ފޮޓޯ: ރައީސް އޮފީސް

ޑްރަގް ފަރުވާގެ ނިޒާމު ހަރުދަނާ ކުރަން ނައިބު ރައީސް އެދިވަޑައިގަންނަވައިފި

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގަންނަވައިފިއެވެ.

އެ މަނިކުފާނު މި ކަމަށް އެދިވަޑައިގަންނަވާފައި ވަނީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) ގެ ބޯޑާއިއެކު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެން.ޑީ.އޭ.އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ އިދާރާއެއްކަމުގައި ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) އާއި އެއްގޮތަށް ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމުގައި ވެސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް އިސްކަންދެވިފައިވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާންހުރި ދޮރުތައް ބަންދުކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އެން.ޑީ.އޭ.ގެ ބަޖެޓާއި ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އެ އިދާރާގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި، ފަރުވާއަށްފަހު މުޖުތަމަޢާއި އަލުން ގުޅޭ ޒުވާނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި އެން.ޑީ.އޭ.ގެ ބޯޑުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެ ބޭފުޅުން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވި ގޮތަށް މަސައްކަތްތައް ބައްޓަންކުރާނެކަމަށާއި، އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބޯޑުގެ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަން ފާހަގަކުރައްވާފައިކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ މުޞްޠަފާ ލުޠުފީ އަދި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަޙްމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ