ދަންތުރަ (02)

(ފުރަތަމަ އަދަދާއި ގުޅޭ)

މިއުވާނާ ހަމައަށް އެ ޚަބަރު ދިއުމާއެކު އޭނާ އަވަހަށް ގެއަށް އަޔެވެ. މާނިއުގެ ކަންބޮޑުވުން ފެނި އޭނާވެސް ސައްތާރުއަށް ގުޅޭތޯ މަސައްކަތްކުރިއެވެ. އެކަމަކު ސައްތާރު ފޯނެއް ނުނެގިއެވެ. އެމީހުންނަށް ހިތްހަމަޖެހުމެއް ލިބޭނީ އެންމެ ކުޑަމިނުން ވަޒީފާއިން ވަކިކުރި ސަބަބެއް އެނގިގެންނެވެ.

ޖެހިގެން އައި ދުވަހު މާނިއުއާއެކު މިއުވާންވެސް ސައްތާރާ ބައްދަލުވޭތޯ އެ އޮފީހަށް ދިޔައެވެ. ނަމަވެސް އެދުވަހުވެސް ބައްދަލުވާ ގޮތެއް ނުވިއެވެ. އެތަނުގެ އިދާރީ ބައިގައި އުޅޭ ކުއްޖެއްގެ ފަރާތުން އެނގުނުގޮތުގައި ސައްތާރުވީ ދުވަސްކޮޅަކަށް ރާއްޖެއިން ބޭރަށް ގޮހެވެ. އެހެންކަމުން މާޔޫސްކަމާއެކު އެމީހުންނަށް ޖެހުނީ އަނބުރާލާފައި ގެއަށް އަންނާށެވެ.

އޭގެ ފަހުން މާނިއު އިންނަނީ ނެގި މަޑުވެފައެވެ. ނީޝަމްއާވެސް މާގިނައިން ވާހަކަ ދައްކައެއް ނުހަދައެވެ. އެކަމުގެ ސަބަބުން ގޭތެރޭގެ އުފާވެރި މާޙައުލުވެސް ކުއްލިއަކަށް ބަދަލުވެގެންދިޔައެވެ.

"ދަރިފުޅު ދެން ވީއެއްނު އަނެއްކާ އެހެން ވަޒީފާއެއް ލިބޭތޯ ބަލަން؟" މިއުވާން ބެލީ މާނިއުގެ ކަންބޮޑުވުން ކުޑަކުރެވޭނެ ގޮތެއް އޮތްތޯއެވެ.

"ތިކަން ކުރެވިދާނެ. އެކަމަކު އެންމެ ދެރަވަނީ އަހަރެން ހަވާލުވެފަ ހުރި ކޭސްތަކަށް ވާނެ ގޮތެއް ނޭނގޭތީ. ކްލައިންޓުން އަހަންނަށް ކުރާ އިޙުތިރާމާއި އިތުބާރު ގެއްލިގެން ދާނެ." މާނިއު އެންމެ ކަންބޮޑުވާ މައްސަލަ މިއުވާނާ ހިއްސާކުރިއެވެ.

"ދަރިފުޅު އެމީހުންނާ ވާހަކަ ދައްކަންވީނު؟ އެމީހުން ބޭނުމީއްޔާ ލޯ ފާރމް މެދުވެރިނުކޮށްވެސް އެ މައްސަލަތައް ބަލާދެވިދާނެއެއްނު؟" މިއުވާނަށް ފެންނަ ގޮތް ހާމަކުރިއެވެ. އޭނާގެ މަޤުސަދަކީ ދަރިފުޅަށް އަލި މަގެއް ހޯދައިދިނުމެވެ.

"މިހާރު ބަލަން ފަށާފަ ހުރި ކޭސްތަކަށް އެހެންނެއް ނުހެދޭނެ. އެ ހުރިހާ ކޭސްއެއްވެސް ހުންނާނީ ކޮންޓްރެކްޓެއްގެ ދަށުން. އެހެންނޫނަސް އަހަރެން އެހެން ހެދީމަ ސައްތާރަށް ވަރަށް ބޮޑަށް ގެއްލުންވާނެ. އޭނާ އަހަންނާމެދު ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އަހަރެން ބޭނުމެއް ނޫން އޭނާއަށް ދެރައެއް ދޭކަށް." މާނިއު އެދަނީ އެ ހުރިހާ ކޮޅަކަށްވެސް ވިސްނަމުންނެވެ.

މާނިއުގެ ޖަވާބު އަޑު އަހާފައި މިއުވާން ވަރަށް އުފާވިއެވެ. އެއީ އޭނާއާއި އިނާޝާ އެކުދިންނަށް ދިން ތަރުބިއްޔަތުގެ ނަތީޖާއެވެ. ދަތި ދަނޑިވަޅުގައިވެސް މާނިއު ނިންމި ގޮތާމެދު އޭނާ ފަޚުރުވެރިވިއެވެ.

ޖެހިގެން އައި ހަފްތާގައި މާނިއު ދެތިން ތަނަކަށް ވަޒީފާއަށް ލިއެވެ. ނަމަވެސް އެންމެ ކުޑަމިނުން އޭނާއަށް އިންޓަވިއުއަށްވެސް ނުކިޔައެވެ. އެކަމުގެ ސަބަބުން މާނިއުގެ ފިކުރުތައް އިތުރަށް ބޮޑުވާން ފެށިއެވެ. ކުރިއަށްވުރެވެސް ބޮޑަށް ބަސްމަދުވެ، އެކަހެރިކޮށް އިންނަން ފެށިއެވެ. އެކަންވީ ޢާއިލާއަށް ދިމާވި ބޮޑު ބަލިމަޑުކަމަށެވެ.

ރޭގަނޑުގެ ވަގުތެވެ. މިއުވާން ދިޔައީ އަށްގަޑި ބައިގައި އޮފީހުގައި އޮތް ބައްދަލުވުމަކަށެވެ. ބައްދަލުވުން ނިމުނީ އެގާރަ ޖެހި ފަހުންނެވެ. ނަމަވެސް ޖެހިގެން އަންނަ ދުވަހު އޮންނަ ބައްދަލުވުމަކަށް ކޮންމެހެން ނިންމަންޖެހޭ ޕްރެޒެންޓޭޝަންއެއް ތައްޔާރުކުރުމަށްޓަކައި މިއުވާން އޮފީހުގައި މަޑުކުރިއެވެ. މަސައްކަތުގެ ތެރެއަށް ގެއްލިފައި އިން ވަރުން ގަޑިން ވީވަރެއްވެސް އޭނާއަކަށް ނޭނގެއެވެ. ޕްރެޒެންޓޭޝަން ނިންމާލާފައި ގަޑި ބަލާލިއިރު ދަންވަރު އެކެއް ޖަހައިފިއެވެ. އެހެންކަމުން އަވަހަށް ލެޕްޓޮޕް ނިއްވާލާފައި އޮފީހުން ނުކުތުމަށް އޭނާ ހިނގައިގަތެވެ. އޭރު މަގުމަތީގައި ރަސްކަންކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. ކައިރި ހިސާބަކުންވެސް އެއްވެސް މީހެއްގެ ހިލަމެއްވާކަށް ނެތެވެ. މިއުވާން މަޑުމަޑުން ހިނގާލާފައި ގޮސް ޕާކް ކުރާ ސަރަހައްދުގައި ބަހައްޓާފައި ހުރި އޭނާގެ ސައިކަލަށް އެރިއެވެ. އަދި ސައިކަލު ސްޓާރޓްކޮށްލިއެވެ. އޭނާ ހަމަ ސައިކަލު ސްޓާރޓްކޮށްލި އަޑާއެކު ފަހަތުން އެހެން ސައިކަލެއްވެސް ސްޓާރޓްކޮށްލި އަޑު އިވުނެވެ. އެކަމާ މިއުވާން ކުޑަކޮށް ހައިރާންވެސްވިއެވެ. ސަބަބަކީ އޭނާ އޮފީހުން ނުކުމެގެން އެހިސާބަށް އައި އިރު މުޅި އެ ހިސާބުގައިވެސް މީހެއްގެ ހިލަމެއްވާކަށް ނެތެވެ. ނަމަވެސް އެކަން މާ ބޮޑު ކަމަކަށް ނުހަދާ އޭނާ ސައިކަލު ދުއްވާލިއެވެ. އެއާއެކު އެ ސައިކަލުވެސް ދުއްވާލިއެވެ. ކުރިއަށް ދިޔަވަރަކަށް މިއުވާން އަޅާ ކޮންމެ ގޯޅިއަކުން އެ ސައިކަލުވެސް އަންނަކަން އޭނާއަށް ފާހަގަވިއެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް އަލިކޮށް އޮތް މަގަކަށް ނުކުމެފައި ސައިކަލުގެ ލޯގަނޑުން ފަހަތުން އަންނަ ސައިކަލުގައި އިން މީހަކު ފެނޭތޯ އޭނާ ބަލާލިއެވެ. އެ މީހާ ލައިގެން އިނީ ހޫޑީއެކެވެ. އޭގެ ބޮލުގައި އަޅާ ބައިން އެމީހާގެ ބޯ އޮތީ ނިވާކޮށްފައެވެ. އަދި އަނަގޔާއި މޫނު ނިވާވާގޮތަށް ހުރީ މާސްކެއް އަޅާފައެވެ. އެހެންކަމުން އެމީހާގެ މޫނު ރީތިކޮށް ފެންނަގޮތެއް ނުވިއެވެ. އެވަގުތު މިއުވާންގެ ހިތަށް ކުއްލިއަކަށް ބިރުވެރިކަން ވަންނަ ގޮތް ވިއެވެ. ދަންވަރުގެ އެ ގަޑީގައި މޫނު ނިވާކޮށްގެން ހުރި މީހަކު އޭނާގެ ފަހަތުން އައުމުގެ ބޭނުމަކީ ކޮބައިބާއެވެ؟ ފޭރުންބާއެވެ؟ ނޫނީ އަނިޔާއެއް ދިނުންބާއެވެ؟

އެކަމާމެދު ވިސްނަން އިނދެ މިއުވާންގެ ގެ ހުންނަ މަގަށް އޭނާ އެޅިއެވެ. ނަމަވެސް ފަހަތުން އައި ސައިކަލްގެ ދުވެލި ކުއްލިއަކަށް ވަރަށް ބޮޑަށް ބާރުކޮށްލިއެވެ. އަދި މިއުވާންއާ ސީދާ ދިމާއަށް ދުއްވާފައި އަންނަންފެށިއެވެ. އެވަގުތު މިއުވާނަށް ހީވީ އޭނާގެ މޭގަނޑު އަނގަޔަށް އައި ހެންނެވެ. ބިރުން ތެޅިގަނެވުނެވެ. އަދި ކުއްލިއަކަށް ހަދާނެ ގޮތެއްވެސް ސިކުނޑިއަކަށް ނަޔެވެ. ނަމަވެސް ނަސީބަކުން އެމީހާ އައިސް ޖެއްސުމުގެ ކުރިން އޭނާއަށް ސައިކަލު މަގުގެ އެއް ފަރާތަށް އަނބުރާލެވުނެވެ. އެވަގުތު އެމީހާ ކުރިއަށް ގޮސްފައި ސައިކަލު މަޑުކޮށްލުމަށްފަހު ފަހަތަށް އެނބުރި ބަލާލިއެވެ. ނަސީބަކުން އޭރު މިއުވާނަށް ސައިކަލު މަޑުކޮށްލައިގެން އިނދެވުނީ އެ މަގުގައި ހުރި އޮފީހެއްގެ ބޭރުގައެވެ. އެތަނުގައި ސެކިޔުރިޓީ ގާރޑެއް އިނެވެ. އެހެންކަމުން މިއުވާން އެތާ މަޑުކޮށްލިއެވެ. އަދި ސެކިޔުރިޓީ ގާރޑާ ވާހަކަ ދައްކާ ކަމަށް ހެދިއެވެ. އެތަން ފެނިގެން އެ މީހާ ސައިކަލު ކުރިއަށް ދުއްވާލިއެވެ. އޭނާ ގޮސް މަގުން އޮބާލިކަން ޔަޤީންވުމުން މިއުވާން އަވަހަށް ގޮސް ގޭ ކައިރީގައި ސައިކަލު ޕާކު ކުރުމަށްފަހު ގޭތެރެއަށް ދެމިގަތެވެ. އޭރުވެސް އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

ނިދަން އޮތް އިރުވެސް މިއުވާނަށް ވިސްނުނީ އެކަމާމެދުގައެވެ. ފަހަތުން އައި މީހާ ކުއްލިއަކަށް ސައިކަލުގެ ދުވެލި ބާރުކޮށް އޭނާއާ ދިމާއަށް އެއައީ ގައިގައި ޖައްސަން ނޫން ދެން އެހެން ކޮންކަމަކު ހެއްޔެވެ؟ އެކަމަކު އެގޮތަށް ކަންތައްކުރުމުގެ ފަހަތުގައިވާ މަޤުސަދަކީ ކޮބައިބާއެވެ؟ އެކަމާމެދު ވިސްނަން އޮއްވައި މިއުވާނަށް ނިދުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.

މާނިއުގެ ކަންތަކާމެދު އެންމެން ކަންބޮޑުވަފައި ތިބި ދަނޑިވަޅެއްގައި މިއުވާން އަނެއްކާ އޭނާއަށް ދިމާވި ކަންތައްތައް ކިޔައިދީގެން އެންމެން އިތުރަށް ހާސްކުރުވާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ އެވާހަކަ އެއްވެސް މީހަކާ ހިއްސާއެއް ނުކުރެއެވެ.

ޖެހިގެން އައި ދުވަހުގެ ރެޔެވެ. ކުރީ ރޭ ދިމާވި ކަންތަކާހެދި މިއުވާން ބޭނުންވީ އެރޭ ތަންކޮޅެއް އަވަހަށް ގެއަށް ދާށެވެ. ނަމަވެސް މަސައްކަތް ނިމޭވަރުވީ އެގާރަ ޖެހިފަހުންނެވެ. އެގަޑިއަކީ މަގުމަތީގައި އާންމުކޮށް މީހުން ހޭލަމޭލަވެ އުޅޭ ގަޑިއެއްކަމުން އެ ހިތްހަމަޖެހުން އެރޭ މިއުވާނަށް އޮތެވެ. އެހެންކަމުން އޮފީހުން ނުކުމެފައި އޭނާ މަގުގެ ދެކޮޅު ރަނގަޅަށް ބަލާލިއެވެ. އަދި ކައިރި ހިސާބެއްގައި މީހަކު ބަލަހައްޓައިގެން ނެތްކަން ޔަޤީންކުރުމަށްފަހު ގޮސް ސައިކަލަށް އެރިއެވެ. އަދި މަޑުމަޑުން ދުއްވަން ފެށިއެވެ. މިއުވާނަށް މާ ދުރަކަށް ނުދެވެއެވެ. ފަހަތުން ސައިކަލެއް އަންނަހެން ހީވެގެން ސައިކަލުގެ ލޯގަނޑުން ފަހަތް ބަލާލިއެވެ. ކަމަކުދާކަށް ނެތެވެ. ފަހަތުން އަންނަނީ ހަމަ ރޭގައި އައި މީހާއެވެ. މިރޭވެސް އިނީ ބޮލާއި އަނގަމަތި ނިވާކޮށްގެންނެވެ. އޭރު މަގުމަތީގައި ދުއްވާ އެއްޗެހީގައި އަދި ފައިމަގުގައިވެސް ކޮންމެވެސް ވަރަކަށް މީހުން އުޅެއެވެ. އެހެންކަމުން ވިސްނުންތެރިކަމާއެކު މިއުވާން ދުއްވަމުން ދިޔައީ އާންމުކޮށް މީހުން ގިނައިން އުޅޭ މަގުމަގުންނެވެ. ނަސީބަކުން މިއުވާންގެ ގެ ހުންނަ މަގަށް އަޅާފައި ލޯގަނޑުން ފަހަތް ބަލާލިއިރު އެމީހާ ފެންނާކަށް ނެތެވެ. އެކަން އެނގުމުން މިއުވާނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ނަމަވެސް މި ވަމުންދާ ކަންތަކާއި މެދު އޭނާއަށް އިތުރަށް ވިސްނެން ފެށުނެވެ. މީހަކު އޭނާއަށް އެގޮތަށް ފާރަލާން ޖެހޭ ސަބަބަކީ ކޮބައިބާއެވެ؟ އެއްޗެއް ބޭނުންވާ ނަމަވެސް ރީއްޗަށް އައިސް ބުނީމައިވީ ނޫންހެއްޔެވެ؟ އޭނާއަކީ މީހަކު ކަމަކު އެދިގެން އައިސްފިނަމަ އަބަދުވެސް އެކަމެއް ކޮށްދޭ މީހެކެވެ. އެކަން އޭނާ ދަންނަ އެންމެންނަށްވެސް އެނގޭނެއެވެ. އޮފީސް އެންމެންވެސް އޭނާއަށް ވަރަށް އިޙުތިރާމް ކުރެއެވެ. ރައްޓެހިންގެ ތެރޭގައިވެސް އޭނާއަކީ ލޯބި ލިބިގެންވާ މީހެކެވެ. ދެން އޭނާއަށް އެގޮތަށް ފާރަ އެލަނީ ކާކުބާއެވެ؟ އަދި ކޮން މަޤުސަދެއްގައިބާއެވެ؟

(ނުނިމޭ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ