ރާއްޖެ އަށް ދިމާވާ ކޮންމެ ނިކަމެތިކަމަކީ މުޅި ރައްޔިތުން ހިތާމަކޮށް ރޯންޖެހޭނެ ކަމެއް: މުހައްމަދު އިސްމާއިލް

ރާއްޖެ އަށް ދިމާވާ ކޮންމެ ނިކަމެތިކަމަކީ މުޅި ރައްޔިތުން ހިތާމަކޮށް ރޯންޖެހޭނެ ކަމެއް ކަމުގައި ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މުހައްމަދު އިސްމާއިލް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން ތަކެތީގެ އަގު ކޮންޓްރޯލް ކޮށްފައިވަނިކޮށްވެސް، އެންޑީއެމްއޭއިން މުދާ ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ ބޮޑުކޮށް ތަކެތި ގަނެފައިވާކަން، ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވުމާއި ގުޅިގެންނެވެ.

މުހައްމަދު އިސްމާއިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުން ކަނުބަދެފަ ބައިތިއްބައިގެން ދިވެހިރާއްޖެ ދަތުރުކުރުވަމުން މިގެންދަނީ ރަނގަޅު މިސްރާބައްތޯ ނޫންތޯ ބެލުމަކީ ދިވެހިރައްޔިތުން ރެޔާދުވާލު ފާރަވެރިވެ ކުރަންޖެހޭކަމެއް ކަމަށާއި މީ އަހަރެމެންގެ ގައުމު ކަމަށެވެ. އަދި މި ގައުމަށް ދިމާވާ ކޮންމެ ނިކަމެތިކަމަކީ އަހަރެމެން މުޅި ރައްޔިތުން ހިތާމަކޮށް ރޯންޖެހޭނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ކޮވިޑް-19 ގެެ އޮޕަރޭޝަންގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި މި އޮޕަރޭޝަނާއި ގުޅިގެން ހަރަކާތްތެރިވި އެހެނިހެން ފަރާތްތަކަށް މާލެއާއި ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި އެކޮމޮޑޭޝަން ހަމަޖައްސާފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްބަސްވުމެއް ތައްޔާރުކޮށްފައި ނުވާކަމާއި ސަރުކާރުން ތަކެތީގެ އަގު ކޮންޓްރޯލް ކޮށްފައިވަނިކޮށްވެސް، އެންޑީއެމްއޭއިން މުދާ ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ ބޮޑުކޮށް ތަކެތި ގަނެފައިވާކަން ހާމަވެފައިވެއެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން 34 ގެސްޓު ހައުސްއަކަށް 16 މިލިއަން ރުފިޔާ ޚަރަދުކުރިކަމަށާއި އެންޑީއެމްއޭ) އިން އޯޑަރުކުރި 22 މިލިއަން ރުފިޔާގެ މުދާ ލިބިފައިވާކަން ކަށަވަރު ނުކުރެވޭކަމަށް ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަކޮށްފައި ވެއެވެ.

އެގޮތުން މި ރިޕޯރޓްގައި ބުނެފައިވަނީ، ދައުލަތުގެ ޚަރަދު ރިކޯޑުކުރުމަށް ބޭނުންކުރާ ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ތަކެތި ލިބުނު ކަމަށް ރިކޯޑުކުރާނީ އޯޑަރުކުރެވުނު ތަކެތި ލިބުމުން އެ ތަކެއްޗާ ހަވާލުވާ ފަރާތުން، އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ހުރިތޯ ބަލައި، ސޮއިކުރުމަށް ފަހުގައިކަމަށާއި، ނަމަވެސް، ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ސާމާނު ހޯދުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕލކ (އެސް.ޓީ.އޯ) އަށް އޯޑަރުކޮށްފައިވާ ޖުމުލަ 22,437,177 (ބާވީސް މިލިއަން ހަތަރު ސަތޭކަ ތިރީސް ހަތް ހާސް އެއް ސަތޭކަ ހަތްދިހަ ހަތެއް) ރުފިޔާގެ ތަކެތި ނުލިބެނީސް އެ ތަކެތި ލިބުނުކަމަށް ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ރެކޯޑުކޮށްފައިވާކަން ފާހަގަކުރެވޭކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ