މިއަންނަ އަހަރު ނިމޭއިރު ގާތްގަނޑަކަށް 40 ވަރަކަށް ފުޓުބޯޅަ ދަނޑު ހަދާ ނިންމޭނެ ކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ އެވެ.
ރޭ ވީޓީވީން ގެނަސްދިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ މިއަންނަ އަހަރު ނިމެންވާއިރަށް ގާތްގަނޑަކަށް 40 އަކަށް ބޮޑު ދަނޑު ދިވެހިރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އޮންނާނެ ކަމަށެވެ.
މަޙްލޫފު ވިދާޅުވީ އެހެން ސަރުކާރު ތަކާއި މި ސަރުކާރާއި ވަރަށް ތަފާތު ވާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑު ފުޓުބޯޅަ ދަނޑެއް ފެންނަންއޮތީ ނައިފަރު އަދި މަހިބަދޫ ގައި ކަމަށެވެ. އަދި ވިލިފުށީގައިވެސް ޓާފް ގެނަސްފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުން މިހާރުވެސް 37 ބޮޑު ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ކުރިޔަށް އެބަގެންދާ ކަމަށް މަޙްލޫފު ވިދާޅުވިއެވެ.
އޭގެ ތެރެއިން 14 ފުޓުބޯޅަ ދަނޑުގެ މަސައްކަތް މިއަހަރު ތެރޭގައި ނިމޭނެ ކަމަށް މަޙްލޫފު ވިދާޅުވިއެވެ.
މިސަރުކާރުން އިސްކަން ދެނީ ފުޓުސަލް ދަނޑުތަކަށްވުރެ ފުޓުބޯޅަ ދަނޑުތަކަށް ކަމަށާއި ނަމަވެސް ފުޓްސަލް ދަނޑުތައްވެސް ހަމަ ޑިމާންޑާއިއެކު ކޮށްދެނީ ކަމަށް މަޙްލޫފު ވިދާޅުވިއެވެ. އެއީ ފުޓްސަލްގެ ފޯރިވެސް މިހާރު އޮންނަލެއް ބޮޑު ކަމުން ކަމަށްވެސް މަޙްލޫފު ވިދާޅުވިއެވެ.
ފުޓުބޯޅަ އާއި ފުޓުސަލް ނޫނަސް އެހެން ކުޅިވަރުތައް ކުރިއެރުވުމަށްވެސް މިސަރުކާރުން އިސްކަން ދެއްވާ ކަމަށް މަޙްލޫފް ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީގައި މިހާރު ބެޑްމިންޓަންގެ އިންޓަރނޭޝަނަލް ކޯޓެއް ހަދާފައިވާ ކަމަށް މަޙްލޫފް ވިދާޅުވިއެވެ.
ވޮލީގެ ވެސް އައުޓުޑޯ އަދި އިންޑޯ ކޯޓުތައް ރާއްޖޭގެ އެކި ރަށްރަށުގައި ހަދަމުންދާނެ ކަމަށް މަޙްލޫފު ވިދާޅުވިއެވެ. މީގެއިތުރުން ޓެނިސް، ސްކޭޓު ޕާކު ތަކާއި ބާސްކެޓު ކޯޓު ތަކާއި ދުވާ ޓްރެކާއި ސްވިމިންގ ޓްރެކްތައްވެސް ރާއްޖެގެ އެކި ރަށްތަކުގައި ޤާއިމް ކުރަމުންދާނެ ކަމަށް މަޙްލޫފް ވިދާޅުވިއެވެ.



