ބާސެލޯނާއާއި ދެކޮޅަށް އެކްލަބުގެ ކުރީގެ ކީކޭ ސެޓިއެން ދަޢުވާ ތައްޔާރު ވެއްޖެއެވެ.
ބާސެލޯނާއާއި ދެކޮޅަށް ސެޓިއެން ދަޢުވާކުރަން ނިންމާފައިވަނީ، އެކްލަބުގެ ކޯޗުކަމުން އޭނާ ވަކިކޮށް އެކަން އާންމުކޮށްފައިވީނަމަވެސް ބާސެލޯނާގެ ފަރާތުން ރަސްމީކޮށް ސެޓިއެންއަށް އަންގާފައިނުވާތީއެވެ.
ސެޓިއެން ނެރެފައިވާ ބަޔާނެއްގައި ބުނީ، ބާސެލޯނާގެ ކޯޗުކަމުގެ މަޤާމުން އޭނާ ވަކިކުރިކަން މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ބާސެލޯނާއިން އިޢުލާންކޮށްފައިވީނަމަވެސް، ރަސްމީކޮށް އޭނާއަށް އެކަން އަންގާފައިވަނީ އޭގެ އެއްމަސްފަހުން މިހިނގާ ސެޕްޓެމްބަރު މަހުގެ 16 ގައި ކަމަށެވެ.
ސެޓިއެން ބުނާ ގޮތުން ބާސެލޯނާއިން ޢަމަލުކޮށްފައިވަނީ އެކްލަބާއެކު އޭނާ ވެފައިވާ އެއްބަސްވުމާއި ޚިލާފަށެވެ.
އާނެސްޓޯ ވަލްވާޑޭ ވަކިކޮށް ކީކޭ ސެޓިއެން ބާސެލޯނާގެ ކޯޗުކަމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ސެޓިއެން ބާސެލޯނާގެ ކޯޗުކަމަށް ގެނައީ 2022 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. އެކަމަކު އެ އެއްބަސްވުމުގައިވާ ގޮތުން ކޮންމެ ސީޒަނެއް ނިމުމުން ވަކި ކަންތައްތަކެއް ފުރިހަމަ ނުވެއްޖެނަމަ ސެޓިއެން ވަކިކުރުމުގެ އިހުތިޔާރު ބާސެލޯނާ އަށް އޮވެ އެވެ. އެކަމަކު ފުރަތަމަ ސީޒަނަކީ އެއްކޮށް ފުރިހަމަ ސީޒަނެއްގެ ގޮތުގައި ނުގުނޭނެތީ އެ މާއްދާ އަށް ބަލައި ސެޓިއެން ވަކިނުކުރެވޭނެކަަމަށް އޭނާ ގަބޫލުކުރެ އެވެ.
ނަމަވެސް ކީކޭގެ ފަރާތުން ބާސެލޯނާއަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާއިރު، މިދިޔަ މަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި 8-2 އިން ބަޔާން މިއުނިކް އަތުން ލަދުވެތި ނަތީޖާ އަކުން ބާސެލޯނާ ބަލިވުމާ އެކު ސަޕޯޓަރުންގެ ޕްރެޝަރާ ހެދި ސެޓިއެން މަގާމުން ދުރުކުރަން ބާސެލޯނާއަށް މަޖުބޫރުވިއެވެ.
ބާސެލޯނާގެ ކޮންޓްރެކްޓް ކެންސަލްކުރަން ބަދަލެއްގެ ގޮތުގައި އަށް މިލިއަން ޔޫރޯ ދޭން ސެޓިއެން ޑިމާންޑްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.




