ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އިންސާނީ ވަޞީލަތް ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭގޮތުން ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބައެއް މުހިންމު ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރިންގެ އަދަދު އެކަށީގެންވާ މިންވަރަށްވުރެ މަދުކަން ފާހަގަކުރައްވައި، އެ ދާއިރާތަކަށް ޚާއްޞަ އިސްކަމެއް ދީގެން އިންސާނީ ވަޞީލަތް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އިންޖިނިއަރިންގ ފަދަ ޓެކްނިކަލް ދާއިރާތަކާއި، އެ ނޫން ވެސް ރާއްޖެއަށް ބޭނުންތެރި މުހިންމު ދާއިރާތައް ދެނެގަތުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވައިލައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރުގެ އަމާޒުހުރީ ރާއްޖެއަށް ލިބިފައިވާ މުއްސަނދިކަން ޤައުމުގައި ހިފެހެއްޓޭނެ ގޮތަށް ކަންކަން ބައްޓަންކޮށްގެން ދިވެހިންނަށް މިހާރަށްވުރެ ބޮޑަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުން ވަނީ އެ ބޭފުޅުންގެ ވުޒާރާތަކަށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައެވެ. އަދި ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޚާއްޞަ ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރެއްވާފައިވެއެވެ.



