ބްލެކް މާކެޓުގައި ނުވަތަ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން މައްޗަށް ދިއުމަށްފަހު ޑޮލަރުގެ އަގު ތިރިވާން ފަށައިފިއެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާ އަށް ދިއުމަށްފަހު މިހާރު މިއަދު ވަނީ 18.15 ރުފިޔާ އަށް ވެއްޓިފައެވެ. ރާއްޖޭގެ ބޯޑަރ ބަންދުވުމާއިއެކު ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު ވަނީ ކަޅު ބާޒާރުގައި އުފުލިފައެވެ. ނަމަވެސް އަނެއްކާ މިހާރު މިވަނީ ޑޮލަރުގެ އަގު ތިރިވާން ފަށައިފައެވެ.
މި ހިނގާ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާ އަށް އުފުލިފައި ހުރުނަމަވެސް މިއަގު ކޮންމެ ދުވަހަކު މިހާރު އަންނަނީ ތިރި ވަމުންނެވެ. މިދިޔަ އާދިއްތަ ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 19 ރުފިޔާ އަށެވެ. އިއްޔެ ކަޅު ބާޒާރުގައޮ ޑޮލަރުގެ އަގު 18.80 ރުފިޔާ އަށް ހުރިނަމަވެސް މިއަދު މިހާރު ހުރީ 18.20 ރުފިޔާ އަށެވެ.
ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ރޭޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 15.42 ރުފިޔާ އެވެ. ނަމަވެސް ވިޔަފާރިންނަށް ޑޮލަރު ލިބުން ދަތިވުމާއިއެކު ޑޮަލަރުގެ އަގު ވަނީ އުފުލިފައެވެ. ރާއްޖެ އިން ބޭރުން މުދާ ގެނަސްގެން ވިޔަފާރިކުރާ ބައެއް ވިޔަފާރިވެރިން ބުނާގޮތުގައި ޑޮލަރު ލިބުން ދަތިވުމުން ކުޑަ އަގެއްގައި ޑޮލަރު ނުލިބެއެވެ. ނަމަވެސް މިހާރު ޑޮލަރުގެ އަގު ތިރިވަމުންދަނީ ޑޮލަރަށް މި ވަގުތު އޮތް ޑިމާންޑް ދަށްވުމުންނެވެ.
ޑޮލަރުގެ އަގު އުފުލުމާއިއެކު ބާޒާރުގައި މުދަލުގެ އަގުވެސް ވަނީ ކޮންމެސް ވަރަކަށް އުފުލިފައެވެ. އަދި އޮންލައިން ޓްރޭޑް ތަކުގެ ސަބަބުން ރާއްޖެއިން އެތައްބައިވަރު ޑޮލަރެއް ބޭރުވަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ބޯޑަރ ބަންދުވުމާއިއެކު ވެސް ރާއްޖެއަށް އެތެރެވާ ޑޮލަރުގެ ނިސްބަތް ވަނީ ބޮޑު ތަނުން ދަށްވެފައެވެ. ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާ އެކު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ އިތުރުވާން ފަށައިފަ އެވެ.



