ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރަން ނިންމައިފި

ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރަން ނިންމައިފިއެވެ.

ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނުގެ ދަށުން ހައިކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާއި އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ނިންމަވާފައިވަނީ ސ.މަރަދޫ ޒެފެއަރ، އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ އާއި ކ.ދިއްފުށީ ސްވީޓްމީޑް، އަލްއުސްތާޛު ޙަސަން ޝަފީޢު އެވެ.

"ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން ސްކްރީންކޮށް، އިންޓަވިއުކުރުމަށްފަހު ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގެ ތަރުތީބުން، "ހައިލީ ރިކޮމެންޑް" ކޮށްފައިވާ ސ.މަރަދޫ ޒެފެއަރ، އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ އާއި "ރިކޮމެންޑް" ކޮށްފައިވާ ކ.ދިއްފުށީ ސްވީޓްމީޑް، އަލްއުސްތާޛު ޙަސަން ޝަފީޢު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ފެންނަކަމަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ މިއަހަރުގެ 68 ވަނަ ޖަލްސާއިން ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއަކީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު މިހާރުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެއްް ކަމަށާއި ޤާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނަރސް) އަދި މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެއްކަމަށްވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޤާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރި މިބޭފުޅާއަކީ ޕަބްލިކް ޕްރޮސެކިއުޓަރއެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، މިދާއިރާއިން ކިޔަވާދިނުމުގެ ތަޖުރިބާވެސް ހުރި ބޭފުޅެކެވެ.

އަލްއުސްތާޛު ޙަސަން ޝަފީޢުއަކީ ޤާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ލޯ (އެލް.އެލް.ބީ) އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެއްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގައާއި ސިވިލް ކޯޓުގައި މަސައްކަތްކުރައްވަމުން ގެންދަވާ އަލްއުސްތާޛު ޙަސަން ޝަފީޢުއަކީ ޤާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެއްކަމަށާއި މިދާއިރާއިން ކިޔަވާދިނުމުގެ އިތުރުން ޤާނޫނުތައް ޑްރާފްޓް ކުރެއްވުމުގައިވެސް މަސައްކަތް ކުރައްވާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ