހާކަން. ދެން އެކަމަކު ޝީނާ ވާނީ ހަމައެކަނި އަހަރެންގެ ޙައްޤަކަށް." އުނައިސް އިތުރަށް ބުންޏެވެ.

އުނައިސްގެ ވާހަކަތަކުން ޝީނާ ބިރުގަންނަގޮތްވިއެވެ. ވަރަށް ރޮއިފައި ދޫކޮށްލުމަށް އެދި އާދޭސްވެސް ކުރިއެވެ. ނަމަވެސް އުނައިސް އެ އަޑެއް ނޭހިއެވެ. ކޮންމެ ފަހަރަކުވެސް އުނައިސް ބޭނުންވުމުން އައިސް އަމިއްލަ އެދުން ފުއްދާލާފައި ދަނީއެވެ. ނަމަވެސް އޭނާ ޝީނާއަށް އިތުރު އަނިޔާއެއް ނުކުރެއެވެ. މީރު ކާއެއްޗެއްސާއި ރީތި ހެދުން ގެނަސްދެއެވެ. އަދި ފަހުގެ އެންމެ މަޝްހޫރު ސެންޓާއި ރީތިވާ ސާމާނުވެސް ހޯދައިދެއެވެ. ނަމަވެސް ޝީނާއަށް އޭގެން އެއްވެސް ކަމަކުން އުފަލެއް ނުލިބެއެވެ.

ޝީނާ ދޮންނަން ގެނގުޅުނު ތެލިތައް ގޮނޑުދޮށުން ފެނުމުން ރަށު މީހުން ހީކުރީ އޭނާ ތެލި ދޮންނަން ގޮސް އުޅެފައި މޫދަށް އެރުނު ވަގުތު އޮޔާ ގެންދިޔައީކަމަށެވެ. ނުވަތަ މޫދަށް ގެނބުނީކަމަށެވެ. އެހެންކަމުން ރަށު ރައްޔިތުން ނުކުމެ މޫދުގެ އެކި ހިސާބު ބެލިއެވެ. ނަމަވެސް އެގޮތަށް ހަފްތާއެއް ވަންދެން ބެލި އިރުވެސް ޝީނާގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އެހެންކަމުން އެންމެންވެސް ނިންމީ ޝީނާ މަރުވީކަމުގައެވެ. އެ ހުރިހާ ވާހަކައެއް އުނައިސް ދިޔައީ ޝީނާއަށް ކިޔައިދެމުންނެވެ.

ތިން މަސް ފަހުން ދެން އުނައިސް ޝީނާއަށް ދިން ޚަބަރަކީ ޝާހިދު އެހެން މީހަކާ ކައިވެނިކުރިކަމުގެ ހިތާމަވެރި ޚަބަރެވެ. ޕާޓީގައި ޝާހިދުގެ ދެމަފިރިން ނަގާފައި ހުރި ފޮޓޯތައްވެސް އުނައިސް ޝީނާއަށް ދެއްކިއެވެ. އެހާ ހިސާބުން ޝީނާގެ ހިތްވަރު މުޅިން އެލުނެވެ. ބައްޕަ މަރުވުމަށްފަހު އޭނާއަށް އަޅާލި ހަމައެކަނި މީހަކީ ޝާހިދެވެ. ނަމަވެސް އޭނާވެސް އެންމެފަހުން އެހެން މީހަކު އިޚްތިޔާރުކުރީއެވެ. އެކަމުގައި ޝާހިދުގެ އެއްވެސް ކުށެއް ނެތްކަން ޝީނާ ޤަބޫލުކުރެއެވެ.

-------------------------------------------------------------------------------------------------------------------------------

ޝީނާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު އަނަސްއާއި ޒާރާވެސް އެތަނުގައި ތިއްބެވެ. އެންމެންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"ފަހުން އަހަރެން މިތަނުން ދެވޭތޯ މަސައްކަތެއްވެސް ނުކުރަން. އަހަންނަށް އެނގޭ މިތަނުން ނުކުމެގެން ގޮސް އަހަރެން ވަންނާނެ އިތުރު ތަނެއް ނުހުންނާނެކަން. އަޅާލާނެ މީހެއްވެސް ނެތްކަން... އަހަރަކަށްވުރެ ގިނަވެއްޖެ މިގޭގަ އުޅޭތާ. މިހާރު އަހަރެން ބަނޑުވެސް ބޮޑު. ފަހުން އުނައިސް ވަރަށް ރަނގަޅު. ކިތަންމެ ފަހަރަކު މަޢާފަށްވެސް އެދުނު." ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ޝީނާ ކިޔައިދިނެވެ.

"ކޮއްކޮގެ ފަރާތުން އަހަރެން މަޢާފަށް އެދެން. ޝީނާ ބުނި ކޮންމެ އަދަބެއް އޭނާއަށް ދޭން އަހަރެން މިހިރީ ތައްޔާރަށް." ކުށްވެރިޔަކުފަދައިން އަނަސް ބުންޏެވެ. އޭރު މީރާ އިނީ ހިތްވަރު ދިނުމުގެ ގޮތުން ޝީނާގެ ކޮނޑުގައި އަތް ޖައްސާލައިގެންނެވެ.

"އުނައިސްއަކީ އަސްލު ގޯސް މީހެއް ނޫން. އަހަރެން މިހާރު ބޭނުންވަނީ ބަނޑުގައި މިވާ ދަރިފުޅު ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރަން. އެކަމަށްޓަކައި އުނައިސްއާ ކައިވެނިކުރަންވެސް އަހަރެން މިހިރީ ތައްޔާރަށް. ކޮންމެ ގޮތެއްވިޔަސް މިއީ އުނައިސްގެ ދަރިއެއް." ބަނޑުގައި ފިރުމާލަމުން ޝީނާ ބުންޏެވެ.

..........................................................................................................................................................................

އުނައިސް ގެއަށް އައި އިރު ހުރިހާ ކަމެއް އޮތީ ވެ ނިމިފައެވެ. އޭނާ މިއޮއްހާ ދުވަހު ފޮރުވައިގެން އުޅުނު ސިއްރު އޮތީ ހާމަވެފައެވެ. އެކަމާ އޭނާ ވަރަށް ލަދު ގަތެވެ. ދެރަވެސްވިޔެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން އެކަންތައް ފަޅާއަރާނެކަން އޭނާއަށް ކުރިންވެސް އެނގެއެވެ.

މީރާމެން މާލެ ދިޔައީ ޝީނާ ގޮވައިގެންނެވެ. އުނައިސް ކުރި ކަންތަކުގެ ސަބަބުން ޝިޔާނާއާއި އިދުރީސްވެސް ތިބީ އިންތިހާއަށް ދެރަވެފައެވެ. ޝީނާ ދުނިޔޭގައި ހުރިކަން އެނގުމުން އެކަމާ އުފާވި ހަމައެކަނި މީހަކީ ޝާހިދެވެ. އުނައިސްއަށް ޙައްޤުވާ އަދަބު ދިނުމަށްޓަކައި އޭނާ ކަމާބެހޭ ފަރާތާ ޙަވާލުކުރަން ގެންދިޔައީ އަނަސްއެވެ. އުނައިސް އެކަމާ ދެކޮޅެއް ނުހަދައެވެ. ކުރެވުނު ކަންތަކާ އޭނާ މިހާރު ހިތާމަކުރެއެވެ. އަދި އެކުށަށް ތައުބާވެ އެންމެންގެ ކިބައިން ވަކިވަކިން މަޢާފަށް އެދުނެވެ. ސަލާމަތްވެގެން ނުކުމެވުމުން އެންމެ ފުރަތަމަވެސް އޭނާ ކުރަން ބޭނުންވާ ކަމަކީ ޝީނާ އޭނާގެ ޙަލާލު އަނތްބަކަށް ހެދުމެވެ.

(ނިމުނީ)

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ