ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ބިރުވެރިކަން ރާއްޖެގައި އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ކޮވިޑް-19 ފަތުރަން އުޅުއްވާ ހަގީގީ ބޭނުމަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް، އިދިކޮޅު ފަރާތްތަކާއި ސުވާލު ކުރައްވައިފިއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައި ވަނީ، ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާލުވެފައި ވަނީ، ރާއްޖެގެ ސިޔާދަތީ ބާރުތައް ރައްކަތެރިކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ދިވެހިން ތައްޔާރު ކަމަށާއި ސިޔާދަތީ ބާރުތައް ދޫކޮށްލަނީ ގައުމުގެ ހާއިނުން ކަމަށެވެ.
ކޮވޑްް-19 އަށް ޕޮޒިޓިވް ވާ މީހުން އިތުރުވެފައިވާ މި ހާލަތުގައި އިދިކޮޅު ފަރތާތްތަކުން ބާއްވާ މުޒާހަރާ އަށް ނިސްބަތް ކުރައްވާ، އާދަމް ޝަރީފް ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ސިޔާދަތީ ބާރެއް ދޫކޮށްލައިފި ނަމަ އަޅުގަނޑުމެންވެސް ނުކުންނާނެ ކަމަށާއި ނުވިސްނެވީ ތިފަދަ ކަމެއް ނުވަނީސް ތިބެފުޅުން ނުކުމެ ކޮވިޑް-19 ފަތުރަން ތި އުޅުއްވާ ހަގީގީ ބޭނުން ކަމަށް ވިދާޅުވިއެވެ. އަދި ބަޔަކު ދުނިޔޭގައި ތިބެގެން އުނދަގޫ ވަނީތޯ ސުވާލު ކުރައްވާފައި ވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްރަށުގައި އިދިކޮޅު ކޯލިޝަން އިން ރާއްޖެ ވިއްކާލުމާއި ދެކޮޅަށް ކުރިއަށްގެންދިޔަ މިހަރަކާތުގައި މިސަރުކާރުން ކުރަމުންދާ ވައްކަމާއި ދެކޮޅަށްވެސް އަޑުއުފުލާފައިވާއިރު، ސަރުކާރު ފެއިލްވެއްޖެކަމަށް ގޮވާލާ، މިސަރުކާރު އިސްތިއުފާ ދިނުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
އިދިކޮޅުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްޔެ ބޭއްވި ސިޔާސީ ޙަރަކާތް އެޗްޕީއޭގެ މިންގަނޑަށް ނުފެތޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުލުހުން ވިދާޅުވީ، އިއްޔެ ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.



