ޕީޕީއެމާއި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން އެ ކޯލިޝަނުން ހިންގާ ސިޔާސީ ހަރަކާތްތަކާއި ގުޅިގެން ސަރުކާރުން ކުރާ އެކިކަހަލަ ޖޫރިމަނާތަކަށްވާ ފައިސާ ދެއްކުމަށް އެހީތެރިކަން ހޯދުމަށް އިއްޔެ ހުޅުވި "ހައްގު ފޮށި" ފަންޑަށް އޮންލައިންކޮށް މިހާރު ފައިސާ ޖަމާކުރެވޭނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޕީޕީއެމްގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓް މިހާރުވަނީ އެކްޓިވޭޓް ވެފައި ކަމަށާއި، ވީމާ ބޭންކް އޮފް މޯލްޑިވްސް އާއި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ޕީޕީއެމްގެ އެކައުންޓަށްވެސް މިހާރު ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.
މި ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ފައިސާ ޖަމާކުރުމަށްފަހު ސްލިޕްކޮޅު 7218787 އަށް ވައިބަރ ނުވަތަ ވަޓްސްއަޕް ކޮށްދެއްވުން އެދޭ ކަމަށެވެ.

ޕީޕީއެމްގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފަންޑު ފޮށި ހުޅުއްވައިދެއްވީ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އެވެ. އެމަނިކުފާނާއި އެ ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ފަންޑު ފޮއްޓަށް އެ ރަސްމިއްޔާތުގައި ފައިސާ ޖަމާކުރި އެވެ.




