ހުޅުމާލެ މަގުތަކުގައި އިންދާފައިހުރި ފިތުރޯނުގަސްތަކުގެ ސަބަބުން މަގުތަކަށް ގެއްލުންވާތީ ބައެއް ގަސްތައް ކަނޑާލުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީން) ނިންމައިފިއެވެ.
އެޗްޑީސީން ހާމަކުރިގޮތުގައި، ގަސްތަށް ކަނޑާލަން ނިއްމާފައިވާ، ފިތުރޯނު ގަސްތައް ބިޔަވެ އޭގެ މޫތަށް ފެތުރި މަގުތަކަށް ގެއްލުންވުމުގެ ސަބަބުންނެވެ. އެގޮތުން މޫތަށް ބޮޑުވެ ފެތުރުމުގެ ސަބަބުން ޔުޓިލިޓީ ޚިދުމަތް ދިނުމަށާއި ފެންހިންދުމަށް ބިމުގެއަޑިން އަޅާފައިވާ ހޮޅިތަކާއި ކަރަންޓް ކޭބަލްތަކަށް ގެއްލުންތައް ވަމުންދާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މީގެ އިތުރުން ގަސްތަކުގެ މޫތަށް ފެތުރި މަގުގެ ތާރުހަލާކުވެ، ދުއްވާއެއްޗިއްސަށާއި މީހުންނަށްވެސް ނުރައްކާތެރިކަން އޮތްކަމަށް އެޗްޑީސީން ހާމަކުރިއެވެ.
"Fithuroanu" (Casuarina) trees are fast growing resilient trees that develop strong roots which spread rapidly. For this reason, these trees were planted along the coastal areas of Hulhumalé after the reclamation to prevent erosion and as windbreakers. ⠀ pic.twitter.com/bgbMJ4qRfr
— HDC (@hdcmaldives) August 29, 2020
އެޗްޑީސީން ވިދާޅުވީ، އަންނަ ހަފްތާއިން ފެށިގެން ހުޅުމާލޭގެ ބައެއް މަގުތަކުގައި ހުރި ފިތުރޯނު ގަސްތައް ކަނޑާލަން ހަމަޖެހިފައިވާކަމަށެވެ. އަދި ކަނޑާލާ ގަސްތަކުގެ ބަދަލުގައި ހިޔާދޭ ބާވަތްތަކުގެ އެހެން ގަސްތައް އިންދާނެ ކަމުގައިވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
މީގެ ކުރިންވެސް އެޗްޑީސީން ވަނީ، ހުޅުމާލެ ނިރޮޅުމަގުގައި ބިޔަކޮށް ހެދިފައ ހުރި ބައެއް ގަސްތައް ކަނޑާލާފައެވެ.




