ސިޔާދަތީ ބާރެއް ދޫކޮށްލައިފި ނަމަ އަޅުގަނޑުމެންވެސް ނުކުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައި ވަނީ ރާއްޖެގެ ސިޔާދަތީ ބާރުތައް ރައްކަތެރިކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ދިވެހިން ތައްޔާރު ކަމަށާއި ސިޔާދަތީ ބާރުތައް ދޫކޮށްލަނީ ގައުމުގެ ހާއިނުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމަށް ރައްދު ދެއްވަމުން ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާދަތީ ބާރެއް ދޫކޮށްލައިފި ނަމަ އަޅުގަނޑުމެންވެސް ނުކުންނާނެ ކަމަށާއި ނުވިސްނެވީ ތިފަދަ ކަމެއް ނުވަނީސް ތިބެފުޅުން ނުކުމެ ކޮވިޑް-19 ފަތުރަން ތި އުޅުއްވާ ހަގީގީ ބޭނުން ކަމަށް ވިދާޅުވިއެވެ. އަދި ބަޔަކު ދުނިޔޭގައި ތިބެގެން އުނދަގޫ ވަނީތޯ ސުވާލު ކުރައްވާފައި ވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ރައްޔިތުންނަށާއި ގައުމަށް ހެޔޮއެދޭ ބަޔަކު މުޒާހަރާ ނުކުރާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްރަށުގައި ރާއްޖެ ވިއްކާލުމާއި ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދިޔަ މިހަރަކާތުގައި މިސަރުކާރުން ކުރަމުންދާ ވައްކަމާއި ދެކޮޅަށްވެސް އަޑުއުފުލާފައިވާއިރު، ސަރުކާރު ފެއިލްވެއްޖެކަމަށް ގޮވާލާ، މިސަރުކާރު އިސްތިއުފާ ދިނުމަށްވެސް އިދިކޮޅުންވެސްވަނީ ގޮވާލާފައެވެ.
މި އިޙުތިޖާޖާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އިދިކޮޅުން ވިދާޅުވީ ޒުވާނުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރިކަމަށާއި ގިނަ ޒުވާނުން މިއަދު މިވަނީ ކުރާނެކަމެއް ނެތި މަގުމަތިވެފައިކަމަށެވެ. ކޮވިޑް-19 ގެ މިހާލަތުގައި އެތައް ޒުވާނުންގެ ވަޒީފާތައްގެއްލި ނޯޕޭގައި ގެޔަށް ފޮނުވާލާފައިވުމުން ދެތައް އުރާލައިގެން ތިބެވެން ނެތްކަމަށް އިދިކޮޅުން ވިދާޅުވިއެވެ.




