އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ދިމާލަށް ތިރި ކުރަން ޖެހޭނީ ބޯ ކަނޑާލައިގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިމިވަނީ ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ކުރިއަށްގެންދާ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ އިންޑިއާގެ ސްޓޭޓް ތަކުގައި ކާނެ އެއްޗެއް ނުލިބިފަ ތިބި މީހުން އެބަ އުޅޭކަމަށާއި ކޮވިޑް-19 ގެ މިހާލަތުގައި އިންޑިއާގެ ފްރޮންޓް ލައިންގައި މަސައްކަތް ކުރި މީހުންވެސް ތިބީ އެލަވެންސް ނުލިބިފައިކަމަށެވެ. އެހެންނަމަވެސް ރާއްޖެއަށް 700 މިލިއަން 800 މިލިއަން ޑޮލަރު ޑަގުކުރުމުގައި އޮތީ ކޮން ބޭނުމެއްތޯ އާއި މިކަމުގައި ފޮރުވިފައިވާ ކަންތައްތައް ނޭނގޭ ކަމަށް ޝިޔާމްގެ ވާހަކަފުޅުގައި ވަނި ފާހަގަކުރައްވާފައެވެ.
800 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަނިމާދޫ އެއާރޕޯޓަށް ފްލައިޓްތައް ޖައްސާވާހަކަ ދައްކަނީ ކޮންކަމެއް އޮޅުވާލަން ވެގެންތޯ ވެސް ޝިޔާމް ވަނީ ސުވާލުއުފައްދަވާފައެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މިއަދު ރާއްޖޭގައި މިއޮތީ ގާނޫނީ ވެރިކަމެއް ނޫންކަމަށާއި ރައީސް ޞާލިހް ހުންނެވީ ގާނޫނާއި ޚިލާފުވެފައިކަމަށެވެ. ކޮވިޑް19 ގެ މިހާލަތުގައި މުޅި ދުނިޔެއާއި ރާއްޖެ އޮއްވާ އަވަސް އަރުވާލާފައި މިކުރަނީ ކޮންކަމެއްތޯ އަޅުގަނޑުމެން ދިވެހިން ސުވާލު އުފަންދަން ޖެހޭކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މިގައުމަކީ ކާބަފައިން އަޅުގަނޑުމެންނާއި ހަވާލުކުރި އަމާނާތެއް ކަމަށާއި ލިބޭ ކުޑަ ފައިސާކޮޅަކަށް މިގައުމަށް ބޭނުންހާގޮތެއް ނުހެދޭނެކަމަށްވެސް ޝިޔާމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.



