މޯލްޑިވިއަން އައިޑަލް އިން އާއްމުންގެ ތެރެއަށް ތައާރްފްވި ލަވަކިޔުންތެރިޔާ ހަސަން އިރުފާން(ޒަކިއްޓެ)، ކޮވިޑް-19 ގެ މިދުވަސްކޮޅުގައި އާމްދަނީ ހޯދާނެ މަގުތައް ބަންދުވުމުން، އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ޒަކިއްޓެ އިންސްޓަގްރާމްގައި މިދިޔަ ހުކުރު ދުވަހު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މިދުވަސްކޮޅު ގިގްއެއް ނުވަތަ ލަވަކިޔުމުގެ އެއްވެސް މަސައްކަތެއް ނުލިބޭތީ އޭނާ މާލީގޮތުން ވަރަށް ބޮޑަށް ދަތިވެފައިވާކަމަށެވެ. އެހެންކމަުން އޮންލައިންކޮށް އާމްދަނީ ހޯދުމުގެ ގޮތުން، އޭނާގެ ލަވަތަކަށް ޝައުގުވެރިވާ ފަރާތްތަކުން ލަވަޔަށް އެދުމުން، އަގު ނަގައިގެން ލަވަކިޔައިދޭނެކަމަށެވެ.
އެގޮތުން އަޑުއަހަން ބޭނުންވާ ލަވައަށް ރިކުއެސްޓް ކުރުމުން، ލަވަ ކިޔައިދިނުމަށްފަހު ޕޯސްޓުކުރާނެކަމަށް ޒަކިއްޓެބުނެފައިވެއެވެ. އަދި ލަވަކިޔުމަށް އެދި ކުރާ ކޮންމެ ރިކުއެސްޓަކަށް، ކޮންމެ މީހެއްގެ އަތުން ނަގަން ނިންމާފައިވަނީ 20 ރުފިޔާކަމަށް ޒަކިއްޓެ ބުންޏެވެ.
ޒަކިއްޓެ މިހެން ބުނުމާއެކު، ގިނަ ބަޔަކު ވަނީ ޒަކިއްޓެގެ ފަރާތުން ލަވަތައް ކިޔުމަށް އެދިފައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މީހުންގެ ރިކުއެސްޓަށް ލަވަކިޔާ އެ ލަވައިގެ އޯޑިއޯ އަދި ވީޑިިއޯ ވަނީ ޒަކިއްޓެގެ އިންސްޓަގްރަމް ސްޓޯރީގައި ހިއްސާކޮށްފައެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ބައެއް ފަރާތްތަކުންވެސް ވަނީ ޒަކިއްޓެއަށް އެހީތެރިކަން ފޯރުކޮށްދީފައިކަން ފާހަގަކޮށްލެވުނެވެ.
މޯލްޑިވިއަން އައިޑަލްގެ ތެރެއިން އާއްމުންނަށް ޒަކިއްޓެ އެނގިފައިވާއިރު، ދާދިފަހަކުން ޒަކިއްޓެއަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބުނީ، ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ލަވަތަކުގެ ތެރެއިން 80 އިންސައްތަ ލަވަތަކަކީ، އެހެން އާޓިސްޓުންގެ ލަވަތަކުން ކޮޕީ ކޮށްގެން އުފައްދާފައިވާ ލަވަތެކެކޭ ބުނުމާއެކު، ދިވެހިންގެ ގިނަ ބަޔަކު ނުކުމެ އޭނާ ހޫނުފެނަށް ވައްޓާލުމާއެކުއެވެ.
އާއްމުންގެ ނުރުހުން ޒަކިއްޓެއަށް އަމާޒުވުމާއެކު، ޒަކިއްޓެ ވަނީ އާއްމުންގެ ކިބައިން ފަހުން މާފަށްވެސް އެދިފައެވެ.



