މޯލްޑިވިއަން އިން އަލުން ޓްރިވެންޑްރަމަށް ޝެޑިއުލް ދަތުރުތައް ފަށަނީ

ދިވެހިރާއްޖޭގެ ގައުމީ އެއާރލައިން މޯލްޑިވިއަންއިން ޓްރިވެންޑްރަމަށް އަލުން ޝެޑިއުލް ދަތުރުތައް މިމަހުގެ 10 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

މިއީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން މޯލްޑިވިއަންއިން ރާއްޖެއިން ބޭރަށް ޝެޑިއުލް ދަތުރުތައް ކުރަން ފަށާ ފުރަތަމަ މަންޒިލްވެސް މެއެވެ.

މޯލްޑިވިއަނުން ބުނީ ޓްރިވެންޑްރަމްގެ ދެކޮޅު ޓިކެޓަށް ނަގަނީ 325 ޑޮލަރު ކަަމަށާއި، އަލުން ޓްރިވެންޑްރަމަށް ދަތުރުތައް ފަށާއިރު ފްލައިޓް އޮޕަރޭޓްކުރާނީ ހަފްތާއަކު 2 ދުވަހު ކަމަށެވެ. އެއީ ބުރާސްފަތި އަދި ހޮނިހިރުދުވަހުއެވެ.

ޓްރިވެންޑްރަމަށް ޝެޑިއުލް ދަތުރުތައް އަލުން ފަށާއިރު، ދަތުރުގެ ހުރިހާ މަރުހަލާއެއްގައި ކަމާބެހެ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރުމަށް މޯލްޑިވިއަނުން އެދެއެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމްގެ ކަމާބެހޭ ފަރާތްތަކުން ޕީސީއާރު ޓެސްޓް ހެދުމާއި، ކަރަންޓީން ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކަށް ބޯލެނބުމަށްވެސް މޯލްޑިވިއަންއިން ދަތުރުވެރިންގެ ކިބައިން އިލްރިމާސްކުރެއެވެ. ޓްރިވެންޑްރަމަށް ދަތުރުކުރަން އެދޭ ފަރާތްތަކުން އިންޑިއާ ހައިކޮމިޝަން މެދުވެރިކޮށް ވިސާ ހޯދުމަށާއި، ފުރުމުގެ 24 ގަޑިއިރު ކުރިން އިމިގްރޭޝަންގެ "އިމުގާ" ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރ ކުރުމަށް މޯލްޑިވިއަނުން އިލްތިމާސްކުރެއެވެ.

ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެެއް އައިސްފައިވާއިރު، ދަތުރުކުރާ ފަރާތްތަކާއި، ކްރޫއިންގެ ރައްކާތެރިކަމަށް ޓެންޕަރޭޗަރ ޗެކްކުރުމާއި، ފްލައިޓްތައް ޑިސްއިންފެކްޓްކުރުމުގެ ކަންތައްތައް މޯލްޑިވިއަންއިން ބަލަހައްޓާނެއެވެ. އަދި ފްލައިޓްގައި ދަތުރުކުރާއިރު ކްރޫ އަދި ފަސިންޖަރުން މާސްކް އަޅަންޖެހޭ ގޮތަށް ވަނީ ލާޒިމްކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ