ހޮޅުދޫއާއި ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އުތުރުގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫއިން އެކަކު އަދި ހދ. ކުޅުދުއްފުށިން އެކަކު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ނ. ކެނދިކުޅުދުއާއި އެ އަތޮޅު ހޮޅުދޫގެ އިތުރުން ހދ. ކުޅުދުއްފުށީގައެވެ.

ފުލުހުން ވިދާޅުވީ މާލެއިން ކެނދިކުޅުދުއަށް ދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 24 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. މާފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކެނދިކުޅުދުއަށް ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށާއި  ނަމަވެސް މި މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުުކޮށްފައެއް ނުވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން، ސެޕްޓެމްބަރ 24 ވަނަ ދުވަހު މާލެއިން ހަމަ އެ އަތޮޅު ހޮޅުދުއަށް ދާ ބޯޓަކުން ހޮޅުދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ އެ ބޯޓުން ބޭލި ފޮށިގަނޑެއް ހިފައިގެން ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައިވެއެވެ.

މި ސެޕްޓެމްބަރ 23 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 26 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ. ކުޅުދުއްފުށި ބަނދަރު ސަރަހައްދުން އެމީހާ ހައްޔަރުކޮށް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒްގެ ރަބަރު ޕެކެޓެއް ފެނިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިހާރު ފުލުހުން ދަނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ