ސަރުކާރުން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން ހަރުކަށިކޮށް ކުއްވެރި ކުރާކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ގޮވާލައިފިއެވެ.
ޑީއާރުޕީ އިން މިހެން ގޯވާލާފައި މިވަނީ އިދިކޮޅުގެ ޒުވާނުން އިސްނަގައިގެން އިއްޔެ މާލޭގައި އިންތިޒާމް ކުރި ސުލްޙަވެރި ސައިކަލް ބުރުގެ ތެރެއިން ގިނަ ޢަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައިވުމާއި ގުޅިގެންނެވެ.
އިއްޔެގެ އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. ފުލުހުން ވިދާޅުވީ މި މީހުން ހައްޔަރުކޮށްފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭގޮތަށް، އެޗްޕީއޭގެ ގައިޑްލައިން ތަކާއި ޚިލާފަށް އެއްވުމާއި ގުޅިގެން ކަމަށެވެ.
ޑީއާރުޕީ އިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަކީ އުޒުރަކަށް ހަދާ، ރައްޔިތުން ހިޔާލު ފާޅުކުރަން މަގުމައްޗަށް ނުކުތުމުން، ވެރިޔަކީ ކާކުކަން އޮޅިފައިވާ އެމްޑީޕީ ސަރުކާރުން، ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން ވަރަށް ހަރުކަށިކޮށް ޑީއާރުޕީ އިން ކުއްވެރި ކުރާ ކަމަށެވެ. އަދި އެއްވުމުން ހައްޔަރުކުރި އެންމެންނާއި ޕީޕީއެމްގެ ލީޑަރ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްް ވަގުތުން ދޫކޮށްލުމަށް ވެސް ގޮވާލިއެވެ.
ބައެއް ޒުވާނުން ހައްޔަރު ކުރުމާއި ގުޅިގެން އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އިދިކޮޅުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނީ، އިއްޔެ ކުރިއަށް ގެންދިޔަ ޙަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ޒުވާނުން ރާވާ އިންތިޒާމްކުރި ޙަރަކާތެއްކަމަށްވެފައި ޒުވާނުން ވަރަށް ސުލްޙަވެރިކަމާއެކު ތިއްބާ ފުލުހުން އައިސް އެމީހުން ހައްޔަރު ކުރުމަށް ޢަމަލުތައް ބެހެއްޓި ގޮތުން މި މިންގަނޑުތަކާ ޚިލާފުވެފައިވާތީ ކަންބޮޑުވާކަމަށެވެ.
އަދި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބިފައިވާތީ އެއްވެސް ޝަރުތަކާނުލާ އެމީހުން ދޫކޮށްލުމަށްވެސް އިދިކޮޅުންވަނީ ގޮވާލާފައެވެ.
އަދި ރާއްޖެ އަޅުވެތި ކުރުމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ އިހްތިޖާޖުތައް ނުހުއްޓުވުމަށާއި ޤާނޫނުއަސާސީން ލިބިދީފައިވާ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށްވެސް އިދިކޮޅުގެ މިބަޔާނުގައި ސަރުކާރަށް ގޮވާލާފައިވެއެވެ.
އިދިކޮޅުން އިއްޔެ ސައިކަލް ބުރު ފަށާފައިވަނީ ރަސްފަންނު ސަރަހައްދުންނެވެ. އަދި ފުލުހުން މި ސައިކަލް ބުރު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުމާއި ގުޅިގެން ވަކި ހިސާބަކުން ސައިކްލްބުރު ހިނގާލުމަކަށް ވަނީ ބަދަލުކޮށްފައެވެ.
ކޮވިޑް-19 ގެ މި ހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.




