ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 22 ޕަސެންޓް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން ބިންހިއްކުމުގެ މަސައްކަތުގެ %20 ވަނީ ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 15 ހެކްޓަރުގެ ބިން ހިއްކުމާއި، 1200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މި މަޝްރޫއު އަކީ ގުރައިދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފަށާފައިވާ މަޝްރޫޢެކެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 85.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ.




