ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް އެމްޑީޕީގެ މެމްބަރުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެނައުމަށް ހުށަހަޅާ އިސްލާހުތަކެއް އެ ކޮމިޝަނުން ވަނީ އެކުލަވާލާފައެވެ.
އެމްޑިޕީ އިން ވިދާޅުވީ، ކޮމިޝަނުން ހުށަހަޅާ އިސްލާހުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ސެޕްޓެމްބަރ 27 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުނަށް ހުޅުވާލާ ކަމަށެވެ. މެމްބަރުންގެ ޚިޔާލުތައް ފޮނުއްވާނީ އެމްޑީޕީގެ [email protected] އީމެއިލް އެޑްރެސްއަށެވެ.
ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޕާޓީތައް ސަސްޕެންޑު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ. މިހާރު ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީތައް ސަސްޕެންޑް ނުކުރެވެ އެވެ. ގާނޫނަށް އަމަލު ނުކުރުމުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި އޮންނަނީ، ޖޫރިމަނާ ކުރުމާއި ޕާޓީ އުވާލުމެވެ.
ހަމައެއާއެކު ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕްގައި 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުުރުމަށާއި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ޕާޓީތަކަށް އިންތިހާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި، ޕާޓީތަކަށް ފައިސާ ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ.
އޭގެ އިތުރުން ޕާޓީތަކުން އެ ފައިސާ ހަރަދުކުރާ ގޮތް ބެލުމުގެ ގާނޫނީ ބާރުވެރިކަން ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ.




