ދަންތުރަ (04)

(ތިންވަނަ އަދަދާއި ގުޅޭ)

"އެކަމަކު ދުވަހަކު އެކުއްޖާ ބަލާ ނުވެސް ދާ މީހަކާއެކު ފޮނުވައިގެން ނުވާނެއެއްނު. މިހާރު މާނިއު ކޮބާ؟" ސްކޫލުން ކަންތައްކުރިގޮތާމެދު މިއުވާން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ.

"ޕޭރެންޓް ކާރޑު ދެއްކީމަޔޯ ފޮނުވީ. މާނިއު ވެއްޖެ ސްކޫލް ދޮށަށް ގޮސް." އިނާޝާ އޮޅުންފިލުވައިދިނެވެ.

އެވަގުތު ގޭ ދޮރު ހުޅުވާލާފައި މީހަކު ވަތް އަޑަށް މިއުވާނާއި އިނާޝާ އެދިމާއަށް އެނބުރި ބަލާލިއެވެ. އޭރު ދޮރުމަތީގައި ހުރީ މާނިއުއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ލޮލުން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. އޭރު ބަސްމާވެސް އިނީ މާނިއުއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެދެވޭ ޖަވާބެއް ލިބޭތޯއެވެ. ނަމަވެސް މާނިއުގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން އޭނާ އެއައީ އުފާވެރި ޚަބަރަކައިގެން ނޫންކަން އެނގުނެވެ.

"އަހަރެން މިއައީ މުޅި ހިސާބުގަނޑު ބަލާފަ. ޕާކުތަކާ ބީޗްތައްވެސް ބެލިން. އެކަމަކު ނީޝްއެއް ނުފެނުނު." ފެންކަޅިވެފައިވާ ދެލޮލުން އެންމެންގެ މޫނަށް ވަކިވަކިން ބަލާލަމުން މާނިއު ބުންޏެވެ.

އެވަގުތު މިއުވާންގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ނަގާފައި ބަލާލިއިރު ސްކްރީނުން ފެންނަން އޮތީ "ޕްރައިވެޓް ނަންބަރ" މިހެންނެވެ. ގުޅާ ފަރާތުގެ ނަންބަރު އެނގޭކަށް ނެތެވެ. ކިތަންމެ ހާސްވެފައި ހުރި ވަގުތެއް ނަމަވެސް އެއީ މުހިންމު ކޯލަކަށް ވެދާނެއޭ ހިތާ މިއުވާން ފޯނު ނެގިއެވެ.

"ހަލޯ. މިއުވާން!" މިއުވާން ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު އެކޮޅުން އިވިގެން ދިޔައީ ފިރިހެނެއްގެ ބަރުބަރު އަޑެކެވެ.

"އާދެ! މިއީ މިއުވާން." މިއުވާން ބުންޏެވެ.

"ތިއުޅެނީ ކާފަ ދަރިފުޅު ގެއްލިގެން ދޯ؟" އެކޮޅުން ވާހަކަ ދެއްކި މީހާގެ އަޑުގައި މަލާމާތުގެ އަސަރު އެކުލެވިފައިވާހެން މިއުވާނަށް ހީވިއެވެ. އަދި އެމީހަކަށް ނީޝަމްގެ ކަންތައް އެނގުނު ގޮތަކާމެދު މިއުވާންގެ ހިތުގައި ސުވާލު އުފެދުނެވެ.

"ކިހިނެއްތޯ ތި ބޭފުޅާއަށް އެނގިލެއްވީ؟" އަވަސްއަވަހަށް މިއުވާން އަހާލިއެވެ. ފަހަރެއްގައި އެއީ ނީޝަމް ވީތަނެއް އެނގިގެން އެކަމުގެ މަޢުލޫމާތު ދޭން ގުޅި މީހަކަށްވެސް ވެދާނެއޭ މިއުވާންގެ ހިތަށް އެރިއެވެ.

"ހަހަހަހަ. އަހަންނަށް އެނގޭނެއެއްނު. ނީޝަމް މިހުރީ އަހަރެންގެ ކައިރީގަ. އަހަރެންގެ ކުރިމަތީގަ." ކުރެވުނު ކަންތަކާމެދު ފަޚުރުވެރިވާފަދަ ރާގަކަށް އެމީހާ ބުންޏެވެ.

"ތިއީ ކާކު؟ ކީއްކުރަން އެކުއްޖާ ގެންދިޔައީ؟" މިއުވާންގެ އަޑު ކުއްލިއަކަށް ގަދަވިއެވެ. އޭރު އެތަނަށް މާހިދުވެސް އައިސްފިއެވެ. އެންމެން ތިބީ މިއުވާން ދައްކާ ވާހަކަތައް ކަނުލާ އަޑުއަހާށެވެ. ގުޅައިގެން އުޅެނީ ނީޝަމް ގެންގޮސްގެން އުޅޭ މީހާކަން މިހާރު އެންމެންނަށް އެނގިއްޖެއެވެ.

"ބުނަންތަ ރަނގަޅު ވާހަކައެއް؟ އަހަންނާ ތިހާ ބާރަށް ވާހަކަ ދައްކައިގެން ނުވާނެ! ހީނުކުރާތި މިއީ ތޯތޯ މީހެކޭ." އެމީހާ އިންޒާރުދިނެވެ.

"ބޭނުންތަ ކާފަ ދަރިފުޅުގެ އަޑު އަހާލަން؟" އިތުރަށް އެމީހާ ބުނެލިއެވެ.

"ހެލޯ ކާފާ!" ދެން އިވިގެން ދިޔައީ ނީޝަމްގެ ލޯބިލޯބި އަޑެވެ.

"ދަރިފުޅު ކިހިނެއް؟ އެ ބޭބެ ދަރިފުޅަށް ތަދު ކުރިތަ؟" ހުރި ހަމައެކަނި ކާފަ ދަރިފުޅުގެ އަޑު އެ ދަނޑިވަޅުގައި އިވިގެން ދިއުމުން މިއުވާންގެ މެޔަށް ފިނިގަނޑެއް އަރައިގެންދިޔައެވެ.

"ނީޝް މިހުރީ ބިގް ބިގް ހައުސްއެއްގަ. ބޭބެ ބުނީ ނީޝް ބަސްއެހީމަ މަންމިއާ ނީޝްގެ ފެމިލީ ހުރިހާ ކުދިން މި ހައުސްއަށް ގެންނާނަމޯ. އެހެންވެ ނީޝް މިދަނީ އަވަހަށް ބަތް ތަށި ހުސްކޮށްލަން." އަނެއްކާވެސް އެ މައުސޫމު އަޑު އިވިގެން ދިޔައެވެ. އެކުއްޖާ ސަލާމަތުން ހުރިކަމަށްޓަކައި މިއުވާން ހިތާ ހިތުން ހެއްދެވި ފަރާތަށް ޝުކުރުދެންނެވިއެވެ. ދެން އަނެއްކާވެސް އިވިގެން ދިޔައީ އެމީހާގެ އަޑެވެ.

"އަހަރެން އަދި އެއްވެސް ކަމެއް ނުކުރަން އިނގޭ. ހެހެހެހެ" ސަމާސާކުރާ ރާގަށް އެމީހާ ބުނެލިއެވެ.

"ހެޔޮނުވާނެ އެއީ ކުޑަކުޑަ ކުއްޖެއް. އެކުއްޖާ ގެއަށް ގެނަސްދީ! އޭގެ ބަދަލުގަ ކޮންމެ ކަމެއް ކޮށްދޭންވެސް އަހަރެން މިހުރީ ތައްޔާރަށް." އާދޭހާއެކު މިއުވާން ބުންޏެވެ.

"އާނ! މިހާރު އެބަ ރަނގަޅުވޭ. އެކަމަކު ބުނަން! ނަމަނަމަ ފުލުހުންނަށް މިކަމުގެ ޚަބަރު ގޮސްގެން ނުވާނެ! އެކަހަލަ ކަމެއް ކުރިކަން އެނގިއްޖެއްޔާ ކާފަ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑުވެސް ނުފެންނާނެކަން ހަނދާން ކުރާތި!" އަމުރުވެރި ރާގަކަށް އެމީހާ ބުންޏެވެ.

"އެނގޭތަ؟ މާނިއު ވަޒީފާއިން ވަކިކޮށްލީވެސް އަހަރެންގެ ނުފޫޒުން. މިއުވާނަށް ފާރަލީވެސް ހަމަ އަހަރެން. އަދި ނުވިތާކަށް މާހިދުގެ ސައިކަލަށް ގެއްލުންދިނީވެސް އަހަރެންގެ ބެލުމުގެ ދަށުން." އެއްވެސް ޖެހިލުމެއް ނެތި އެމީހާ މިއުވާނުގެ ޢާއިލާއަށް ދެމުންދާ ގެއްލުންތަކުގެ ވާހަކަ އަމުނާލިއެވެ. އޭނާއަށް ކުރެވުނު ކަންތައްތަކާމެދު ފަޚުރުވެރިވާފަދައެވެ. އެ ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ އެކަކުގެ އަތެއްހެން މިއުވާނަށް ކުރިންވެސް އޮތީ ހީވެފައެވެ.

"ކީއްވެ؟" އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން މިއުވާނަށް އަހާލެވުނެވެ. އޭނާއަށް އިޙުސާސްވީ މީހަކު އޭނާގެ ކަރުގައި ހިފައި ހާސްކޮށްލަން އުޅޭހެންނެވެ.

"ކީއްވެކަން އަހަރެން ބުނާނަން ދެމީހުން ދިމާވީމަ." ވަރަށް ހަމަޖެހިލާފައި އެމީހާ ޖަވާބުދިނެވެ.

"ދެން ނީޝް ފޮނުވަދީ! އާދޭސްކޮށްފަ ބުނަން!" އަނެއްކާވެސް މިއުވާން އާދޭސްކުރަންފެށިއެވެ.

"ނީޝް ބަލާ އަންނަންޖެހޭނީ މިއުވާން އެކަނި. ހަދަންވީ ގޮތް ކިޔައިދޭން އަހަރެން މިރޭ އަދި ގުޅާނަން. ނަމަނަމަ ފުލުހުންނަށް ނާންގާތި! އަހަރެންނަށް އެނގޭނެ އެންގިޔަސް. މިކުއްޖާގެ ފުރާނަ ސަލާމަތްކުރުން އެއީ މިހާރު ކަލޭމެންގެ އަތްމަތީގަ އޮތް ކަމެއް. އެކަން ހަނދާން ކުރާތި!" ކުރިންވެސް ބުނި ކަންތައް އެމީހާ ހަނދާންކޮށްދިނެވެ.

"އެކަމަކު......" މިއުވާނަށް ބުނެވުނީ އެހިސާބަށެވެ. އެކޮޅުން ފޯނު ކަނޑާލިއެވެ.

މިޖެހުނީ ކިހާ ބޮޑު ކަމެއް ހެއްޔެވެ؟ އެ ކުޑަކުޑަ ކުއްޖާ މަންމަ ހޯދަން ރޯނެވަރު މިއުވާނަށް އެނގެއެވެ. އެއީ ކައިރީގައި މަންމަ ނެތީއްޔާ ނިދާ ކުއްޖެއްވެސް ނޫނެވެ. އެކުއްޖާއަށް ކާން ދިނުމަކީވެސް ކިހާ އުނދަގޫކަމެއްކަން އެންމެ ރަނގަޅަށް އެނގޭ އެކަކަކީ މިއުވާނެވެ.

"ބައްޕާ!" ވާހަކަ ނުދައްކާ އިރުގަނޑަކު ފޯނު ކަންފަތުގައި ޖަހައިގެން މިއުވާން ހުންނަން ފެށުމުން މާނިއު އައިސް މިއުވާންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. މިއުވާނަށް ހަމަ ބިމަށް އާދެވުނީ ދެނެވެ. އޭރު އެންމެން ތިބީ އެކޮޅުން ގުޅި މީހާ ދެއްކި ވާހަކަތައް އަޑު އެހުމަށްޓަކައި ކެތް މަދުވެފައެވެ.

މިއުވާން ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ. އެއަށްފަހު މަޑުމަޑުން ގޮސް ކައިރީގައި ހުރި ސޯފާގެ ގޮނޑިއެއްގައި އިށީނެވެ. އަދި ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު އެމީހާ ދެއްކި ވާހަކަތައް ކިޔައިދިނެވެ.

"މާނިއު އަހަރެންގެ ދަރިފުޅު ގެނަސްދީ! ހެޔޮނުވާނެ! އެކުއްޖާ އަހަރެން ނުފެނި ގިނައިރުވެއްޖެއްޔާ ވަރަށް ރޯނެ. ޕްލީޒް!" މިއުވާންގެ ވާހަކަތައް އަޑުއަހަން ހުރެފައި ބަސްމާ މާނިއުގެ އަތުގައި ހިފާ ތަޅުވައިގަތުމަށްފަހު ރޯން ފެށިއެވެ. އޭނާއަށް ކުރާނެ އިޙުސާސް އެތާ ތިބި އެންމެންނަށްވެސް އެނގެއެވެ.

"ކެއްކުރޭ ދަރިފުޅާ. އިރާދަކުރެއްވިއްޔާ އަހަރެމެންގެ ނީޝް ސަލާމަތުން އަހަރެމެންނަށް ލިބޭނެ. ދުޢާ ކުރޭ. މައިމީހާ ދަރިންނަށް ކުރާ ދުޢާ އިޖާބަކުރައްވާނެ." ބަސްމާގެ ޙާލު ފެނިފައި އިނާޝާ އައިސް އޭނާގެ ބުރަކަށީގައި ފިރުމާލަމުން ހިތްވަރުދިނެވެ. އޭރު އިނާޝާއަށްވެސް ހުރީ ރޮވިފައެވެ.

އެދުވަހު އެގޭ އެއްވެސް މީހެއްގެ އަރު ތެރެއިން ކާއެއްޗެއް ދިރޭ ގޮތެއް ނުވިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ނީޝަމްއަކީ އެގޭގެ ދިރުމެވެ. އެގޭތެރެއިން ކުޑަކުއްޖެއްގެ އަޑު އިވެން ފެށީ އަށާރަ އަހަރު ފަހުންނެވެ. ނީޝަމް ހޭލާ ހުރީއްޔާ އެކުއްޖާގެ ލޯބިލޯބި އަޑު ގޭތެރެއިން ކަނޑައިގެން ނުދާނެއެވެ. އެއީ މީހުންނާ ވަރަށް ގުޅޭ ކުއްޖެކެވެ. ނުދަންނަ މީހުންނާވެސް ވަރަށް އަވަހަށް ރައްޓެހިވެއެވެ. ޢާއިލާގެ އެންމެންގެ ތެރެއިން ނީޝަމް އެންމެ ދޯޅައީ މިއުވާނާއެވެ. އެއީ ނީޝަމް ބުނާ ކޮންމެ ކަމެއް މިއުވާން ކޮށްދޭތީއެވެ. ކޮންމެ އެއްޗެއް ބޭނުންވިޔަސް އެކުއްޖާ އެންމެ ފުރަތަމަ ދުއްވައިގަނެގެން ދަނީ މިއުވާން ކައިރިއަށެވެ. އަދި ނީޝަމް ބައްދާލާފައި އެދޭ ކޮންމެ އެއްޗެއް މިއުވާން ލޯތްބާއެކު ހޯދައިދެއެވެ.

ރޭގަނޑުގެ ވަގުތެވެ. ޢިޝާ ނަމާދަށްފަހު އެންމެން ގޭ ފެންޑާގައި ހުރި ސޯފާގެ ގޮނޑިތަކުގައި މަޑުކޮށްލައިގެން ތިބީ އެމީހާގެ ފޯނު ކޯލުގެ އިންތިޒާރުގައެވެ. ގުޅާނެ ވަކި އިރެއް އެމީހާ ނުބުނެއެވެ. އެހެންކަމުން އިންތިޒާރުކުރުން ނޫން ގޮތެއް ނެތެވެ. އެންމެން އެއްތާކު ތިބި ނަމަވެސް އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. އެންމެންވެސް ތިބީ ބޮޑު ފިކުރަކަށް ގެއްލިފައެވެ.

އެގޮތަށް އެމީހުން ތިބޭތާ ތިން ގަޑިއިރު ވީ އިރުވެސް އެމީހާގެ ކޯލެއް ނަޔެވެ. އެހެންކަމުން އިނާޝާއާއި ބަސްމާ ކައިރީގައި ނިދަން ދިއުމަށް މިއުވާން އެދުނެވެ.

"އަހަރެން ކިހިނެއް ނިދާނީ؟ ނޭނގެ އެކުއްޖާ ހުރީ އެއްޗެއް ކައިގެން ކަމެއްވެސް." ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލާފައި ނޭފަތް އެތެރެއަށް ދަމާލަމުން ބަސްމާ ބުންޏެވެ. ނުދަންނަ ފިރިހެނެއްގެ ކައިރީގައި ދަރިފުޅު ހުއްޓައި މަޔަކަށް ނިދަން ކެރޭނެހެއްޔެވެ؟ އެކަން މިއުވާންވެސް ޤަބޫލުކުރެއެވެ. ޚުދު އޭނާއަށްވެސް މިރޭ ލޮލުފިޔައެއް ނުޖެހޭނެއެވެ.

ގަޑިން އެގާރަ ޖަހަން ކައިރިވެފައި ހުއްޓައި މިއުވާންގެ ފޯނު ރިންގުވާން ފެށިއެވެ. ބަލާލިއިރު ފޯނުގެ ސްކްރީނަށް އަރާފައި އޮތީ ކުރިންވެސް އަރާފައި އޮތް ގޮތަށް "ޕްރައިވެޓް ނަންބަރ" އެވެ.

"އަހަރެން ފޮނުވާނަން ހުޅުމާލޭގެ އެޑްރެހެއް. އެ އެޑްރެހަށް މާދަމާރޭ ބާރަ ޖަހާއިރު މިއުވާން އެކަނި އާދޭ. އަންނައިރު މިއުވާންގެ އިސްލާމިކް ބޭންކްގައި ސޭވްކުރަން ލާފައި ހުރި ފަންސާސް ހާސް ރުފިޔާ ދަބަހަކަށް އަޅައިގެން ގެންނާތި." ވަރަށް ޔަޤީންކަމާއެކު މިއުވާންގެ އެކައުންޓްގައި ހުރި ސީދާ އަދަދު އެމީހާ ބުނެލިއެވެ. އެކަމާ މިއުވާން ވަރަށް ބޮޑަށް ހައިރާންވިއެވެ. ނަމަވެސް އެހާ ބޮޑު ކަމެއް ރާވައިގެން ކުރަމުންދާ މީހަކަށް އެ ހުރިހާ މަޢުލޫމާތެއް ހޯދަން އުނދަގޫ ނުވާނެކަން މިހާރު މިއުވާނަށް އެނގިއްޖެއެވެ.

"އަދިވެސް އެއްފަހަރު ހަނދާންކޮށްދޭނަން! ނަމަނަމަ ފުލުހުންނަށް ނާންގާތި! އަދި އަންނަންޖެހޭނީ މިއުވާން އެކަނި. އަހަރެންގެ ބައިވެރިން މިހާރުވެސް އެތިބީ ފާރައަށް." އެމީހާގެ އާދައިގެމަތިން އަމުރުވެރި ރާގަކަށް އިންޒާރުދީފައި ފޯނު ބޭއްވިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ