މަސްވެރިކަން ކުރުމުގައި ރައްކާތެރިވުމުގެ ގޮތުގައި އެޅޭނެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުން މުހިންމު ކަމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިދަޅުވެއްޖެއެވެ.
މިފްކޯއިން މި ގޮތަށް ވިދާޅުވެފައި މިވަނީ މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި އިއްޔެ ދިވެހި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރުމާއި ގުޅިގެންނެވެ. މި ހާދިސާ ހިނގާފައި ވަނީ އދ. މާމެންދޫގެ ހުޅަނގުން 101 ނޯޓިކަލް ބޭރުގައި މަސްވެރިކަން ކުރަން އުޅުނު “ކޮންކޯޑު” ނަކަމަށް ކިޔާ ދޯންޏެއްގައެވެ.
މިހާދިސާގައި ބުޅި ހެރިފައިވަނީ އުމުރުން 65 އަހަރުގެ ދިވެއްސެއްގެ ލޮލަށްކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.
މިހާދިސާއާއި ގުޅިގެން މިފްކޯއިން ވަނީ އއ. އުކުޅަސް ކޮންކޯޑް ދޯނީގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއްހެރުނު ހަބާރާއި ގުޅިގެން އެމީހާގެ ހާލު ބެލުމަށް އާއިލާއަށް ގުޅާފައެވެ. އަދި އާއިލާއިން ވަނީ އެމީހާގެ އޮޕަރޭޝަން އެވަގުތު ކުރިޔަށްދާ ވާހަކަ ދަންނަވާފައި ކަމަށް މިފްކޯއިން ވިދާޅުވެފައިވެއެވެ.
މިފްކޯއިން ވަނީ އެމީހާއަށް އަވަސް ޝިފާއަކަށް އެދި، މަސްވެރިކަން ކުރުމުގައި ރައްކާތެރިކަމުގެ ގޮތުގައި އެޅޭނެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް އެދިލައްވާފައެވެ.
އއ އުކުޅަސް ކޮންކޯޑް ދޯނީގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއްހެރުނު ހަބާރާއި ގުޅިގެން އާއިލާއަށް ހާލުބެލުމަށް ގުޅުމުން މިވަގުތު އޮޕަރޭޝަންކުރިއަށްދާވަހަކަ ދެންނެވި. އަވަސް ޝިފާއަކަށް އެދެން! ރައްކާތެރިގޮުތުގައި މަސްވެރިކަން ކުރަން އެޅޭނެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުން މުހިންމު
— MIFCO (@mifcomv) September 22, 2020
ރާއްޖޭގައި މީގެ ކުރިންވެސް ވަނީ މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ބައެއް ފަރާތްތަކުގެ ލޮލަށް ބުޅި ހެރި ފަރުވާ ދީފައެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ވަނީ 37 އަހަރުގެ ދިވެހި މަސްވެރިޔެއްގެ ލޮލަށް ބުޅިއެއް ހެރި ފަރުވާ ދީފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައިވެސް ދެ މީހެއްގެ ލޮލަށް ބުޅި ހެރިގެން ފަރުވާ ދީފައި ވާއިރު، ޑިންގިއެއް ބަނޑުން ޖަހާލައި މީހެއްގެ ދެ ފަޔަށް ބުޅި ހެރުމުގެ ހާދިސާއެއް މިއަހަރުގެ ޖޫން މަހުގެ ތެރޭގައިވެސް ވަނީ ހިނގާފައެވެ.
މީގެ އިތުރުންވެސް މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ވަނީ ނުރައްކާތެރި އެތައް ހާދިސާއެއް ރާއްޖޭގައި ހިނގާފައެވެ.