އިންޑިއާ-ރާއްޖެ ކާގޯ ފެރީއަކީ ތިލަދުންމައްޗަށް އަންނަ އިޤްތިޞާދީ އިންގިލާބެއް ކަމަށް ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ކެލާ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ ކުޅުދުއްފުއްޓަށް ބަނދަރުކުރާ ކާގޯ ފެރީއަކީ ތިލަދުންމައްޗަށް އިޤްތިޞާދީ އިންގިލާބެއް ގެންނާނެ ކަމެއް ކަމަށެވެ. އުތުރުގެ ވިޔަފާރިވެރިން މިކަމުގައި އަތް އޮޅާލުމަށް ޝަރީފް ވަނީ ގޮވާލައްވާފަ އެވެ.
"އޮޑި ދޯނި ފަހަރުގައި، ވިޔަފާރި ގެތަކުގައި އަދި ގުދަންތަކުގައި މިކަމުން ނަފާ ހޯދުމަށް މަސައްކަތް ކުރުން ވަރަށް މުޙިންމު" ޝަރީފު ވިދާޅުވި އެވެ.
އިންޑިއާގެ ކޮޗިންއިން ފުރައިގެން ދަތުރު ކުރަމުންދާ މި ކާގޯފެރީ ހދ. ކުޅުދުއްފުއްޓަށް ބަނދަރުކުރާނީ މާދަމާ ފަތިހު 5:00 ޖަހާކަށް ހާއިރުއެވެ. މި ދަތުރުގައިވެސް 500 ޓަނަށްވުރެ ގިނަ މުދާ ގެންނާނެކަމަށް މޯލްޑިވްސް ޝިޕިންގ ލައިންއިން ވަނީ ވިދާޅުވެފައެވެ.
Maadhama Kulhudhuhfuhtah bandharu kuraa cargo ferry akee, Thiladhunmahchah, igthisoadhee ingilaabeh gennaane kameh, Uthuruge viyafaariverin mikamugai aiy olhaala. odidhoani faharuga, viyafaarige thakugai adhi gudhan thakuga mikamun nafaa hoadhumah mashakaiy kurun varah muhinmu,
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) September 25, 2020
އިންޑިއާ އާއި ރާއްޖެއާ ދެމެދު އިއްޔެ އިފްތިތާހުކުރި ކާގޯ ފެރީއާގެ ހިދުމަތާއެކު ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ވަނީ ވިދާޅުވެފައެވެ. އަދި ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރިވެރިން ގަންނަ މުދާ ކަމަށާއި އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށްވެސް އެކޮނޮމިކް މިނިސްޓަރ ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއާއި އިންޑިއާގެ ކޮޗިން އާ ދެމެދު ފަށާ ކާގޯ ފެރީގެ ޙިދުމަތް ވެގެންދާނީ، އުތުރުގެ އަތޮޅުތަކުގެ ރަށްތަކުގެ ތަރައްގީއަށް އާ ފެށުމަކަށްކަމަށް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ އަދި އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރުވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްދި ދަތުރުފުޅުގަ އެވެ.




