ހުޅުމާލޭގައި ހެދިކާ ވިއްކަން ބަހައްޓާފައި ހުރި ޓެންޓްތައް ނަގަން ނިންމައިފި

ހުޅުމާލޭގައި ހެދިކާ ވިއްކަން ބަހައްޓާފައި ހުރި ޓެންޓްތައް މަރާމާތު ކުރުމަށް ނަގަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހުޅުމާލޭގެ ފްލެޓް ގޯތި ރޯހައުސް ތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން ތައްޔާރުކުރައްވާ ހެދިކާ ވިއްކެވޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ކޯޕަރޭޝަނުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި 30 ޓެންޓު ވާނީ ބެހެއްޓިފައެވެ.

މިޓެންޓުތައް ދޫކުރުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި، ޓެންޓުތައް ބާވެ ހަލާކުވެފައިވާތީ، މަރާމާތުކުރުމަށްޓަކައި 10 ސެޕްޓެންބަރު 2020 ވާ ބުރާސްފަތި ދުވަހު މިޓެންޓުތަށް ނެގުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަވަ ކަމަށް އެޗްޑީސީ އިން ވިދާޅުވިއެވެ.

ޓެންޓުތައް ނެގުމަށްފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން އެކުލަވާލައްވާފައިވާ "މަގުމަތީގައި ކާނާ ވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނާއި ތަކެއްޗާއި އުޅަނދުގައި ހުންނަންޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑުތަކާއި ޢަމަލު ކުރަންޖެހޭ އުޞޫލު" އާ އެއްގޮތްވާ ގޮތުގެމަތިން ފަރުމާކޮށް މަރާމާތުކުރުމަށްފަހު، މިކޯޕަރޭޝަނުން ކަނޑައަޅާ ސަރަޙައްދުތަކުގައި އަލުން ބެހެއްޓޭނެ ކަމަށް ވިދާޅުވިއެވެ.

ޓެންޓުތައް ދޫކުރުމާއި ބޭނުންކުރާނެ އުޞޫލު މި ކޯޕަރޭޝަނުން އެކުލަވާލުމަށްފަހު 2020 ސެޕްޓެންބަރު މަހުގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށާއި ންޓުތައް މަރާމާތުކުރުމަށްފަހު ޓެންޓުތައް ބެހެއްޓުމަށް ކަނޑައަޅާ ސަރަޙައްދުތަކާއި ޓެންޓުތައް ދޫކުރުމާއި ބޭނުންކުރުމުގެ އުޞޫލާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ބައްދަލުވުންތަކެއް 2020 ސެޕްޓެންބަރު މަހުގެ ތެރޭގައި ބޭއްވުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ވާހަކަ ވެސް ވިދާޅުވިއެވެ.

ހެދިކާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މި ކޯޕަރޭޝަންގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދޭ ކަމަށާއި ހުޅުމާލޭގައި ދިރިއުޅުއްވާ އެންމެހައި ފަރާތްތަކުން އެޗްޑީސީ އަށް ދެއްވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ