ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޮހާނާ ބެއްޑާޖު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރމިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި ވ ރޮހާނާ ބެއްޑާޖު ހަވާލުވެ ވަޑައިގަންނަވާފައިވާތީ އެ ކަމަށް އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.
ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސްރީލަންކާގެ ސަފީރު ވަނީ ދެ ޤައުމުގެ މެދުގައި ބަދަހިވަމުންދާ ގާތް ގުޅުމަށް އަލިއަޅުއްވައިލައްވާފައިވާކަމަށެވެ.
އެ ގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ގިނަ ދުވަހަށް ދެމިގެންދިއުމުގެ އަސްލަކީ ދިވެހިންނާއި ލަންކާގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުންކަން ފާހަގަކުރައްވައި، އެކަމުގެ ހަޤީޤަތަކީ ދެ ޤައުމުގައި ވެސް އެއްގޮތް ސަޤާފަތެއް އޮތުންކަން ފާހަގަކުރެއްވިކަމަށާއި އަދި، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވަމުން ދެ ބޭފުޅުން ވަނީ، ތަޢުލީމު، ސަޤާފީ އަދި ޕަރފޯމަންސް އާޓްސްގެ ދާއިރާއިން އިތުރަށް ގުޅުންތައް ހަރުދަނާކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރެއްވިއެވެ.




