ނޫސްވެރިކަމުގެ އެވޯޑް ހަފްލާއެއްގެ ތެރެއިން - ފޮޓޯ: އަވަސް

ނޫސްވެރިކަމުގެ އިނާމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، އިނާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު 2020 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވައިލައިފީމެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެފައި ވަނީ އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންކަމަށެވެ. މި ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" މިހާރު ވަނީ އާންމު ކޮށްފައެވެ.

އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:

(ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)

(ށ) އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން

(ނ) ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ

(ރ) ސިޔާސީ

(ބ) ޝަރުއީ އަދި ޤާނޫނީ

(ޅ) ވިޔަފާރިއާއި އިޤުތިޞާދު

(ކ) ކުޅިވަރު

(އ) ފޮޓޯ ޖާރނަލިޒަމް

(ވ) ވީޑިއޯ ޖާރނަލިޒަމް

(މ) ފީޗަރ / ރިޕޯޓް

(ފ) އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު

މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 2020 ސެޕްޓެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ވަނީ ދަންނަވާފައެވެ. އަދި މި މުއްދަތު އެހެން އަހަރު ތަކެކޭ އެއްގޮތަށް އިތުރު ނުކުރެވޭނެ ކަމުގައިވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

އިނާމު ޙައްޤުވާ ނޫސްވެރިން ހޮވުމަށްޓަކައި، މޯލްޑިވްސް މީޑިއާ ކައުންސިލުން ފަނޑިޔާރުންގެ ޕެނަލެއް ކަނޑައަޅަންވާނެކަމުގައި އުޞޫލުގައި ވަނީ ބުނެފައެވެ. މި ޕެނަލް އެކުލެވިފައި އޮންނަން ވާނީ ނޫސްވެރިކަމުގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ދިވެހިންނާއި ރާއްޖޭގެ މީޑިއާގައި މަސައްކަތްކޮށް މީޑިއާގެ ވެށި ރަނގަޅަށް ދަސްވެފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ޤަބޫލުކުރެވޭ ދިވެހިންގެ މައްޗަށްކަމުގައިވެސް އެ އުޞޫލުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ