މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށްޓަކައި އެޕާޓީއިން ދުރަށް ޖެހެންވީ އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް އެޕާޓީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައި މިވަނީ، ފާޓީގެ ކަންކަން ނިންމަން ރަނގަޅު ވާނީ ޕާޓީގެ އެތެރެއިންކަމަށްބުނެ ފައްޔާޒުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ރައީސް މުހައްމަދު ނަޝީދު ފައްޓެވުމާއި ގުޅިގެންނެވެ.
މިގޮތުން އަލްހާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީއަށްޓަކައި ބޭރުގައި މަޑުކޮށްލަން ޖެހިވަޑައިގަންނަވަން ޖެހެނީ ރައީސް ނަޝީދު ކަމަށެވެ. އަދި އެމްޑީޕީގެ ލީޑާޝިޕާ ވެސް އެ މަނިކުފާނު ފެޔަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށާއި ފައްޔާޒު، އެމްޑީޕީއާ ފެޔަށް ޖެހިވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެމްޑީޕީ އަށްޓަކައި ބޭރުގައި މަޑުކޮށް، ލީޑަރޝިޕުން ފެއަށް ޖައްސާލަންޖެހެނީ އަންނި! ފައްޔާޒެއް ނޫން! pic.twitter.com/XfVAnxXgd9
— Aʟʜᴀɴ Fᴀʜᴍʏ - ?? (@AlhanFahmy) September 7, 2020
އެކި މަސްދަރުތަކުން މަޢުލޫމާތު ލިބޭގޮތުގައި ރައީސް ނަޝީދު އިސްކޮށް ހުންނަވައި އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް ގެ އިތުބާރު ނެތް ކަމުގައި މައްސަލަ ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް އެމްޑީޕީގެ 30 މެންބަރުންގެ ސޮއި ލިބިފައިވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވަނީ ފައްޔާޒަށް ބަހުގެ ވަރުގަދަ ހަމަލަތާކެއް ވެސް ދެއްވައިފައެވެ. ނަޝީދު ވިދާޅުވާ ގޮތުގައި ފައްޔާޒު އުޅުއްވަނީ އެމްޑީޕީ ތެރޭގައި “ބްރޯ” އަކަށް ވެގަނެގެންކަމަށާއި، އަދި އެގޮތަށް ނޫޅުއްވަން ފައްޔާޒަށް ނަޝީދު އަންގަވައިފައިވެސްވެއެވެ.
ފައްޔާޒުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ނަޝީދު ފައްޓަވާފައިވާއިރު، ފައްޔާޒަށް އިތުބާރު ކުރައްވާކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ފައްޔާޒުގެ ދިފާޢުގައި މީގެކުރިންވަނީ ވާހަކަފުޅު ދައްކަވާފައެވެ.



