އެމްޑީޕީ އިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، ރައީސް ޞާލިޙްގެ ހަށިކޮޅުގައި އަލިފާންޖެހުމަށް ގޮވާލާ، ޗެނަލް13 އިން 3 ސެޕްޓެންބަރު 2020 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ލައިވް ޕްރޮގްރާމެއްގައި ގެނެސްދިން ކޮންޓެންޓުގެ މައްސަލަ އެމްޑީޕީ އިން ކުށްވެރިކުރާ ކަމަށެވެ.
އެއްވެސް އިންސާނެއްގެ ޖާނަށް ނުވަތަ މާލަށް ނުވަތަ ފުރާނައަށް ގެއްލުމެއް ދިނުމާއި، އެފަދަ ކަމެއް ހިންގުމަށް ގޮވާ، ހިތްވަރުދިނުމަކީ މިޕާޓީއިން އެއްވެސް ޙާލެއްގައި ބަލައިގަންނަ ޢަމަލުތަކެއް ނޫން ކަަމަށާއި މިއީ އެއްވެސް ތަޙްޛީބު މުޖުތަމަޢެއްގެ ތެރޭގައި ޤާނޫނީގޮތުން ހުއްދަކުރާކަމެއްވެސް ނޫން ކަމަށް އެމްޑީޕީ އިން ވިދާޅުވިއެވެ.
އަދި މިޕާޓީ އުފެއްދުމުގެ މައިގަނޑު މަޤްސަދަކީވެސް އިންސާނީ ކަރާމާތާއި، ދިރިހުރުމުގެ ހުރުމަތާއި، ޙައްޤަށް އުނިކަން ލިބެނިވި އެބާވަތުގެ ޢަމަލުތަކާ ދެކޮޅަށް ވަކާލާތުކުރުމެވެ. އަދި ސިޔާސީ މަސައްކަތަކީ ގޮށްމުށުގެ ބާރާއި، ބިރުދެއްކުމުން ސަލާމަތްވެގެންވާ، ބުއްދިއާއި، ފިކުރުގެ މައްޗަށް ކުރެވޭ ޢިލްމީ ބަހުސާއި، ހިންގޭ ސުލްޙަވެރި ހަރަކާތުން ކުރެވޭ މަސައްކަތެއްކަމުގައި ކަނޑައެޅުން ކަމުގައި ވިދާޅުވިއެވެ.
ތަފާތު ސިޔާސީ ފިކުރާއި، ޚިޔާލު ފައުޅުކުރުމާއި، މިނިވަން ނޫސްވެރިކަމަކީ އެމްޑީޕީ އިސްވެ އޮވެ ނުހަނު ޤުރުބާނީއާއި، ބުރަ މަސައްކަތުން ހޯދާފައިވާ ޙައްޤުތައްކަމަށްވާއިރު، އެޙައްޤުތައް ޙިމާޔަތްކުރުމުގައި އަބަދުވެސް މިޕާޓީ ދެމިއޮންނާނެކަމުގައި ވިދާޅުވިއެވެ.
ކަންމިހެން ހުރިއިރު، ނިމިދިޔަ 2018 ގެ އިންތިޚާބުގައި 60 އިންސައްތައާއި ގާތްކުރާ ޢަދަދެއްގެ ވޯޓު ކާމިޔާބުކުރައްވައިގެން، ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެ ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި އަލިފާންޖެހުމަށް ގޮވާ ކޮންޓެންޓު ބްރޯޑްކާސްޓުކުރި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބައްލަވާ، އެކަށީގެންވާ ޤާނޫނީ ފިޔަވަޅު އެޅުމަށް މިޕާޓީއިން ގޮވާލާކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލި މީހާ މިއަދު ވަނީ ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޞާލިޙުގެ ހަށިކޮޅުގައި ހުޅުގެހުމަށް ގަވާލާފައިވާ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ 47 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން އެޗެނަލްއާމެދު ފިޔަވަޅު އެޅުމަށް މީސްމީޑިއާގައި ގިނަ ބަޔަކުދަނީ ގޮވާލަމުންނެވެ. އަދި ޗެނަލް 13 ގެ އިތުރުން އެ ގޮތަށް ގޮވާލި މީހާއާމެދުވެސް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
އަދި މިމައްސަލައާއި ގުޅިގެން ޗެނަލް 13 އިންވަނީ މަޢާފަށްވެސް އެދިފައެވެ. އެޗެނަލްއިން ނެރެފައިވާ ބަޔާނެއްގައި ބުނީ، އިއްޔެ މެންދުރު 13:00 ގައި ޗެނަލް 13 އިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑުޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާންޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއްކަމަށެވެ. އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މަޢާފަށްއެދޭކަމަށެވެ.




