މިފްކޯގެ ވަސީލަތްތައް ތަރަގީ ކުރުމަށް ސަރުކާރުން 30 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކުރިއަށްތަނުގައި ފަށާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯ އިން އަދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރައްވަމުން މިފްކޯގެ ހިންގަމުން އަންނަ މައި ކުންފުނި އެސްޓީއޯއިން ބުނެފައިވަނީ، މަސްވެރިކަމާ ގުޅޭކަންކަން ތަރައްޤީކޮށް، ޒަމާނީ ފެންވަރަށް މިފްކޯގެ ކަންކަން ބަދަލުކުރަމުން އަންނަކަމަށެވެ.
އެގޮތުން މިފްކޯގެ ވަސީލަތްތައް ތަރައްގީ ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، ސަރުކާރުން ގާތްގަނޑަކަށް 30 މިލިއަން ޑޮލަރުގެ ޕްރޮޖެކްތެއް ފަށައިގަންނަން ނިއްމާފައިވާކަމަށެވެ.
އެގޮތުން ކޫއްޑޫގައި މަސް ކާރުހާނާގެ ސްޓޯރޭޖް ކެޕޭސިޓީއަށް ހައްލެއް ގެނެސް ގާތްގަނޑަކަށް އިތުރު 4000 ޓަނުގެ ސްޓޯރޭޖް އިތުރުކުރެވޭނެކަމަށް ފައުޒީ މައުލޫމާތުދިނެވެ. އަދި މީގެއިތުރުން، ފެލިވަރުގައި 700 ޓަނުގެ ސްޓޯރޭޖެއް ހުރިއިރު ފެލިވަރުގައި ފްރީޒިން ކެޕޭސިޓީއެއް ނެތް ކަމަށާއި އެހެންކަމުން އެންމެ ފުރަތަމަ ފެލިވަރުގައި 200 ޓަނުގެ ފްރީޒިން ކެޕޭސިޓީއެއް ޤާއިމްކޮށް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ފައުޒީ މައުލޫމާތުދިނެވެ.
ހަތް އަހަރަށް ފަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ނިންމައިފައިވާކަންވެސް މި ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.
ފައުޒީ ވިދާޅުވީ، ހަތް އަހަރަށް ފަހުން، ކުރިއަށް އޮތް ތަނުގައި ފްލޯޓިން މެކޭނިސަމް ޕްރައިސައަކަށް މަސް ގަންނަ އަގު ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
ފައުޒީ ވިދާޅުވީ، މި ބަދަލަށް އަމަލުކު ރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންކަމަށާއި، މި ބަދަލާއެކު މިފްކޯއަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ހާއްސަކޮށް ކޭޝްފްލޯ މެނޭޖް ކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.