މީހަކު އޭނާއަށް އެގޮތަށް ފާރަލާން ޖެހޭ ސަބަބަކީ ކޮބައިބާއެވެ؟ އެއްޗެއް ބޭނުންވާ ނަމަވެސް ރީއްޗަށް އައިސް ބުނީމައިވީ ނޫންހެއްޔެވެ؟ އޭނާއަކީ މީހަކު ކަމަކު އެދިގެން އައިސްފިނަމަ އަބަދުވެސް އެކަމެއް ކޮށްދޭ މީހެކެވެ. އެކަން އޭނާ ދަންނަ އެންމެންނަށްވެސް އެނގޭނެއެވެ. އޮފީސް އެންމެންވެސް އޭނާއަށް ވަރަށް އިޙުތިރާމް ކުރެއެވެ. ރައްޓެހިންގެ ތެރޭގައިވެސް އޭނާއަކީ ލޯބި ލިބިގެންވާ މީހެކެވެ. ދެން އޭނާއަށް އެގޮތަށް ފާރަ އެލަނީ ކާކުބާއެވެ؟ އަދި ކޮން މަޤުސަދެއްގައިބާއެވެ؟
ޖެހިގެން އައި ދެ ރޭ ވެސް އެމީހާ މިއުވާން ފަހަތުން އެ ގެ ހުންނަ މަގާއި ހަމައަށް އަޔެވެ. ނަސީބަކުން ކައިރިއަށް އައިސް އެއްވެސް ކަމެއް ކުރާކަށް މަސައްކަތެއް ނުކުރެއެވެ. އެހެންކަމުން މިއުވާނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެކަމުގެ ސަބަބުން އޭނާ އަބަދުވެސް ޝައްކެއްގެ މަތީގައި ހުންނަން މަޖުބޫރުކުރުވިއެވެ. އެވަރުންވެސް އޭނާ އެވާހަކަ އެއްވެސް މީހަކާ ހިއްސާއެއް ނުކުރެއެވެ. ޖެހިޖެހިގެން ހަތަރު ރޭ އެހެން ކަންތައް ދިމާވުމުން މިއުވާން ނިންމީ ދެން ރޭގަނޑު އޮފީހަށް ނުދިއުމަށެވެ. ބައްދަލުވުމެއް އޮތް ނަމަވެސް ދުވާލު ގަޑީގައި ނިންމާލެވޭތޯ ބަލަންފެށިއެވެ. އެހެންނަމަވެސް ދުވާލުވެސް ބޭރުގައި އުޅޭ ވަގުތުތަކުގައި މީހަކު ފާރަލާކަމުގެ އިޙުސާސް އޭނާއަށް ކުރެވެއެވެ. އެގޮތަށް ހީވާ ކޮންމެ ފަހަރަކު ވަށައިގެން ހިނގާބިނގާވެ އުޅޭ މީހުންނަށާއި ސައިކަލުތަކުގައި ދުއްވާފައި ދާ މީހުންނަށް އޭނާ ވަރަށް ފަރުވާތެރިކަމާއެކު ބަލައެވެ. ނަމަވެސް އެއްވެސް އާދަޔާ ޚިލާފު ކަމެއް ފާހަގައެއް ނުކުރެވެއެވެ.
ރޭގަނޑު ކެއުމުގެ ވަގުތަކީ މިއުވާންގެ ޢާއިލާ އެންމެން ކާމޭޒުދޮށަށް އެއްވާ ވަގުތެކެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އެގަޑީގައި ހުރިހާ ފިރިހެންވެރިންވެސް ކެއުމުގައި ބައިވެރިވުމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. އާދައިގެމަތިން ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތެވެ. ކުރިން ފެންނަ އުފާވެރި މޫނުތައް ފަހަކަށް އައިސް ފެންނަނީ މިލާ މޯޅިވެފައިވާތެނެވެ. މާނިއުގެ ވަޒީފާ ކަންތަކާއި ހެދި ބަސްމާވެސް އިންނަނީ ފިކުރު ބޮޑުވެފައެވެ. އެކުދިންގެ ކަންބޮޑުވުން ފާހަގަކުރެވޭތީ އިނާޝާވެސް އިންނަނީ އެކަމާ ދެރަވެފައެވެ. މާނިއުގެ ކަންތަކުގެ އިތުރުން މިހާރު މިއުވާނަށް ދިމާވަމުންދާ ކަންތަކާއި ހެދި މިއުވާންގެ ފިކުރުތައް ވަނީ ދެގުނައަށް ބޮޑުވެފައެވެ. އެހެންކަމުން އޭނާވެސް އިންނަނީ ބަސް މަދުވެފައެވެ.
"ބައްޕާ! މިހާރު އަހަރެންގެ ސައިކަލު ފުރޮޅު ފެޅޭތާ ހަފްތާއެއް ވީ. ކޮންމެ ދުވަހަކު ސައިކަލު ޕާކު ކޮށްފައި ކޮލެޖަށް ވަންނައިރު ހުންނަނީ ރަނގަޅަށް. އެކަމަކު ނިންމާފައި ނުކުމެ ބަލާލާއިރު ހުންނަނީ ފެޅިފަ. އަމިއްލަ ލޮލަށް ނުފެންނަންޏާ އެއީ މީހަކު ގަސްދުގަ ދޭ ލަނޑެކޭ ބުނާކަށް ނުވާނެއެއްނު. އެކަމަކު މިހާރު ޖެހިޖެހިގެން އެހެން ވާތާ ހަފްތާއެއް މިވީ." މާޙައުލުގައި އޮތް ހިމޭންކަން ނައްތައިލީ މިއުވާންގެ ހަގު ދަރިފުޅު މާހިދެވެ.
"ކޮންމެ ދުވަހަކު އެއް ތާކުތަ ސައިކަލު ބަހައްޓަނީ؟" އިތުރަށް އޮޅުންފިލުވުމަށްޓަކައި މިއުވާން ސުވާލުކޮށްލިއެވެ.
"ނޫން. އެކި ދުވަހު އެކި ތަނުގަ. ޖެހިޖެހިގެން ދެ ދުވަހު އެހެން ވީމަ އަހަރެން ހިތަށް އެރީ ތަން ބަދަލުކޮށްލާނީއޭ. އެހެންވެ ތިންވަނަ ދުވަހު ބެހެއްޓީވެސް ކޮލެޖާ ތަންކޮޅެއް ދުރުގަ. އެކަމަކު ނިންމާފަ އައި އިރު ހުރީ ފެޅިފަ." މާހިދު އޮޅުންފިލުވައިދިނެވެ.
"ތި ދެން ހާދަ ދެރަ މައްސަލައެކޭ. ފާރަލައިގެން މީހަކު ކުރާ ކަމަކަށްވެސް ވެދާނެ." އިނާޝާ އެކަމާ ކަންބޮޑުވުން ފާޅުކުރިއެވެ.
"ދެން އެކަމަކު ކާކުތަ އެކަހަލަ ކަމެއް ކުރާނީ؟ ދުވާލު ގަޑީގަ އެކަހަލަ ކަމެއް ކުރަން ކެރޭނީ ވަރަށް ހުޝިޔާރު މީހަކަށް. އެހިސާބު އެއީ އަބަދުވެސް ކާރޫބާރޫ ބޮޑު ހިސާބެއް." މާހިދު ބުންޏެވެ.
މާހިދުގެ ފަރާތުން އިވުނު ވާހަކަޔާ މެދު ވިސްނާލުމުން މިއުވާނަށް އެއްޗެއް ހީވާން ފެށިއެވެ. މީހަކު އޭނާގެ މުޅި ޢާއިލާއަށް ފާރަލަނީބާއެވެ؟ ސަބަބެއް ނެތި މާނިއު ވަޒީފާއިން ވަކިކުރުމާއި، އޭނާއަށް މީހަކު ފާރަލުމުގެ އިތުރުން މާހިދުގެ ސައިކަލަށް ގެއްލުންދިނުމަކީ މީހަކު ރާވައިގެން ކުރާ ކަމެއްބާއެވެ؟ އެކަމަކު އެއީ ކީއްވެހެއްޔެވެ؟ އެމީހެއްގެ ބޭނުމަކީ ކޮބައިބާއެވެ؟ ކުއްލިއަކަށް އޭނާގެ އުފާވެރި ޢާއިލާއަށް މި ޖެހުނީ ކާކުގެ އެސްފީނާއެއްބާއެވެ؟
ދުވަސްތައް އާދައިގެމަތިން ކުރިއަށް ދިޔައެވެ. މިއުވާންގެ ޢާއިލާގެ އުފާވެރިކަން ގެއްލިއްޖެއެވެ. އެކަމާމެދު ކުރެވޭނީ ކޮންކަމެއްތޯ މިއުވާން ދިޔައީ ވިސްނަމުންނެވެ. އަދިވެސް މާނިއުއަށް ވަޒީފާއެއް ނުލިބެއެވެ. މާހިދުގެ ސައިކަލަށް ގެއްލުންދޭ މީހާވެސް ހަމަ ކޮންމެ ދުވަހަކު އެކަން ކުރަމުން ގެންދިޔައެވެ. އެކަން ހުއްޓޭތޯ މާހިދު ދެދުވަހަކު މާނިއުގެ ސައިކަލްގައިވެސް ކޮލެޖަށް ގޮސްފިއެވެ. ނަމަވެސް އެއިން ކޮންމެ ދުވަހަކުވެސް ކޮލެޖް ނިންމާފައި އޭނާ ނުކުންނައިރު ހުންނަނީ ހަން ފަޅާލާފައެވެ. އެންމެ ފަހުން އެކަން ތަކުރާރުވާން ފެށުމުން މާހިދު ދެން ދާންފެށީ ރައްޓެއްސަކާއެކު އޭނާގެ ސައިކަލު ފަހަތުގައެވެ. އެގޮތަށް ކަންތައް ކުރަން ފެށުމުން އެކަމަށް ވަގުތީ ޙައްލެއް ލިބުނެވެ. ނަމަވެސް ގެ ކައިރީގައި ސައިކަލު ބަހައްޓާފައި ހުއްޓާވެސް ހުންނަނީ ހަން ފަޅާލާފައެވެ. އެހެންކަމުން އޭނާ ފަހުން ހަން ބަދަލުކުރާކަށް ނުވެސް އުޅެއެވެ.
މިއުވާނާއި އޭނާގެ ޢާއިލާއަށް ތުރާ ކުރުމުގެ ފަހަތުގައި ހުރީ ކާކުތޯ ބަލަން އޭނާ ކޮންމެހެންވެސް ބޭނުންވިއެވެ. އެހެންކަމުން އަނެއްކާވެސް ރޭގަނޑު ގަޑީގައި އޮފީހަށް ނުކުތުމަށް ނިންމިއެވެ. ކިތަންމެ ޖެހިލުންވީނަމަވެސް އެ ހުރިހާ ކަމަކަށް ނިމުމެއް އަންނާނީ އެމީހެއްގެ މަޤުސަދު އެނގިގެންނެވެ. އެކަން ހޯދޭނީ އެމީހަކާ ކުރިމަތިލައިގެންނެވެ. ނަމަވެސް ހަފްތާއެއް ވަންދެން ރޭގަނޑު ގަޑީގައި އޮފީހަށް ދިޔައިރުވެސް ކުރިން ފަހަތުން އައި މީހާގެ ހިލަމެއް ނުވިއެވެ.
އެއްދުވަހެއްގެ މެންދުރު ފަހުގެ ވަގުތެވެ. މިއުވާން އިނީ އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމެއްގައެވެ. މުހިންމު ކަމަކާ މަޝްވަރާކުރަމުން ދަނިކޮށް މީޓިން ހިނގަމުން ދިޔަ ކޮޓަރީގައި ޓަކި ޖަހާލާފައި ދޮރު ހުޅުވާލިތަން ފެނުނީ ރިސެޕްޝަނުގައި އިންނަ ކުއްޖާއެވެ.
"މިއުވާނަށް ފޯނެއް." ދޮރު ހުޅުވާލާފައި މިއުވާނާ ނަޒަރު ސީދާކޮށްލަމުން އެކުއްޖާ ބުންޏެވެ.
"ކާކުތޯ އަހާލިންތަ؟" އެވަގުތު އޭނާ ހޯދަން ރިސެޕްޝަނަށް ގުޅާނީ ކާކުބާއޭ މިއުވާންގެ ހިތަށް އެރިއެވެ.
"ލައްބަ. އަންހެނުންނޭ ބުނުއްވީ." އެކުއްޖާ އަދަބުވެރިކަމާއެކުގައި ޖަވާބު ދިނެވެ.
އެވަގުތު ކައިރީގައި ބަންޑުން ބާއްވާފައި އޮތް ފޯނުނަގާ ސްކްރީނަށް މިއުވާން ބަލާލިއެވެ. އޭރު ފޯނަށް އިނާޝާ ފަސް ފަހަރު ގުޅާފައި އޮތެވެ. ބައްދަލުވުމަށް ވަންނަމުން ފޯނު ސައިލެންޓަށް ލާފައި އޮތުމުން ގުޅިކަން ނޭނގުނީއެވެ. އިނާޝާއަކީ އާންމުކޮށް އޭނާ އޮފީހުގައި އުޅޭ ވަގުތުތަކުގައި ގުޅާ މީހެއް ނޫނެވެ. އެހެންކަމުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަމުގައި އޭނާގެ ސިކުނޑިން އެންގިއެވެ.
"ބުނެލާ އެބަ ގުޅައޭ." ހާސްވި ނަމަވެސް އޮފީހުގެ ބޮޑުންގެ ކުރިމަތީގައި އެކަން ފާޅުކުރަން ބޭނުން ނުވާތީ މިއުވާން ހަމަޖެހޭ ގޮތް ދައްކާލިއެވެ. އަދި އެ ކުއްޖާ އެނބުރި ދިއުމުން އެތަނުގައި އެވަގުތު ތިބި މީހުންގެ ހުއްދަ ހޯދުމަށްފަހު މިއުވާން އަވަހަށް އެތަނުން ނުކުތެވެ. އަދި ހަލުވި ހިނގުމެއްގައި ގޮސް އޭނާއަށް ހާއްސަކޮށްފައި ހުންނަ ކޮޓަރިއަށް ވަދެފައި އިނާޝާގެ ނަންބަރަށް ގުޅާލިއެވެ.
"މިއުވާން އަވަހަށް އާދެބަލަ." ހަމަ ފޯނު ނެގާފައި ރޮވިފައިވާ އަޑަކުން އިނާޝާ ވާހަކަ ދައްކަން ފެށިއެވެ.
"ކިހިނެއްވީ؟" އިނާޝާ ރޯކަން އެނގުމުން މިއުވާންގެ ހިތް ބާރަށް ތެޅިގަތެވެ.
"ނީޝް ގެއްލިގެން މިއުޅެނީ." ކުރިންވެސް ވާހަކަ ދެއްކި އަޑުން އިނާޝާ ޖަވާބު ދިނެވެ.
"ކިހިނެއް ނީޝް ގެއްލެންވީ؟ ކޮބާ ބަސްމާއާ މާނިއު؟" ލިބުނު ޚަބަރު ވެގެން ދިޔައީ މިއުވާންގެ ސިކުނޑިއަށް ކުއްލިއަކަށް ނަގައިގަންނަން އުނދަގޫވި ޚަބަރަކަށެވެ.
"އިހަށް ގެއަށް އާދެބަލަ. އޭރުން ވެގެން އުޅޭ ގޮތް ކިޔައިދޭނަން." އަވަސް އަރުވާލާފައި އިނާޝާ ބުންޏެވެ.
ގޭގައި ކަމެއް ދިމާވެގެން އުޅޭ ކަމަށް ލިޔެފައި މިއުވާން އޭނާގެ ވެރިމީހާއަށް ވަގުތުން މެސެޖެއް ކޮށްލިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް އޮފީހުން ނުކުމެ ސައިކަލަށް އަރާ ދުއްވާލިއެވެ. ގެއަށް ދިޔަ މަގުމަތީގައިވެސް މިއުވާނަށް މަގުމައްޗަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ވިސްނެމުން ދިޔައީ ކުޑަ އިރުކޮޅެއް ކުރިން އިނާޝާ ދިން ޚަބަރާމެދުގައެވެ.
މިއުވާން ގޮސް ގެއަށް ވަތް އިރު ގޭ ފެންޑާގައި އިނާޝާއާއި ބަސްމާ ތިއްބެވެ. އޭރު ބަސްމާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. އިނާޝާ އިނީ ބަސްމާގެ ބުރަކަށީގައި ފިރުމާށެވެ.
"ކިހިނެއްތަ ވީ؟" މިއުވާނަށް އެ ދެމީހުން ފެނުމާއެކު އަވަހަށް އެދިމާއަށް އައެވެ. އަދިސުވާލުކުރަން ފެށިއެވެ. އެވަގުތު އިނާޝާ ތެދުވެފައި މިއުވާންގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
"ކައްކަން ހުރެފައި ބަސްމާއަށް ނީޝް ބަލާ ސްކޫލް ދޮށަށް ދެވުނީ ދިހަވަރަކަށް މިނެޓު ފަހުން. އޭރު މާނިއުވެސް ގެއަކު ނެތް. ދިޔައިރު ކްލާހުގަ އެއްވެސް ކުއްޖަކު ނެތޯ. ދެން ސްކޫލް އޮފީހަށް ބަސްމާ ގޮސް ނީޝްގެ އާންޓީ ހޯދާފަ އެހީމަ ބުންޏޯ ނީޝްގެ އަންކަލް ބަލާ އައީމައޭ ފޮނުވީއޭ. އެމީހާ ބުންޏޯ ނީޝްގެ މަންމައާ ބައްޕަ ކުޑަކޮށް ބިޒީކޮށް އުޅޭތީ ނާދެވުނީއޭ." ވީގޮތް އިނާޝާ އޮޅުންފިލުވައިދިނެވެ. އޭރު އޭނާގެ ލޮލުންވެސް ކަރުނަ ހިލިއްޖެއެވެ.
ބަސްމާގެ އެއްވެސް ބޮޑު ބޭބެއެއް މާލޭގައި ނޫޅެއެވެ. އޭނާގެ ޢާއިލާ އެންމެންވެސް އުޅެނީ ރަށުގައެވެ. އަމުދުން ނީޝަމްގެ ޕޭރެންޓް ކާރޑު އޮންނަނީ ބަސްމާ އަތުގައި އެކަންޏެވެ. އެ ސްކޫލަކީ ދަރިވަރުގެ ފޮޓޯއާއެކު އެކުއްޖެއްގެ މަޢުލޫމާތު އެނގެން ހުންނަ ގޮތަށް ކޮންމެ ބެލެނިވެރިއަކަށް ޕޭރެންޓް ކާރޑެއް ދީފައި އޮންނަ ސްކޫލެކެވެ. ކުދިން ފޮނުވަނީ އެ ކާރޑް ކްލާސް ޓީޗަރަށް ދެއްކުމުންނެވެ. ނީޝަމް ސްކޫލަށްދާ ގަޑިއަކީ ކުރިން މާނިއު އޮފީހުގައި އުޅޭ ވަގުތު ކަމުން އަބަދުވެސް ނީޝަމް ލާންށާއި ބަލާ ދަނީ ބަސްމާއެވެ. ބަސްމާ ގެންގުޅޭ ކާރޑު އޭނާ އަތުގައި އެބައޮތެވެ.
"އެކަމަކު ދުވަހަކު އެކުއްޖާ ބަލާ ނުވެސް ދާ މީހަކާއެކު ފޮނުވައިގެން ނުވާނެއެއްނު. މިހާރު މާނިއު ކޮބާ؟" ސްކޫލުން ކަންތައްކުރިގޮތާމެދު މިއުވާން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ.
"ޕޭރެންޓް ކާރޑު ދެއްކީމަޔޯ ފޮނުވީ. މާނިއު ވެއްޖެ ސްކޫލް ދޮށަށް ގޮސް." އިނާޝާ އޮޅުންފިލުވައިދިނެވެ.
އެވަގުތު ގޭ ދޮރު ހުޅުވާލާފައި މީހަކު ވަތް އަޑަށް މިއުވާނާއި އިނާޝާ އެދިމާއަށް އެނބުރި ބަލާލިއެވެ.
(ނުނިމޭ)



