ޗައިނާގެ އުތުރުގައި ހުންނަ ރެސްޓޯރެންޓެއް ވެއްޓި 29 މީހުން މަރުވެއްޖެއެވެ.
ޗައިނާގެ ޒިއަންގްފެންގް ގައި ހުންނަ 1 ބުރީގެ މި އިމާރާތް ވެއްޓިފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު، މީހެއްގެ 80 ވަނަ އުފަންދުވަސް ފާހަގަ ކުރަމުން ދަނިކޮށް ކަމަށް ޒިންހުއާ ނިއުސް އެޖެންސީ އިން ވިދާޅުވިއެވެ.
ވެއްޓިފައިވާ އިމާރާތުގެ ތެރެއިން 57 މީހުން ނެރެފައިވާ އިރު އެތައް ބަޔަކަށް ވަނީ ޒަހަމްވެފައެވެ.
7 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވީނަމަވެސް، އަނިޔާތަކަކީ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާ ތަކެއް ނޫން ކަމަށް ޒިންހުއާ އިން ވިދާޅުވިއެވެ.

އިމާރާތުގެ ތެރޭގައި ތާށިވެފައިވާ ފަރާތްތައް ސަލާމަތް ކުރުމުގެ މަސައްކަތް ނިންމާލައިފައި ވަނީ މިއަދު ހެނދުނު އެވެ. ރެސްޓޯރެންޓް ވެއްޓެން ދިމާވި ސަބަބު އެނގިފައި ނުވާއިރު، މިކަން ހޯދުމަށް ސަރުކާރުން ތަހުގީގުކުރަން ފަށާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަން ގައި 700 މީހުން ބައިވެރިވެފައި ވެއެވެ. މިއަހަރުގެ މާރިޗު މަހު ވެސް ޗައިނާގެ ހޮޓަލެއް ވެއްޓި 29 މީހުން މަރުވެ 42 މީހަކު ވަނީ ޒަހަމްވެފައެވެ.



