ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިޔަ މީހަކު އެރަށަށް އެރުވުމާއި ދެކޮޅުހެދީ ޕީޕީއެމްގެ މެންބަރުންނެއް ނޫން: ކޯލިޝަން

ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީއަށް ގެންދެވުނު ފަރާތަކަށް އެރަށަށް އެރުމަށް ހުރަސްއެޅި މައްސަލައިގައި ޕީ.ޕީ.އެމް ގެ މެންބަރުން ބަދުނާމުކޮށް ގއ. އަތޮޅު ކައުންސިލްގެ ރައީސް ރާއްޖެ ޓީވީގައި ދެއްކި ވާހަކަތައް ދޮގު ކޮށްފިއެވެ.

ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިޔަ މީހަކު އެރަށަށް އެރުވުމާއި ދެކޮޅަށް، އެރަށު ރައްޔިތުން ނިކުމެ އިހުތިޖާޖު ކޮށްފައިވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ، ގއ. އަތޮޅު ކައުންސިލްގެ ރައީސް 31 އޯގަސްޓް 2020 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރާޖެޓީވީ އަށް ދެއްވި އިންޓަރވިއުއެއްގައި، ގދ. ތިނަދޫއިން ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދެވުނު ފަރާތަކަށް ވިލިނގިއްޔަށް އެރުމަށް ހުރަސްއަޅާފައިވަނީ މިކޯލިޝަނަށް ނިސްބަތްވާ ޕީ.ޕީ.އެމް. ގެ މެންބަރުންކަމަށް ބުނެ ދައްކާފައިވާ ވާހަކަތައް މިކޯލިޝަންގެ ފަރާތުން ދޮގު ކުރާ ކަމަށާއި އަދި އެދޮގު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މިއަދުގެ ޙާދިސާ ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ، މިހާރުގެ ސަރުކާރަށް ހިންގާ މައި ޕާޓީގެ މެންބަރުން ކަމާއި، އަދި އަތޮޅު ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ބައެއް މެންބަރުންގެ ގާތްތިމާގެ މީހުން ކަން މަންޒަރު ދެކެފައިވާ ގއ. ވިލިނގިލީ ރައްޔިތުން ހެކިވާނެއެވެ. އަދި އެވަގުތު ނެގިފައިވާ ފޮޓޯތަކާއި ވީޑިއޯ ތަކުންވެސް އެމަންޒަރުތައް ވަރަށް ސާފުކޮށް ފެންނާން ހުރި ކަމަށް އެރަށުގެ ރައްޔިތުން ވަނީ ވިދާޅުވެފައި ކަމަށް ކޯލިޝަނުން ވިދާޅުވިއެވެ.

އަދި، ކޯވިޑް ފެސިލިޓީއަށް ގެންދެވުނު ފަރާތަށް ގއ. ވިލިނގިއްޔަށް އެރުމަށް ހުރަސް އެޅުމުގައި، ގއ. އަތޮޅު ކައުންސިލްގެ ރައީސްއާއި ގއ. ވިލިނގިލީ ކައުންސިލްގެ ރައީސް އާއި އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރުގެ އިހުމާލު ވަރަށް ބޮޑު ކަމުގައި އެރަށު ރައްޔިތުން އަންނަނީ ބުނަމުން ކަމަށާއި އަދި އެއީ އެ 3 ފަރާތުން ގުޅިގެން ރާވައިގެން ހިންގި ޢަމަލެއްކަމަށާއި، އެކަން ސާބިތުވަނީ އެތައް އިރެއްވަންދެން ބަލި މީހާ ގޮވައިގެން ރަށަށް ދަތުރު ކުރި އުޅަނދު ފަޅު ތެރޭގައި އެތައް އިރެއްވީއިރުވެސް، ބަލިމީހާ ބަލާ އެމްބިއުލާންސްވެސް ފޮނުވާފައި ނުވުން ކަމުގައި ވިދާޅުވިއެވެ.

އަދި ވިލިނގިލީ ރައްޔިތުން ބަދުނާމުކޮށް ޑރ. ނަޒްލާ ދައްކަވާފައިވާ ވާހަކަތަކާއި މެދުވެސް އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައި ކަމަށާއި ސިއްޙީ އެފަދަ ޒިންމާދާރު މަޤާމެއްގައި ހުންނެވި ބޭފުޅަކު ކަމުގެ ޙަޤީޤަތް ބެލުމެއް ނެތި ރަށުގެ ރައްޔިތުންނާމެދު ދެއްކެވި ދަށްފެންވަރުގެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކޯލިޝަނުން ކުށްވެރިކޮށްފައި ވެެއެވެ.

މިކޯލިޝަނަށް ނިސްބަތްވާ މެންބަރުންނަކީ އެއްވެސް ޙާލެއްގައި ރައްޔިތުންނަށް ޖެއްސުންކޮށް ރައްޔިތުންނަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް އަމަލު ކުރާނޭ ބައެއް ނޫން ކަމަށާއި މި ކޯލިޝަނާއި މިކޯލިޝަންގެ މެންބަރުން ބަދުނާމުވާ ގޮތަށް ދޮގު ވާހަކަތައް ދެއްކުން ހުއްޓާލާ، ޒިންމާދާރު ކަމާއެކު ރައްޔިތުން ޙަވާލުކޮށްފައިވާ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށް ރައްޔިތުންނަށް ޚިދުމަތް ކުރެވޭތޯ ބެއްލެވުމަށް ގއ. އަތޮޅު ކައުންސިލްގެ ރައީސްއަށް ގޮވާލާ ކަމަށް ކޯލިޝަނުން ވިދާޅުވިއެވެ.

ހެލްތު އިމަަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރޭ ވިދާޅުވީ

ރަށަަށް ބަލި މީހާ އެރުވުމާއި ދެކޮޅު ހެދުމުގެ ސަބަބުން އެމީހާގެ އިތުރުން އެމީހާގެ އާއިލާއަށް ވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާ ކަމަށެވެ.

“އަޅުގަނޑުމެން މިދައްކަނީ އަޅުގަނޑުމެންފަދަ އިންސާނެއްގެ ވާހަކަ، ދިވެއްސެއްގެ ވާހަކަ. އަޅުގަނޑުމެން އެކަކު އަނެކަކަށް ނުދިން އެހީތެރިކަމެއް އެހެން ވަކި ކޮންފަރާތަކުންތޯ ދޭނީ؟ މިގޮތަށް ވަކި ރަށަކަށް ނޫނީ ވަކި ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔެއް ޖެހިފައި ހުރީއޭ ކިޔާފައި ތަފާތުކުރުމާއި، ތަފާތު ގޮތަކަށް އޭނައާއި ދޭތެރޭ ދެކުމާއި، މިއީ ކޮވިޑް-19 އަށްވުރެވެސް ސީރިއަސް ބައްޔެއްކަމަށް އަޅުގަނޑުމެން ދެކެނީ.” ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަދި ބަލި މީހާއަށް ސިއްހީ ފަރުވާދޭން ލަސްވުމުގެ އިތުރުން ނަފްސާނީ ގޮތުން ވެސް ނުރަނގަޅު އަސަރުކޮށްފައިވާކަން ފަހަގަކުރެއްވި އެވެ.

ކޮވިޑް-19 ގެ މިހާލަތުގައި އެންމެންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށާއި އެކަމަކު މިފަދަ ހާލަތެއްގައި މިއަދު ހިނގާދިޔަ ފަދަ ކަންކަމަކީ މި ބަލިމަޑުކަމަށްވުރެ މާނުރައްކާތެރި ކަމެެއްް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިޔަ މީހަކު އެރުވުމާއި ދެކޮޅުހެދީ ޕީޕީއެމްގެ މެންބަރުންނެއް ނޫން: ކޯލިޝަން

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ